ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިރާގު ބަލިކޮށް ފްރާންސް ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި، މޫސުން ގޯސްވުމުގެ ސަބަބުން ގިނަ އިރުތަކެއް ވަންދެން ކުޅުން މެދުކަނޑާލި މެޗުން 3-0 އިން ފްރާންސުން އިރާގުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ލިންކަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ފްރާންސުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި އިރާގުގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ލަނޑެއް ޖަހައި ފްރާންސަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ މެދުތެރެއިން ދިން “ހައިޑްރޭޝަން ބްރޭކް” އަށް ފަހު ފްރާންސަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފެއްދުމަށް ދަތިތަކެއް ކުރިމަތިވިއެވެ.

މި ވަގުތުކޮޅުގެ ތެރޭގައި އިރާގުގެ ކެޕްޓަން އަދި އިތުބާރު ފޯވާޑް އައިމަން ހުސައިނަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހުނު ނަމަވެސް، އިރާގުން ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފޯރި ގަދަވެފައި ވަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ރެފްރީ ވަނީ މެޗު މެދުކަނޑާލާފައެވެ.

ދޮޅުގަޑިއިރުގެ މެދުކަނޑުމަކަށްފަހު ދެވަނަ ހާފުގެ ކުޅުން ފެށިގެން ފްރާންސް ފެނުނީ އާ ރޫޙެއްގައެވެ. ފްރާންސުން ޖެހި ދެވަނަ ލަނޑަކީ އިރާގުގެ ޑިފެންޑަރު ޒައިދު ތަހުސީން ޖައްސާލި ކުރު ގޯލް-ކިކެއް ކޮންޓްރޯލް ކުރުމުގައި އެ ޤައުމުގެ ގޯލްކީޕަރު އަހުމަދު ބާސިލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖެހި ލަނޑެކެވެ. އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން މި ފުރުސަތުގައި އެމްބާޕޭ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ފޮނުވާލައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ފްރާންސުން މެޗުގެ ލީޑު އިތުރަށް ފުޅާކުރަން މަސައްކަތް ކުރަމުން ދިޔައިރު، އެޑްރިއަން ރަބިއޮޓް ބޮލުން ފޮނުވާލި ބޯޅައެއް ނާކާމިޔާބުވެ، މައިކަލް އޮލީސޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޮލީސޭ ދިން ރީތި ބޯޅައަކުން ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ. މި ލަނޑަކީ ބޮޑު މުބާރާތެއްގައި އޭނާ ފްރާންސަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފަހުކޮޅު އިރާގަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ރެބިން ސުލާކާ އާއި އަލީ އަލް ހަމާދީ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް އެމްބާޕޭއަށް ހެޓްރިކް ފުރިހަމަކުރަން ލިބުނު ރަނގަޅު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

މި މޮޅާއެކު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދިއުމަށް އަމާޒު ހިފާފައިވާ ފްރާންސް ހަ ޕޮއިންޓާއެކު ގުރޫޕް އައިގެ އެއްވަނައިގައި އޮތްއިރު، މެޗުން ބަލިވި އިރާގު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top