ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނގަ ނިވާކޮށްގެން ވާހަކަދެއްކުމުން ފުރަތަމަ ފަހަރަށް ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައިފި

ސެން ފްރެންސިސްކޯގައި ކުރިއަށްދިޔަ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ މެޗެއްގައި، އިދިކޮޅު ކުޅުންތެރިއަކާ ވާހަކަދައްކަނިކޮށް އަނގަ ނިވާކުރުމުގެ ސަބަބުން ޕެރަގުއޭގެ މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ. މިއީ މި އައު ޤަވާއިދުގެ ދަށުން ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

ތުރުކީއާ ދެކޮޅަށް ކުޅުނު މި މެޗުގައި އުމުރުން 32 އަހަރުގެ އަލްމިރޯން، ތުރުކީގެ މަރްޓް މުލްދޫރާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަތުން އަނގަ ނިވާކުރިއެވެ. މިކަން މުލްދޫރު ވަގުތުން ކައިރީގައި ހުރި އޮފިޝަލަށް އެންގިއެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (VAR) އިން ބެލުމަށްފަހު، އެލްސަލްވަޑޯރުގެ ރެފްރީ އިވާން ބާޓަން ވަނީ ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ވިންގަރަށް ރަތް ކާޑު ދައްކަން ނިންމިކަން ދަނޑުގައި ތިބި ސަޕޯޓަރުންނަށް އިޢުލާންކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، 1-0 އިން ޕެރަގުއޭ ކުރީގައި އޮއްވައެވެ. މިކަމާ ގުޅޭގޮތުން ބީބީސީ ރޭޑިއޯ 5 ލައިވްގައި ވާހަކަދައްކަމުން އަޔަލޭންޑްގެ ކުރީގެ ފޯވާޑް ކްލިންޓަން މޮރިސަން ބުނީ، ޤަވާއިދު އެނގޭނަމަ އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، ރެފްރީ އާއި ވީއޭއާރުގެ ނިންމުމަށް ސާބަސް ދޭންޖެހޭ ކަމަށެވެ.

މެޗުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވަގުތު އެކަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ޕެރަގުއޭއިން ވަނީ 1-0 އިން މެޗު ކާމިޔާބުކޮށްފައެވެ. ކުރިއަށް އޮތް މެޗުގައި އޮސްޓްރޭލިއާ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ގަދަ 32 ގެ ނޮކްއައުޓް ބުރުން ޖާގަ ލިބޭނެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕެރަގުއޭގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނީ، ޤަވާއިދު އޮތްގޮތުން އަނގަ ނިވާކޮށްފިނަމަ އެއީ ރަތް ކާޑެއް ކަމަށާއި، އެކަމާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތް ކަމަށެވެ. އަދި އަލްމިރޯންގެ އަމަލުގެ ސަބަބުން ޓީމު ބޮޑު ނުރައްކަލަކަށް ހުށަހެޅުމުން ކުޅުންތެރިންގެ ކިބައިން މާފަށް އެދިފައިވާ ކަމަށްވެސް ކޯޗު ބުންޏެވެ.

މި އައު ޤަވާއިދަކީ މިއަހަރުގެ އެޕްރީލް މަހު ވެންކޫވަރުގައި ބޭއްވި “އިފާބް” ގެ ބައްދަލުވުމެއްގައި ނިންމި ނިންމުމެކެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައިވަނީ، ކުޅުންތެރިން އަނގަ ނިވާކުރަނީ ނުބައި އެއްޗެއް ބުނުމަށް ކަމަށް ބަލައި، އެފަދަ އަމަލުތަކަށް އަދަބު ދިނުމަށް ތާއީދުކުރައްވާ ކަމަށެވެ.

ކުޅުންތެރިން އަނގަ ނިވާކުރުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއާ ވާހަކަދައްކަމުން ޖާޒީން އަނގަ ނިވާކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ޕްރެސްޓިއާނީ ވަނީ 6 މެޗަށް ސަސްޕެންޑްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މުބާރާތުގެ ފުރަތަމަ މެޗުގައިވެސް އަލްމިރޯން ވަނީ އައު ޤަވާއިދެއްގެ ދަށުން އަދަބު ލިބިފައެވެ. އެއީ އެމެރިކާގެ ކުޅުންތެރިއަކު އޭނާއަށް ފައުލްކުރި ކަމަށް ބުނެ ޑައިވް ކުރުމުން، ވީއޭއާރުން ބެލުމަށްފަހު އޭނާއަށް ރީނދޫ ކާޑު ދެއްކި ހާދިސާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top