ދިވެހި ޕްރިމިއާ ލީގުގެ ފަހު ޖާގަ ގައްދޫ ހޯދައިފިއެވެ. މިއަދު ހަވީރު ގައްދޫ އާއި ޓީސީ ބައްދަލުކުރި މެޗު ގައްދޫ ކާމިޔާބު ކުރީ 1-0 އިންނެވެ.
ދިވެހި ޕްރިމިއާ ލީގު 2026/2027 ގެ ކޮލިފައިން ބުރު ކާމިޔާބުކޮށް ފުރަތަމަ ތިން ޖާގަ ޓީސީ އާއި ބިސްބުރު އަދި ދިއްދޫ ވަނީ މި މެޗުގެ ކުރިން ޔަޤީންކޮށްފައެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޓީސީއެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ރަނގަޅު ދެ ފުރުސަތެއް ފަހިކޮށްފައެވެ. އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވިއެވެ.
ދޭތެރެއަކުން ކުރިޔަށް އަރައި ލަނޑު ޖެހުމަށް މަސައްކަތްކުރި ގައްދޫން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ވެސް ޓީސީއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ގައްދޫން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އިތުރުކޮށްފައެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ހާފުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނީ ޓީސީއަށެވެ.
ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމަށްޓަކައި، ގައްދޫއަށް މޮޅެއް ހޯދުން މުހިންމު މި މެޗުގައި އެ ޓީމުން ލަނޑު ޖެހީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޮނާލިއޯ މެލަޗިއޯ ޑޮއުއަންލާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ފުންމައިގެން އަރައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑަށްފަހު ގައްދޫން ފަހަތަށް ދިން ސަމާލުކަން އިތުރު ކުރިއިރު، މެޗުގެ ނަތީޖާ ހަމަހަމަކުރެވޭތޯ ޓީސީން ކުރަމުންދިޔަ މަސައްކަތް ވެސް އިތުރު ކުރިއެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގައްދޫއަށް 6 ޕޮއިންޓް ހަމަވިއިރު، ކޮލިފައިންގެ ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ހުރާއަށް ލިބިފައި ވަނީ 1 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް އަދި އެއް މެޗު އޮތްއިރު އެ މެޗުން މޮޅުވެގެން ވެސް ޕޮއިންޓް ޓޭބަލްގެ 4 ވަނައަށް އެރުމުގެ ފުރުސަތެއް ގްރީން ސްޓްރީޓްސް އާއި ހުރާއަކަށް ނެތެވެ.
ކޮލިފައިންގެ ފަހު ތިން މެޗު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހުއެވެ.
24 ވަނަ ދުވަހު ހަވީރު ހުރާ އާއި ޓީސީ ބައްދަލުކުރާއިރު އެރޭ ބައްދަލު ކުރާނީ ގްރީން ސްޓްރީޓްސް އާއި ގައްދޫއެވެ. 25 ވަނަ ދުވަހު ހަވީރު ބައްދަލު ކުރާނީ ދިއްދޫ އާއި ބިސްބުރެވެ.
