ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ޕްރީ ވެޑިން ފޮޓޯ ޝޫޓް – އެސްއައިޓީ މޯލްޑިވްސް (ސްޕެޝަލް)

ފެށުން

މާލޭގެ ކޮންމެ ދުވަހަކީވެސް އަވަދިނެތި އުޅޭ ދުވަހެކެވެ. މާލެއަކީ ދުވަހަކުވެސް ނިދާ ރަށެއް ނޫނެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުތަކުގައި ވެސް، އުޅަނދުފަހަރުގެ އަޑާއި، މީހުންގެ މުއާމަލާތްތަކާއި، ބަނދަރުގެ ތޮށިގަނޑުގައި ޖަހާ ރާޅުތަކުގެ މިއުޒިކުން މާލެއަށް ދިރުން ގެނެސްދެއެވެ. މަގުބައްތިތަކުގެ ފަނޑު އަލީގެ ތެރޭގައި އެކި ކަހަލަ ވާހަކަތައް އުފަންވެއެވެ. ބައެއް ވާހަކަތަކަކީ ހިތްގައިމު އުފާވެރި ވާހަކަތަކެވެ. ނަމަވެސް އަނެއްބައި ވާހަކަތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ވާހަކަތަކެވެ.

މިއީ އޭގެ ތެރެއިން ހިތާމަވެރި ވާހަކައެކެވެ. މާލޭގެ މުއްސަނދި އާއިލާއަކަށް ދިމާވި ހިތާމަވެރި ހާދިސާއެއްގެ ވާހަކައެކެވެ.

*****

ކުއްލި މަރެއް – 27 އޮކްޓޫބަރު 2025

ރޭގަނޑުގެ ހަމަހިމޭންކަން މުގުރާލީ ބާރުގަދަ އަޑުފަށްގަނަޑަކުންނެވެ. ރަށު ފަތުރުވެރިކަން އޭގެ އެންމެ އުހަށް ތަރައްޤީވެފައިވާ އެ ރަށުގެ އެންމެ އުސްކޮށް ހުރި އިމާރާތުގެ ފަނަރަ ބުރީގެ މަތިން އެއްޗެއް ވެއްޓުނު އަޑަށް، ކައިރީގައި ތިބި މީހުންގެ ހިތްތައް ތެޅިގަތެވެ. މަގުމަތީގެ ތާރުގަނޑު މައްޗަށް ވެއްޓުނީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޢަލީ ބަޝީރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކައިސް އެވެ. ލޭގެ ކަނޑެއްގެ ތެރޭގައި ކައިސް އޮތްއިރު، އޭނާގެ ހަށިގަނޑުގައި ފުރާނައިގެ އެއްވެސް ނިޝާނެއް ނެތެވެ.

“ކައިސް! ނޫން… ކައިސް!” އިމާރާތުގެ ތިރިން އިވުނީ ސިޔާގެ ބާރު ހަޅޭކުގެ އަޑެވެ. އޭނާ ދުވެފައި ގޮސް ކައިސްގެ ގާތަށް ތިރިވިއެވެ. ސިޔާގެ ހުދު ހެދުން ކައިސްގެ ރަތް ލެއިން ތަޣައްޔަރުވަމުން ދިޔައިރު، އޭނާ ރޮމުން ދިޔައީ މޮޔައެއް ފަދައިންނެވެ.

މީގެ އެންމެ ވިއްސަކަށް ދުވަސް ފަހުން ކުރަން އޮތް ކައިވެނީގެ ހުވަފެންތައް މިވަނީ ކުނޑިކުނޑިވެފައެވެ. ނޮވެމްބަރު މަހުގެ އެ އުފާވެރި ތާރީޚަށްޓަކައި ސިޔާ އާއި ކައިސް މި ރަށަށް އައީ ޕްރީ-ވެޑިންގ ފޮޓޯޝޫޓެއް ނެގުމަށެވެ.

