ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕްރޮޖެކްޓް ޑީ” ގެ ކައުންޓްޑައުން ފަށައިފި! އެއީ ކޮން އެއްޗެއްބާ؟

ދިވެހި ފިލްމީ ދާއިރާގައި ފަހަކަށް އައިސް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ “ޕްރޮޖެކްޓް ޑީ” ގެ އަސްލު ނަން ހާމަކުރުމުގެ ފޯރިގަދަ ކައުންޓްޑައުން މިއަދު ފަށައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމީ އާއިލާ، ޔާރާ ޕްރޮޑަކްޝަނުން އުފައްދާ މި ސިއްރުވެރި މަޝްރޫޢުގެ ނަން މިއަދާ ހަމައަށް އޮތީ ސިއްރުކުރެވިފައެވެ. ނަމަވެސް، މިއަދު ފެށި ކައުންޓްޑައުންއާއެކު، މި ޕްރޮޖެކްޓަށް ކިޔާނެ އަސްލު ނަން ވަރަށް އަވަހަށް އާންމުންނަށް އެނގިގެންދާނެއެވެ. ޕްރޮޑަކްޝަން ޓީމުން ބުނާ ގޮތުގައި، މި މަޝްރޫޢުގެ ހަގީގީ ނަން ރަސްމީކޮށް އިޢުލާން ކުރާނީ 26 ޖޫން 2026 ގައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ މުނިއަވަސް އަށް ބުނެފައިވަނީ، “ޕްރޮޖެކްޓް ޑީ” ގެ ޝޫޓިންގގެ މަސައްކަތްތައް މިހާރު 100 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ގެންގޮސް، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިންގގެ ހުރިހާ މަރުހަލާއެއް ވަނީ ފުރިހަމަކޮށްފައެވެ.

މި ފިލްމުގެ މުހިންމު ގިނަ މަންޒަރުތަކެއް ކެމެރާކޮށްފައިވަނީ ގުދުރަތީ ރީތިކަމަށް މަޝްހޫރު ރ. ފައިނުގައެވެ. ފައިނުގެ ހިތްގައިމު މާހައުލުގައި ކުރިއަށްދިޔަ މި ޝޫޓިންގއަކީ ވަރަށް ތަފާތު ތަޖުރިބާއެއްގެ ގޮތުގައި ޓީމުން ފާހަގަކުރެއެވެ. ފައިނުގެ އިތުރުން މާލެ އަދި އެހެން ސަރަހައްދުތަކުގައިވެސް މަންޒަރުތައް ޝޫޓްކޮށްފައިވެއެވެ.

ޔާރާ ޕްރޮޑަކްޝަނުން ބުނި ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން “ޕްރޮޖެކްޓް ޑީ”ގެ ނަމުގައި އާންމުންނަށް ތައާރަފްކުރި މި އުފެއްދުމުގެ އަސްލު ވަށައިގެންވާ ސިއްރުތައް ކެނޑިގެންދާނެ ވަގުތު ކައިރިވަމުން އަންނާތީ އެ ޓީމުން ތިބީ ވަރަށް ފޯރީގައެވެ.

ޕްރޮޖެކްޓް ޑީ އިން ބޭއްވި ޚާއްޞަ އިފްތާރުގެ ތެރެއިން / ފޮޓޯ: ޔާރާ ޕްރޮޑަކްޝަންސް

ފިލްމީ ފަންނާނުންނާއި ސަޕޯޓަރުން މިހާރު އިންތިޒާރު ކުރަމުންދަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހަށެވެ. އެ ދުވަހު “ޕްރޮޖެކްޓް ޑީ” ގެ ހަގީގީ އައިޑެންޓިޓީ ހާމަވެގެންދާނެއެވެ. އެހާތަނަށް “ސްޓޭ ޓިއުންޑް” ގެ ނަމުގައި ޓީމުން ވަނީ ސަޕޯޓަރުންނަށް ކެތްތެރިކަމާއެކު ތިބުމަށް އެދިފައެވެ.

ޔާރާ އާއިލާއަކީ ރާއްޖޭގެ ފިލްމީ ދާއިރާއަށް ފެންވަރު ރަނގަޅު އުފެއްދުންތަކެއް ގެނެސްދެމުން އަން ޕްރޮޑަކްޝަން ހައުސްއެއްކަން ފާހަގަކޮށްލެވެއެވެ.

6
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top