މިއަދު ވެނެޒުއެލާއަށް ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގައި، ކައިރިކައިރީގައި އައި ދެ ބިންހެލުމާ ގުޅިގެން، މިހާތަނަށް މަދުވެގެން 32 މީހުން މަރުވެ، 700 އެއްހާ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެކެއް ބައި މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އައި މި ދެ ބިންހެލުމުގެ ސަބަބުން އެ ގައުމުގެ އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫއަރައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވެރިރަށް ކަރަކާސްއަށެވެ. އެ ސިޓީގެ ބައެއް އިމާރާތްތައް ބިމާހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. ބިންހެލުމަށްފަހު އަންނަ ލޮޅުންތަކުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާއިރު، އިތުރު ސަރަހައްދުތަކަށް ދެވުމުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެ ގައުމުގެ އެއާޕޯޓާއި، މެޓްރޯގެ ނިޒާމުގެ އިތުރުން ސްކޫލްތައް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. ފުރަތަމަ ބިންހެލުމަށްފަހު މާގިނައިރެއްނުވެ އައި ދެވަނަ ބިންހެލުމާއެކު އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނުއިރު، މި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެރި ކޮލަމްބިއާ އަދި ބްރެޒިލަށްވެސް ވަނީ ކޮށްފައެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ އިން އަންދާޒާކުރާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު 10,000 އަށްވުރެ މައްޗަށް ދިއުމުގެ 44 އިންސައްތަ ފުރުސަތު އޮތްއިރު، އެ އަދަދު 100,000 އަށްވުރެ މައްޗަށް ދިއުމުގެ 30 އިންސައްތަ ފުރުސަތު އެބައޮތެވެ. ނަމަވެސް، މިއީ ހަމައެކަނި ލަފާކުރުންތަކެއް ކަމަށާއި ކަށަވަރު މައުލޫމާތެއް ނޫންކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ވެނެޒުއެލާގެ ސަރުކާރުން މިހާރު ވަނީ ކުއްލި އެހީދޭ ފަރާތްތައް ހަރަކާތްތެރިވާން ފަށައި، ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ގާއިމުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ލިބެމުންދާ އެހީތައް ވިލަރެސްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ވެރިރަށް ކަރަކާސްއަށް ލިބިފައިވާ ގެއްލުންތައް ބަލައި، މީހުން ސަލާމަތްކުރުމުގެ އެންމެ ބޮޑު އޮޕަރޭޝަނެއް މިހާރުވެސް ކުރިއަށްދަނީ އެ ސިޓީގައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ވަޒަންކުރަމުންނެވެ.