ރަށުގައި ހުރި އެންމެ މަޝްހޫރު ޓޫރިސްޓް ހޮޓާ ހިންގާ އުސް އިމާރާތުގެ މަތިން މީހަކު ވެއްޓި މަރުވި ޚަބަރު މުޅި ރަށަށް ފެތުރިގެން ދިޔައީ ހޮނުގުގުރިއެއް ފަދައިންނެވެ.

*****

އެސްއައިޓީ ޓީމު އައުން – 28 އޮކްޓޫބަރު 2025

އިސާހިތަކުން މި ހާދިސާގެ ޚަބަރު މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ހުޅުގަނޑެއް ފަދައިންނެވެ. ފުލުހުންގެ ފުރަތަމަ ރިޕޯޓްތަކުން ދެއްކީ އެއީ އެކްސިޑެންޓެއް ކަމަށެވެ. ސިޔާގެ ބަޔާނަކީ “އޭނާ ކައްސާލައިގެން ވެއްޓުނީ” ކަމަށެވެ. ނަމަވެސް ކައިސްގެ ބައްޕަ ބަޝީރު އެކަން ގަބޫލެއް ނުކުރިއެވެ. އޭނާގެ އެދުމުގެ މަތިން މި މައްސަލަ ބަލަން ހަވާލުކުރެވުނީ “ސްޕެޝަލް އިންވެސްޓިގޭޝަން ޓީމް” އާއެވެ.

މި ޓީމުގެ އިސްވެރިޔަކީ އޭސީޕީ އަހުމަދު ރަޝީދު އެވެ. އޭނާއަކީ މިފަދަ އޮޅުންބޮޅުން ބޮޑު މައްސަލަތައް ހައްލުކުރުމުގައި މަޝްހޫރު މީހެކެވެ. ސިޔާ އާ އަހުމަދު ސުވާލުކުރި ފުރަތަމަ ފަހަރުވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިހުސާސްވިއެވެ. ސިޔާގެ ދެލޮލުން ފެންނަނީ ހިތާމައަށްވުރެ ބޮޑަށް ބިރުވެރިކަމެވެ.

އެސްއައިޓީގެ ޓީމުން މުޅި ރަށް ބަލައި ފާސްކުރިއެވެ. ހޮޓަލުގެ މުވައްޒަފުންނާ ސުވާލުކުރިއެވެ. އެތަނުން އެކަކު ބުނީ އެ ރޭ އެ ރަށުގެ ކެފޭއެއްގައި ވަަރަށް އާދަޔާޚިލާފު ގޮތަކަށް އުޅުނު މީހަކު އިންތަން ފެނުނު ކަމަށެވެ. އެއީ ސުހައިލްއެވެ.

އޭސީޕީ އަޙްމަދު މޭޒުގެ އެއްފަރާތުގައި އިށީނދެލައިގެން އިނީ ސިޔާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާށެވެ. ސިޔާ އިނީ ކަރުނުން ފުރިފައިވާ ދެލޮލާއެކު، ވަރަށް ބޮޑަށް ހާސްވެފައިކަން އޭނާގެ މޫނުމަތިން ހެކިވެއެވެ.

“ސިޔާ، އަލުން ކިޔައިދީބަލަ އެރޭ ކަންތައްވީ ގޮތް،” އަޙްމަދު މަޑުމައިތިރިކަމާއެކު ބުންޏެވެ. “އަހަރެމެންނަށް އެނގޭ މިއީ ވަރަށް އުނދަގޫ ވަގުތެއްކަން، އެކަމަކު ބައެއް ކަންކަން ސާފުކުރަން އެބަޖެހޭ.”

