ކުލަބް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ ކުލެސިކް ފުޓްސަލް މުބާރާތުގެ ނުވަވަނަ މެޗުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން އެޗްޕީއެސްއެންއިން ބަންޑާރަ ކުލަބް ލަދު ގަންނަވައިލިއިރު، 10 ވަނަ މެޗުން މެޑްޓީޓީގެ މައްޗަށް ކްރިމިނަލް ކޯޓުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. މިރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
ނުވަވަނަ މެޗު
ނުވަވަނަ މެޗުގައި ބައްދަލުކުރީ އެޗްޕީއެސްއެން އާއި ބަންޑާރަ ކުލަބެވެ. އެޗްޕީއެސްއެންއަކީ މި މުބާރާތުގެ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަންއެވެ. ވޭތުވެދިޔަ އަހަރުގެ މަޤާމް ދިފާއުކުރަން ނުކުތް އެޗްޕީއެސްއެން ފުރަތަމަ މެޗުން ލަދުވެތި ގޮތަކަށް ބަލިވި ނަމަވެސް ދެވަނަ މެޗުގައި މިރޭ މިވަނީ ބަންޑާރަ ކުލަބް ލަދުގަންނަވާލާފައެވެ. ފަސޭހަކަމާއެކު 11-1 އިން އެޗްޕީއެސްއެން މޮޅުވި މި މުޗްގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، މުޙައްމަދު ޝަހީމް 2 ލަނޑު، މުޙައްމަދު އަހްޒަމް 2 ލަނޑު، އަޙްމަދު ޝުއޫން 1 ލަނޑު، އަޙްމަދު ނަޝާތު 1 ލަނޑު، މުޙައްމަދު ޖައިޝަމް 1 ލަނޑު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޒާދް މުޙައްމަދު ޚާލިދު 4 ލަނޑެވެ. ބަންޑާރަ ކުލަބްގެ ލަނޑު ޖަހައިދިނީ އަޙްމަދު އަހްޝަމްއެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު، ފައިދާ ހަ ލަނޑު އޮތުމުން މިވަގުތު މި ގުރޫޕްގެ އެއްވަނައިގައި އޮތީ އެޗްޕީއެސްއެންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޒާދް މުޙައްމަދު ޚާލިދު / ފޮޓޯ: ކުލަބް މޯލްޑިވްސް
ދިހަވަނަ މެޗު

މެޗުގެ މޮޅު ކުޅުންތެރިޔާ ޔައިޝް މުސްތަފާ / ފޮޓޯ: ކުލަބް މޯލްޑިވްސް
ކުލެސިކް ކަޕް 2026 ގެ ދިހަވަނަ މެޗުގައި ބައްދަލުކުރީ ކްރިމިނަލް ކޯޓާއި މެޑްޓީޓީއެވެ. މިއީ މި މުބާރާތުގައި މެޑްޓީޓީ ކުޅޭ ފުރަތަމަ މެޗު ނަމަވެސް ކުރިމިނަލް ކޯޓުގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗު ކުލަބް ޑީޖޭއޭއާ ވާދަކޮށް އެ ޓީމު ވަނީ އެއްވަރުކޮށްފައެވެ. މި މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ކްރިމިނަލް ކޯޓަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ. ދޭތެރެއަކުން ފުރުސަތުތައް ހޯދި އެމްއީޑީޓީޓީން ވެސް ވަނީ ކުރިމިނަލް ކޯޓްގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކްރިމިނަލް ކޯޓަށް ޖަހައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޔައިޝް މުސްތަފާއެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު 4 ޕޮއިންޓް ހަމަކޮށް ކްރިމިނަލް ކޯޓު މި ވަގުތު އޮތީ ގުރޫޕް ބީގެ އެއްވަނައިގައެވެ.
