ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެޗުން އެއްވަރުވެ އަލްޖީރިއާ އާއި އޮސްޓްރިއާ ވެސް ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގައި އަލްޖީރިއާއާއި އޮސްޓްރިއާ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވުމާއެކު މުބާރާތުގެ ދެވަނަ ބުރުގެ އެންމެ ފަހު ޖާގަ އަލްޖީރިއާއިން ހޯދައިފިއެވެ.

ކަންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ 28 ވަނަ މިނެޓުގައި އޮސްޓްރިއާގެ ޑޭވިޑް އަލަބާ ނަގައިދިން ހުރަހަކުން މާކޯ އާނައުޓޮވިޗް ކާމިޔާބުކޮށްދިން ލަނޑާއެކު ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް، 45 ވަނަ މިނެޓުގައި އަލްޖީރިއާގެ ރަފީކް ބެގާލީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. އެގޮތުން 55 ވަނަ މިނެޓުގައި ކޮންރެޑް ލައިމާގެ އެހީތެރިކަމާއެކު މާސެލް ސަބިޓްޒާ ވަނީ ދެވަނަ ފަހަރަށް އޮސްޓްރިއާއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން، 60 ވަނަ މިނެޓުގައި ރިޔާދު މަހްރޭޒް ވަނީ ލަނޑެއް ޖަހައި އަލްޖީރިއާއަށް ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި، 93 ވަނަ މިނެޓުގައި މަހްރޭޒް ވަނީ އިތުރު ލަނޑެއް ޖަހައި އަލްޖީރިއާއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް އޮސްޓްރިއާއިން ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުން، 96 ވަނަ މިނެޓުގައި ސާސާ ކަލަޒިކް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު ގްރޫޕުގެ ތަރުތީބަށް ބަދަލެއް ނައި ނަމަވެސް، ލިބުނު ޕޮއިންޓާއެކު އޮސްޓްރިއާ އަދި އަލްޖީރިއާ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަލްޖީރިއާއަށް ޖާގަ ލިބުނީ ގްރޫޕްތަކުގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ފަހު ޖާގަ ލިބޭ ޓީމުގެ ގޮތުގައެވެ.

މި ނަތީޖާގެ ސަބަބުން މުބާރާތުން ކަޓައިގެން ދިޔައީ ގްރޫޕް ޖީގެ ތިންވަނައިގައި 3 ޕޮއިންޓާއެކު އޮތް އީރާންއެވެ. އީރާން މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، އެމެރިކާގެ ފަސްގަނޑުގައި އެމެރިކާގެ ކުޅުންތެރިންނަށްވުރެ ވެސް މާ ވަރުގަދަ ކުޅުމެއް އެ ޓީމުން ދައްކާފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top