ސިޔާ އޭނާގެ އަތުގައި އޮތް ޓިޝޫކޮޅުން ދެލޯ ފޮހެލަމުން ވާހަކަދައްކަން ފެށިއެވެ. “އަޅުގަނޑު ކުރިންވެސް ބުނި ފަދައިން، ކައިސް ބޭނުންވީ ފޮޓޯ ޝޫޓްގަ ނެގި ފޮޓޯތަކުގެ އިތުރުން އަހަރުމެން ދެމީހުން ވަކީން އެ އިމާރާތުގެ މަތީގަ ތިބެ ފޮޓޯއާ ސެލްފީ ނަގަން. އޭނާ ހުރީ ވަރަށް އުފަލުން. ރީތި ފޮޓޯއެއް ނަގަންވެގެން ރެއިލިންއާ ކައިރިވި ވަގުތު ކައްސާލީ… އަޅުގަނޑު ބިރުންގޮސް ހަޅޭއްލަވައިގަނެވުނު. ހަމަ އެވަގުތު ކުރިއަށް ޖެހިލާ އޭނާގެ އަތުގައި ހިފޭތޯ މަސައްކަތްކުރިން. ނަމަވެސް އޭރު އޭނާ ވެއްޓިއްޖެ.”

“އެ ވަގުތު އެތަނުގައި އިތުރު މީހަކު ހުރިތަ؟” އަޙްމަދު ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

ސިޔާގެ ހިތް ހުއްޓުނު ފަދައެވެ. ނަމަވެސް އޭނާ ހަމަޖެހިލަމުން ބުންޏެވެ. “ނޫން، އެތަނުގައި ތިބީ ހަމައެކަނި އަޅުގަނޑުމެން ދެމީހުން.”

“އެހެންވިއްޔާ މި މީހާ މިރަށަށް އައީ ކީއްކުރަން؟” އަޙްމަދު ދެއްކީ ސުހައިލް އެ ރަށުގެ ބަނދަރުގައި ހުއްޓާ ނަގާފައިވާ ސީސީޓީވީ ފޫޓޭޖެކެވެ. ސިޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ އިނގިލިތައް ތުރުތުރުލާން ފެށިއެވެ.

“ތި.. ތިއީ ކާކުތޯ؟” ނޭނގޭކަމަށް ދައްކަމުން ސިޔާ ސުވާލުކުރިއެވެ.

“މިއީ ސުހައިލް…. އަހަރުމެންގެ ޓީމުން ހޯދި މަޢުލޫމާތުން އެނގިއްޖެ މިއީ ސިޔާގެ ރައްޓެއްސެއްކަން!” އޭސީޕީ އަޙްމަދު ކައިރީގައި އިން ސީނިއާ އިންސްޕެކްޓަރ ދައްޔާން ބުންޏެވެ.

“އޯހް… އާދެ! އަޅުގަނޑު ހާސްވެފަ އިންވަރުން އެހާ ރަނގަޅަށް ސާފުނުވީ. އެ.. އެކަމަކު އަޅުގަނޑަކަށް ނޭނގޭ ސުހައިލް މިރަށަށް އައިސް އުޅުނުކަމެއް!” ސިޔާ ހަމަޖެހެން މަސައްކަތްކުރަމުން ބުންޏެވެ.

އަޙްމަދު ސިޔާގެ މޫނަށް ފުންކޮށް ބަލާލިއެވެ. ސިޔާގެ ވާހަކައިގައި އާދައިގެ މީހަކަށް ފާހަގަނުކުރެވޭ ކަހަލަ ތުރުތުރުލުމެއް ހުއްޓެވެ. އަދި އޭނާގެ ލޮލުން ފެންނަނީ ހަމައެކަނި ދެރަވުމެއް ނޫނެވެ. ބިރުގަނެފައިވާ ކަމުގެ ނިޝާންތަކެއްވެސް މެއެވެ.

***** 

ފުރިހަމަކަމުގެ ނިޝާން – 24 އޮކްޓޫބަރު 2025 (ހާދިސާ ހިނގުމުގެ 04 ދުވަސް ކުރިން)

