ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްވިޒަލޭންޑާއެކު މެޗުން ބަލިވި ކެނެޑާ ވެސް ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނެޑާ ބަލިކޮށް، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޒަލެންޑުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ކެނެޑާގެ ވެންކޫވާގައި ހުންނަ ބީސީ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ސްވިޒަލެންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި ސްވިޒަލޭންޑްގެ ބްރީލް އެމްބޯލޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މީގެ އިތުރުން ކެނެޑާގެ ޖޮނަތަން ޑޭވިޑް އާއި ރިޗީ ލަރޭއާ ކައުންޓަރ އެޓޭކްގައި ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ދެވަނަ ހާފު ފެށިގެން އެންމެ 40 ސިކުންތުގެ ތެރޭގައި ސްވިޒަލޭންޑްގެ ރޫބެން ވަރްގަސް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއެކުގައެވެ. މި ލަނޑާއެކު ދަނޑަށް އެއްވެ ތިބި ކެނެޑާގެ ގިނަ ސަޕޯޓުންނަށް ލިބުނު މާޔޫސްކަން އިތުރުވީ މެޗުގެ 57 ވަނަ މިނެޓުގައި ކެނެޑާގެ ގޯލްކީޕަރު މެކްސިމް ކްރެޕޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޔޯހާން މަންޒަމްބީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެ ލަނޑުން ސްވިޒަލޭންޑުން ލީޑު ނަގާފައި އޮތުމުން ކެނެޑާގެ ކޯޗު ޖެސީ މާރޗް ޓީމުގެ ކުޅުމަށް ގެނައި ބަދަލުތަކާއެކު މެޗުގެ 76 ވަނަ މިނެޓުގައި ކެނެޑާއަށް އުންމީދު އާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕްރޮމިސް ޑޭވިޑްއެވެ. މިއީ ކެނެޑާގެ ނޭތަން ސަލީބާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބިކޮށްދިން ލަނޑެކެވެ.

ފަރަގު ކުޑަކޮށްދިން މި ލަނޑާއެކު އާ ހިތްވަރެއްލައި ކެނެޑާއިން ނަތީޖާ ހަމަހަމަކުރުމަށް އުފެއްދި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ސްވިޒަލޭންޑްގެ ޑިފެންސްލައިނުން ވަނީ ހުޝިޔާރުކަމާއެކު ކެނެޑާގެ ހަމަލާތައް ހުއްޓުވާފައެވެ.

މި މޮޅާއެކު ސްވިޒަލޭންޑް ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރިއިރު، މެޗުން ބަލިވި ނަމަވެސް ކެނެޑާ ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top