ކޮލަމްބޯ، ސްރީލަންކާ: ދިވެހި ސަޤާފީ ކުޅިވަރެއް ކަމުގައިވާ ތިންމުގޯލި ދިރުވާ އާލާކުރުމުގެ މަޤްސަދުގައި، ލަންކާގައި ހުންނަ ދިވެހި މަރުކަޒު “ސޯސަންވިލާ” ގައި ވަރަށް ފޯރިގަދަ ތިންމުގޯލި މުބާރާތެއް ބާއްވައިފިއެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ ތިން ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ “ޓީމު ސޯސަން”، “ހުދަންބަރު” އަދި “ޓީމު ގަޑުބަޑު” އެވެ. މިއީ މުޅިންވެސް ލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް އެކުލަވާލެވުނު ޓީމުތަކެކެވެ.

ވާދަވެރި ކުޅުމަކަށްފަހު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ “ޓީމު ސޯސަން” އާއި “ހުދަންބަރު” އެވެ. ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނުއިރު، ދެ ޓީމުވެސް ވަނީ އެއް ލަނޑު ކޮށްގެން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށްޓަކައި އިތުރު 5 މިނެޓުގެ ފުރުސަތެއް ދެ ޓީމަށް ދިން ނަމަވެސް، އަނެއްކާވެސް ދެ ޓީމު ވަނީ އެއް ލަނޑު ކޮށްގެން އެއްވަރުވެފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމު ހޮވާފައިވަނީ މެޗު ނިމުނުއިރު ނުބައިނުވެ ތިބި ކުޅުންތެރިންގެ އަދަދަށް ބަލައިގެންނެވެ. އެގޮތުން މުޅި މުބާރާތުގެ އެއްވަނަ ހޯދައި، “ހުދަންބަރު” ޓީމުން ވަނީ ޗެމްޕިއަންކަން ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ވަނަވަނައަށް އައި ޓީމުތަކަށް ފައިސާގެ އިނާމާއި، ތަށްޓާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
ތިންމުގޯއްޔަކީ ދިވެހި ކާބަފައިންގެ ޒަމާނުއްސުރެ ޢީދު ފަދަ މުނާސަބަތުތަކުގައި ރަށްރަށުގައި ކުޅެއުޅޭ ސަޤާފީ ކުޅިވަރެކެވެ. 1990ގެ އަހަރުތަކުގެ ތެރޭގައި މާލޭގެ ހަތަރު އަވަށުގެ މެދުގައިވެސް މި ކުޅިވަރު މުބާރާތެއްގެ ގޮތުގައި ފޯރިއާއެކު ކުޅެފައިވެއެވެ.

މިފަދަ މުބާރާތްތަކަކީ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކޮށް، ވާދަވެރި މާޙައުލެއްގައި އަމިއްލަ ސަޤާފަތް ދެމެހެއްޓުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ކާބަފައިންގެ މިފަދަ އަގުހުރި ކުޅިވަރުތައް އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހިވަންތަކަން ދެމެހެއްޓުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ.