ލޯގަނޑު ކުރިމަތީގައި ހުރި ސިޔާ، އޭނާގެ ކަންފަތުގައި ލާފައި އޮތް ރިހި ކަންފަތުލާ މުދި ރީތިކޮށްލިއެވެ. އެއީ އޭނާގެ ބައިވެރިޔާ ކައިސް ދިން ހަދިޔާއެކެވެ. ހަނދުވަރުގެ އަލި ފަދައިން ވިދަމުންދިޔަ އެ އިއަރރިންގް، އޭނާގެ މޫނުމަތިން ފެންނަން ހުރި ހަމަހިމޭންކަމާ ނުހަނު ގުޅެއެވެ. ބަލައިލި ކޮންމެ މީހަކަށްވެސް ފެންނާނީ ކައިވެނިވާން ތައްޔާރުވެފައި ހުރި، މުއްސަނދި އަދި އެހާމެ ނަސީބުވެރި އަންހެން ކުއްޖެކެވެ. ނަމަވެސް ސިޔާގެ މޫނުމަތިން ފެންނަނީ މަޑުމޮޅި ހިނިތުންވުމެކެވެ.

ސިޔާގެ ލޯބިވެރިޔާ ކައިސް އަކީ މުޖުތަމައު ގަބޫލުކުރާ ފުރިހަމަ ސިފަތަކުގެ ވެރިއެކެވެ. އޭނާއަކީ އަދަބުވެރި، ތައުލީމީ، އަދި ކޮންމެ ކަމެއްގައިވެސް އިތުބާރާއެކު ކުރިއަށްދާ ޒުވާނެކެވެ. ކައިސްގެ އުފެދުމުގައި ހުރި އެންމެ ކަމެއް ފިޔަވާ އޭނާއަކީ ހަމަ އެންމެ ފުރިހަމަ އިންސާނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއަށްވުރެ މުހިންމު ކަމަކީ، އޭނާއަކީ މާލޭގެ ނުފޫޒުގަދަ ވިޔަފާވެރިއެއް ކަމަށްވާ ބަޝީރުގެ ދަރިއަކަށް ވުމެވެ. މުޅި މާލެ ކައިސް އާއި ސިޔާގެ ކައިވެނީގެ ވާހަކައިން ގުގުމާލާފައިވާއިރު، އެއީ ހަމައެކަނި ދެ ހިތެއްގެ ގުޅުމެއް ނޫނެވެ. އެއީ ދެ އާއިލާއެއްގެ ގަދަރާއި އިއްޒަތް ގުޅުވައިދޭ ފާލަމެކެވެ.

“ސި… ސި-ސިޔާ، ތަ… ތަތަ- ތައްޔާރުތަ؟” ކޮޓަރީގެ ދޮރުމަތިން ކައިސްގެ އަޑު އިވުނެވެ.

“މިދަނީ،” ސިޔާ މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ސިއްރެއް އޮތްކަން އެކަކަށްވެސް ނޭނގެއެވެ.

އެމީހުންގެ ރަންކިޔުމުގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބޭއްވުނެވެ. ދެ އާއިލާއިންވެސް މި ގުޅުމަށް ރުހުން ދިނެވެ. ރައްޓެހިން އެ ދެމީހުންގެ ނަސީބާމެދު ހަސަދަވެރިވީއިރު، މުޅި ރަށުތެރޭގައި ދެކެވުނީ އެމީހުންގެ ފުރިހަމަކަމުގެ ވާހަކައެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ މީގެ މަދު ހަފުތާކޮޅެއް ފަހުންނެވެ.

ކޮންމެ ކަމެއްވެސް ފެންނަ ފެނުމަށް ވަރަށް ފުރިހަމައެވެ.

ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ.

*****

ވަންހަނާވެފައިވާ ގުޅުން – ސެޕްޓެމްބަރު 2025

މިކަން ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ކަންތައްތައް ބަދަލުވާން ފެށީ ސިޔާގެ ބޭބެ ޝާހިލްގެ ސަބަބުންނެވެ. އެހެން ނަމަވެސް، ޝާހިލްއަކީ ސިޔާދެކެ ވަރަށް ލޯބިވާ، އޭނާގެ ކަންކަމާ އަޅާލާ މީހެކެވެ.

