ކުލަބް މޯލްޑިވްސްއިން މިއަހަރު އަލަށް ފެށި ކިޑްސަލް ފުޓްސަލް މުބާރާތުގެ ފައިނަލަށް އެލީޓް އެކަޑަމީ އާއި އެސްޕަޔާ އެކަޑަމީ ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު މިރޭ ވަނީ ކުޅެފައެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލީޓް އެކަޑަމީ އާއި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް އެކަޑަމީއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެސްޕަޔާ އެކަޑަމީ އާއި ވެލެންސިޔާ ސްޕޯރޓްސް ކުލަބް އެކަޑަމީއެވެ.
އެލީޓް އެކަޑަމީ އާއި ނިއުރޭޑިއަންޓް އެކަޑަމީ ބައްދަލުކުރި ސެމީ ފައިނަލް މެޗު ފަށައިގެން މާގިނައިރެއް ނުވެ އެލީޓް އެކަޑަމީއަށް އެ ޓީމުގެ މުޙައްމަދު ރައުޝަމް ޖަހައިދިން ލަނޑުން ލީޑު ނެގިއެވެ. އެ ލަނޑަށްފަހު އެ ޓީމަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ނިއުރޭޑިއަންޓް އެކަޑަމީގެ ރާއިޝް ރަމީޒް ޖެހި ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އަދި ރާއިޝް ރަމީޒްގެ ދެވަނަ ލަނޑުން ނިއުރޭޑިއަންޓް އެކަޑަމީން ލީޑު ނެގިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިޔާން ބިން ޢަލީ ޖަހައިދިން ލަނޑުން އެލީޓް އެކަޑަމީން ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. 22 ވަނަ މިނިޓްގައި ރާއިޝް ރަމީޒް ހެޓްރިކް ހަދައި ދެވަނަ ފަހަރަށް ނިއުރޭޑިއަންޓަށް ލީޑު ނަގައިދިންއިރު، 34 ވަނަ މިނިޓްގައި އާދް ބިން މުޙައްމަދުގެ ނިޔާޒްގެ ލަނޑުން އެލީޓް އެކަޑަމީ ނަތީޖާ ހަމަހަމަކުރިއެވެ. އަދި އޭނާގެ ދެވަނަ ލަނޑުން އެ ޓީމު ލީޑު ނެގިއެވެ. މެޗުގެ ފަހުކޮޅު ޔޫސުފް ލާއިޤު ނިއުރޭޑިއަންޓް އެކަޑަމީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގައި ކުޅެމުންދިޔަ، މި މެޗު ނިމިނިމި އޮއްވައި ޔޫސުފް ލުގުމާން އެލީޓް އެކަޑަމީއަށް ލީޑު ނަގައިދިންއިރު، މުޙައްމަދު ރައުޝަމް އެ ލީޑު ފުޅާކޮށްދިނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލީޓް އެކަޑަމީގެ އާދް ބިން މުހައްމަދު ނިޔާޒްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާދް ބިން މުޙައްމަދު ނިޔާޒް / ފޮޓޯ: ކުލަބް މޯލްޑިވްސް
ސެމީ ފައިނަލްގެ ދެވަނަ މެޗު އެސްޕަޔާ އެކަޑަމީ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 5-10 އިންނެވެ. މެޗުގެ ފުރަތަމަ މިނިޓްގައި އެސްޕަޔާ އެކަޑަމީން ލީޑު ނެގިއެވެ. އަދި ތިންވަނަ މިނިޓްގައި އެ ލީޑް ފުޅާކުރިއެވެ. ނުވަވަނަ މިނިޓްގައި ވެލެންސިޔާ އެކަޑަމީން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، 25، 27، 28، އަދި 33 ވަނަ މިނިޓްގައި އެސްޕަޔާ އެކަޑަމީން ލަނޑުތަކެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މެޗުގެ ތެރެއަށް އެނބުރި އައުމަށް މަސައްކަތްކުރަމުންދިޔަ ވެލެންސިޔާ އެކަޑަމީން 34، 36، އަދި 37 ވަނަ މިނިޓްގައި ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ވެލެންސިޔާ އެކަޑަމީއަށް އެންމެ ތަންކޮޅެއް ވެސް ދޫދޭން ބޭނުންނުވި އެސްޕަޔާއިން ފަހު ވަގުތު އިތުރު ލަނޑުތަކެއް ޖެހިއިރު، އެ ޓީމު މި މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކުރީ 10-5 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ވެލެންސިޔާގެ އިބްރާހިމް އިޔާސް 3 ލަނޑު ޖެހިއިރު، ޢަލީ އަޒީން 2 ލަނޑު ޖެހިއެވެ. އެސްޕަޔާގެ ލަނޑުތައް ޖަހައިދިނީ، އަޙްމަދު އާހިލް 4 ލަނޑު، މިކާ މުޙައްމަދު އާއި އަޙްމަދު ޔާލް 1 ލަނޑެވެ. އަދި ވެލެންސިޔާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް އެއް ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެސްޕަޔާ އެކަޑަމީއަށް ތިން ލަނޑު ޖަހައިދިން ޔަލްސަން ބިން ހިސާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔަލްސަން ބިން ހިސާން / ފޮޓޯ: ކުލަބް މޯލްޑިވްސް
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 4 ވަނަ ދުވަހުގެ ރެއެވެ.
