ހަންގޭރީގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގެ ތެރޭގައި، އޭރިއަލް ކެމެރާއެއް ދަނޑު މައްޗަށް ވެއްޓުނު ހާދިސާއަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ގުޅުންހުރި ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ މަޢުލޫމާތަކީ ކަމުގެ ހަގީގަތާ ޚިލާފު ދޮގު މަޢުލޫމާތެއްކަން ހާމަވެއްޖެއެވެ.
މި ހާދިސާގެ ވީޑިއޯ ފޭސްބުކްގައި ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ވޯލްޑް ކަޕްގެ ވަރުގަދަ ފޯރި އަދި ރަނގަޅަށް ނުފެށެނީސް މިހާ ގިނަ މައްސަލަތައް ކުރިމަތިވަމުން ދިއުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، ތަހުގީގުތަކުން އެނގޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވޯލްޑް ކަޕް ބާއްވާ ދަނޑުތަކުގެ ތެރެއިން ދަނޑެއްގައެއް ނޫނެވެ.
މި ހާދިސާ ހިނގާފައިވަނީ ޖޫން 9، 2026 ގައި ހަންގޭރީގެ ޑެބްރެސެންގައި ހުންނަ ނަގްޔެރްޑެއި ސްޓޭޑިއަމްގައެވެ. އެއީ ހަންގޭރީ އާއި ކަޒަކިސްތާން ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގެ ތެރޭގައެވެ. ހަންގޭރީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ނަރުތަކެއްގައި ހަރުކޮށްފައި ހުރި އޭރިއަލް ކެމެރާއެއް ދަނޑު މައްޗަށް ވެއްޓުނު އިރު، އެ ކެމެރާ ވެއްޓިފައިވަނީ ދަނޑު ކައިރީގައި މަސައްކަތް ކުރަމުންދިޔަ ކެމެރާ އޮޕަރޭޓަރެއްގެ ވަރަށް ކައިރިއަށެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައެވެ. މި މުބާރާތަށް ހަންގޭރީ އާއި ކަޒަކިސްތާން ކޮލިފައިވެފައެއް ނުވެއެވެ. އަދި ފީފާގެ ރަސްމީ ރެކޯޑްތަކުން ދައްކާގޮތުގައި، މި މެޗަކީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަސްމީ “ވޯމް-އަޕް” މެޗެއް ވެސް ނޫނެވެ.
އެހެންކަމުން، މި ހާދިސާ އާއި ވޯލްޑް ކަޕާ އެއްވެސް ގުޅުމެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ބޭނުންކޮށްގެން ފަތުރަމުންދަނީ ކަމުގެ ހަގީގަތް އޮޅޭފަދަ މަޢުލޫމާތުތަކެކެވެ.
@isaac.medhurst Did you notice a camera broadcasting a live football match suddenly start smoking in midair and then fall from 20 meters above the pitch, landing just one step away from a cameraman?#HungaryVsKazakhstan#Spidercam#ScaryMoment ♬ original sound – Isaac Medhurst