އެއީ މީގެ ދެ މަސް ކުރިއެވެ. މާލޭގެ ގަލޮޅު ދަނޑުގައި އޮތީ ފޯރިގަދަ ފުޓްބޯޅަ މެޗެކެވެ. ޝާހިލް އާއި ސުހައިލް އަކީ އެއް ޓީމަކަށް ކުޅޭ ދެ ކުޅުންތެރިންނެވެ. މެޗު ނިމުމުން، ސިޔާ އޭނާގެ ބޭބެ ބަލައި ދަނޑަށް ދިޔައެވެ. އެއީ ސިޔާއަށް ސުހައިލް ފުރަތަމަ ފެނުނު ދުވަހެވެ.

“ސިޔާ، މިއީ ސުހައިލް. އަހަރެމެން ޓީމުގެ އެންމެ މޮޅު ފޯވާޑް،” ޝާހިލް ތައާރަފުކޮށްދިނެވެ.

ސުހައިލްގެ އެ ތޫނު ދެލޮލާއި، އޭނާގެ ހިނިތުންވުމުން ސިޔާގެ ހިތް އަތުލައިގަތީ ސިކުންތެއްގެ ތެރޭގައެވެ. ކައިސް އާއެކު އޮތް ގުޅުމަކީ އާއިލީ މަސްލަހަތާއި މުއްސަނދިކަމަށްޓަކައި އުފެދިފައިވާ ގުޅުމަކަށް ވާތީ، ސިޔާއަށް ސުހައިލްގެ ފަރާތުން ފެނުނު މިނިވަންކަމާއި ލޯތްބަކީ އޭނާ އަބަދުވެސް އިންތިޒާރުކުރި އެއްޗެކެވެ.

ސުހައިލް ހިނިތުންވެލިއެވެ. އެއީ ހިތްގައިމު ހިނިތުންވުމެކެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ދިރުން ހުރިކަން އިހުސާސްވެއެވެ. އޭނާގެ ހިނިތުންވުމުގައި ހިތްތަކާ ކުޅޭކަހަލަ ގޮތެއް ހުރެއެވެ. ވާހަކަދެއްކުމުގައި ހިތްދަމައިގަންނަ ބާރެއް ހުރެއެވެ.

ފުރަތަމަ ފެށުނީ އާދައިގެ މެސެޖުތަކަކުންނެވެ. ފޯނު ކޯލްތަކަކުންނެވެ. ނަމަވެސް މަޑުމަޑުން އެ ގުޅުން ދިޔައީ ފުންވަމުންނެވެ. މަޑުމަޑުން ކަންތައްތައް ބަދަލުވާން ފެށިއެވެ. ސިޔާއަށް ސުހައިލްގެ މެސެޖުތަކަށް އިންތިޒާރު ކުރެވެން ފެށުނެވެ. ފޯނަށް މެސެޖެއް އަންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ތެޅުމަށް ބަދަލު އާދެއެވެ. އެމީހުންގެ ވާހަކަތައް ދަންވަރުގެ ވަގުތުތަކަށް ދެމިގެން ދިޔައެވެ.

“ސިޔާ، ތި އުޅެނީ އުފަލަކުން ނޫންކަން އަހަންނަށް އެނގޭ،” އެއްރެއަކު ހުޅުމާލޭގެ އަތިރިމަތީގައި މަޑުކޮށްލައިގެން ތިބިއިރު ސުހައިލް ބުންޏެވެ.

ސިޔާ އިސްދަށަށް ޖަހާލިއެވެ. “އަހަރެން މިއުޅެނީ ކައިވެނި ކުރަން.”

“އަހަރެން އެހީ އެހެން ވާހަކައެއް،” ސުހައިލް ސިޔާގެ އަތުގައި ހިފާލަމުން ބުންޏެވެ. އެވަގުތު ސިޔާގެ ހިތް ތެޅިގަތް ގޮތުން އޭނާއަށް އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ކެނޑުނެވެ. އެއީ ނުރައްކާތެރި ފެށުމެކެވެ. ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެދެމެދުގައި އުފެދުނު ހަމަހިމޭންކަމުން އެތައް ވާހަކައެއް ބުނެދިނެވެ. އެއީ ހުރިހާ ކަމެއް ބަދަލުވެގެންދިޔަ ވަގުތެވެ.

