ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުޒީލެންޓް ކަޓުވާލައި ބެލްޖިއަމް ގުރޫޕްގެ އެއްވަނައިގައި ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް ގްރޫޕް ޖީގެ ފަހު މެޗުގައި މިއަދު ނިއުޒީލެންޑާއި ބެލްޖިއަމް ބައްދަލުކުރި މެޗު 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ. ކެނެޑާގެ ބީސީ ޕްލޭސް ވަންކޫވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދެވަނަ ބުރަށް ދިއުމަށް ދެ ޓީމަށްވެސް މޮޅުވުން މަޖުބޫރުވެފައި އޮތް މުހިންމު މެޗެކެވެ.

މެޗުގެ ކުރީކޮޅު ބެލްޖިއަމުން ވަނީ ނިއުޒީލެންޑުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ޓްރޮސާޑް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ލައިން މަތިން ދަނިކޮށް ނިއުޒީލެންޑުގެ ޑިފެންޑަރަކު ވަނީ ސަލާމަތްކޮށްފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ބެލްޖިއަމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.

ބެލްޖިއަމުން މެޗުގެ ލީޑު ނެގީ 27 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޓްރޮސާޑެވެ. މިއީ ނިއުޒީލެންޑްގެ ޓިމް ޕޭނޭ ގައިގައި ޖެހިފައި ލިބުނު ބޯޅައަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޓްރޮސާޑް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބެލްޖިއަމަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއެއް ނިއުޒީލެންޑްގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ނުކުތުމުން ދެވަނަ ފަހަރަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން 66 ވަނަ މިނެޓުގައި ކެވިން ޑެބްރޫނާ ވަނީ ބާރު ހަމަލާއެއް ގޯލުގެ ދުރު ކަމަށް ފޮނުވާލައިގެން ބެލްޖިއަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ބެލްޖިއަމުން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެނިކޮށް ނިއުޒީލެންޑުން ސުން ކަނޑާލީ މެޗުގެ 84 ވަނަ މިނެޓުގައި އެލައިޖާ ޖަސްޓް ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި ރޮމެލޫ ލުކާކޫ ވަނީ ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސައެލޭމައެކާސް ވަނީ ބެލްޖިއަމަށް ފަސްވަނަ ލަނޑެއްވެސް ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ބެލްޖިއަމް ވަނީ 5 ޕޮއިންޓާއި ފައިދާ 4 ގޯލާއެކު ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. މިސްރަށްވެސް 5 ޕޮއިންޓް ލިބިފައިވީ ނަމަވެސް، އެ ޓީމަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އީރާން 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، ނިއުޒީލެންޑް ވަނީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު މުބާރާތުން ކަޓާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top