*****

ބިރުވެރި ސިއްރު

ދުވަސްތައް ފާއިތުވަމުން ދިޔައީ ސިއްރު ބައްދަލުވުންތަކާއި ކައިސްއަށް އޮޅުވައިލުމާއި ދޮގުތަކުގެ ތެރޭގައެވެ. އެ ސިއްރު ގުޅުން އިތުރަށް ވަރުގަދަވަމުން ދިޔައެވެ. ސިއްރު ފޯނު ކޯލުތަކާއި، ސިއްރު ބައްދަލުކުރުންތަކެވެ. ސިޔާ އުޅެމުން ދިޔައީ ދެ ދުނިޔެއެއްގައެވެ. އެއްކޮޅުން ކައިސްއާއެކު ކައިވެނީގެ ތައްޔާރީތަކެވެ. އާއިލީ ވާޖިބާއި ގަދަރަށްޓަކައެވެ. އަނެއްކޮޅުން ސުހައިލްއާއެކު ސިއްރު ލޯތްބެވެ. ހިތުގެ އެދުންތަކެވެ.

ކައިވެނީގެ ތާރީޚު ކައިރިވަމުން ދިޔަވަރަކަށް، ސިޔާ ކައިވެނީގެ ތައްޔާރީތަކުގައި މަޝްއޫލުވިއެވެ. ކައިސްގެ މަންމައާއެކު ވިޔަފާރިކުރުމާއި، ހަފުލާ ބާއްވާނެ ތަނާއި މެހެމާނުންގެ ލިސްޓު ތައްޔާރުކުރުމުގައިވެސް ބައިވެރިވިއެވެ.

އޭނާ އުޅުނީ ވަރަށް މޮޅަށް މޫނުމަތީގައި “އުފާވެރިކަން” ދައްކައިގެންނެވެ. ނަމަވެސް ސުހައިލްއާ ބައްދަލުވާ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ނުތަނަވަސްކަން އިތުރުވެއެވެ.

“ކައިވެންޏަށްފަހު ދެން ވާނީ ކިހިނެއް؟” އެއްރެއަކު ސުހައިލް އެހިއެވެ.

ސިޔާ އިސްޖަހާލިއެވެ.

“އަހަންނަށް ސިޔާ ގެއްލޭކަށް ބޭނުމެއް ނޫން،” ސުހައިލް މަޑުމަޑުން ބުންޏެވެ.

އެ ބަސްތައް ސިޔާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއީ ނުރައްކާތެރި ޚިޔާލެއްގެ ފެށުމެވެ.

 

އަނެއްކޮޅުން ކައިސް ހުރީ ސިޔާއަށް ފުރިހަމައަށް އިތުބާރުކޮށްގެންނެވެ. އޭނާ ސިޔާއާއެކު އުޅޭނެ އުފާވެރި މުސްތަގުބަލެއްގެ ހުވަފެންތައް ދެކެމުންދިޔައެވެ. ނަމަވެސް ސިޔާ ދިޔައީ ކައިސްއާ ދުރަށް ޖެހެމުންނެވެ.

ޝާހިލްއަށް މިކަމުގެ ކޮންމެވެސް ވަރެއްގެ ހިލަމެއް ވިއެވެ. އޭނާ ސިޔާއަށް އިންޒާރު ދިނެވެ. “ސިޔާ، ތިކުރަނީ ނުރައްކާތެރި ކަމެއް. ތީ ކުޅިވަރެއް ނޫން. ކައިސްއަކީ ރަނގަޅު މީހެއް. މިހާރުން މިހާރަށް ތިކަން ހުއްޓާލާ!”

ނަމަވެސް ސިޔާ ހުރީ ސުހައިލްގެ ޖާދޫގައި ޖެހިފައެވެ. “އަހަންނަކަށް ނުވާނެ ބޭބޭ، އެއީކީ ހީކުރާހާ ފަސޭހަ ކަމެއް ނޫން.” ސިޔާ ރޮމުން ބުންޏެވެ.

“ފަސޭހަކަމެއް ނޫނޭ؟” ޝާހިލް ރުޅިވެރިކަމާއެކު ބުންޏެވެ. “ކަލޭ ތި ހަލާކުކުރަނީ ހުރިހާ ކަމެއް. އެކަމަކު ކޮން އެއްޗަކަށްޓަކާ؟”

ސިޔާއަކަށް ޖަވާބެއް ނުދެވުނެވެ. އެހެނީ އޭނާގެ ހިތުގެ އަޑިން އެނގޭ ހަގީގަތަކީ ސުހައިލްއާ ދުރަށް ދާން އޭނާ ބޭނުން ނުވާ ކަމެވެ.

 

ކައިވެންޏަށް ބާކީ އޮތީ އެންމެ ވިހި ދުވަހެވެ. ކައިސް ބޭނުންވީ ރީތި ރަށެއްގައި “ޕްރީ-ވެޑިންގ” ފޮޓޯޝޫޓެއް ބޭއްވުމަށެވެ. އެ ރަށުގައި އަލަށް ހަދާފައިވާ 15 ބުރީގެ އިމާރާތަކީ ފޮޓޯ ނެގުމަށް އެންމެ އެކަށީގެންވާ ތަން ކަމަށް އޭނާ ނިންމިއެވެ.

***** 

ހަގީގަތް ހާމަވުން – 30 އޮކްޓޫބަރު 2025

ސިޔާއާއި ސުހައިލްގެ ފޯނުތައް ފޮރެންސިކް ތަހުގީގަށްޓަކައި ފޮރެންސިކް ލެބަށް ފޮނުވިއެވެ.

އަށާރަވަރަކަށް ގަޑިއިރު ތެރޭގައި ފޮރެންސިކް ލެބްގައި ތިބި އޮފިސަރުންނަށް ވަނީ މުހިންމު ކާމިޔާބީއެއް ލިބިފައެވެ. “ސަރ! އަޅުގަނޑުމެންނަށް ލިބިއްޖެ،” އޭސީޕީ އަޙްމަދުގެ ކިއުބިކަލްއަށް ފޮރެންސިކް އެކްސްޕާޓް ޑޮކްޓަރ ސަލީމް ވަންނަމުން ބުންޏެވެ.

“ސިޔާ ފޮހެލާފައިވާ ‘ސިގްނަލް’ މެސެޖުތަކާއި ޓެލެގްރާމް ޗެޓްތައް އަލުން އިއާދަކުރެވިއްޖެ. އެ ޗެޓްތަކުން ފެނުނީ ބިރުވެރި މަންޒަރެއް!” ޑޮކްޓަރ ސަލީމުގެ މޫނުމަތިން ފެންނަނީ ފޮނިބޮޑު، އެހެނަސް ކަންބޮޑުވުމުގެ އަސަރުތަކެކެވެ.

ސިޔާ: “ކައިސް މާދަމާ ރޭ ގެންދާނަން އެއްކަލަ ރަށުގެ އެ ހޮޓަލުގެ ޓެރަހަށް. ތައްޔާރުވެގެން ހުންނާތި!.”
ސުހައިލް: “އަހަރެން ހުންނާނީ އެތަނުގަ. ހުރިހާ ކަމެއް ނިމުނީމާ އެއީ އެކްސިޑެންޓެއް ކަމަށް ބުނާނީ. ބަޝީރުގެ ގަޅިކަމުން، ސިޔާއަށް ދީފަ އޮތް ރިސޯޓްގެ ފުރިހަމަ މިލްކުވެރިކަން އޭރުން ލިބޭނީ ސިޔާއަަށް.”

ސިޔާ: އުހުނ، ސިޔާއަކަށް ނޫން. އަހަރުމެން ދެ މީހުންނަށް! 😂 😂 😂

މި މެސެޖުތަކަކީ މި ޖަރީމާގެ އެންމެ ވަރުގަދަ ހެކިތަކެވެ. އެމީހުން ރާވާފައިވަނީ ކައިސް މަރާލުމަށްފަހު، ބަޝީރުގެ މުއްސަނދިކަމުގެ ތެރެއިން ސިޔާއަށް ލިބޭ ބައި ބޭނުންކޮށްގެން ދެމީހުން އާ ދިރިއުޅުމެއް ފެށުމަށެވެ.

*****

ސުހައިލްގެ އިއުތިރާފު

އަނެއްކޮޅުން، އެހެން ކޮޓަރިއެއްގައި ސުހައިލް އިނީ ސީނިއާ އިންސްޕެކްޓަރ ދައްޔާން އަދި އާބިދުގެ ހަރުކަށި ސުވާލުތަކުގެ ކުރިމަތީގައެވެ. ސުހައިލްއަކީ ކުޅިވަރުގެ މައިދާނުގައި ހިތްވަރުގަދަ މީހެއް ނަމަވެސް، ގާނޫނުގެ ކުރިމަތީގައި އޭނާގެ ހިތްވަރު އެލެން ފެށިއެވެ.

“ސުހައިލް، އަހަރެމެންގެ އަތުގައި ހުރިހާ ހެއްކެއް އެބަހުރި،” އަޙްމަދު ލެޕްޓޮޕް އަނބުރާލަމުން ދެއްކިއެވެ. “އެރޭ ކަލޭ އެ އިމާރާތަށް ވަދެ ނުކުތް މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖާ, ސިޔާގެ ފޯނުން ލިބުނު މެސެޖުތައް. މިހާރު ދެން ސަލާމަތްވާނެ އެއްވެސް ދޮރެއް ނެތް. ތެދަށް ބުނޭ، ކައިސް ކޮއްޕާލީ ކާކު؟”

ސުހައިލްގެ ނޭވާ އަވަސްވިއެވެ. އޭނާ އިސްޖަހާލައިގެން އިރުކޮޅަކު އިނުމަށްފަހު، މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ.

*****

ކުރިމަތިލުން

އޭސީޕީ އަޙްމަދު، ދައްޔާން އަދި އާބިދު، ސިޔާ އިން އިންޓަރޮގޭޝަން ރޫމަށް ވަދެ، ޗެޓްލޮގްތަކުގެ ޕްރިންޓްތައް ސިޔާގެ ކުރިމަތީގައި ބެހެއްޓިއެވެ.

“މިހާރު ދެން އިތުރަށް އޮޅުވައެއް ނުލެވޭނެ، ސިޔާ. ސުހައިލް މިހާރު ހުރީ ހައްޔަރުގަ. އޭނާ ހުރިހާ ކަމަކަށް އިއުތިރާފުވެއްޖެ، ހުރިހާ ވާހައެއް ކިޔައިދީފި!” އަޙްމަދު ހަރުކަށިކަމާއެކު ބުންޏެވެ.

ސިޔާގެ މޫނުމަތީގައި ހުރި ‘މައުސޫމް’ ކަމުގެ މާސްކު ނެއްޓިގެން ދިޔައެވެ. އޭނާ އިސްދަށަށް ޖަހައިގެން އިނީއެވެ. އޭނާގެ ލޯބީގެ މަޅީގައި ޖެހި، ކައިސްގެ ފުރާނަ ދިޔައީއެވެ. ބަޝީރުގެ އާއިލާއަށް ލިބުނީ ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައެކެވެ.

“އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން… އެކަމަކު ސުހައިލް ބުނީ ކައިސް ނެތް ދުނިޔެއެއްގައޭ އަހަރުމެންނަށް އުޅެވޭނީ،” ސިޔާ ރޮމުން އިއުތިރާފުވިއެވެ. ކަން ހިނގި ގޮތް ކިޔައިދިނެވެ.

*****

އެންމެ ފަހު ރޭ – 27 އޮކްޓޫބަރު 2025 (ކައިސް މަރުވުމުގެ ކުރިން)

ފޮޓޯޝޫޓްގެ ކަންތައްތައް ވަރަށް ފުރިހަމައަށް ނިމުނެވެ. އުފާވެރި ހިނިތުންވުންތަކާއި، ލޯބިވެތި ބަލާލުންތައް ކެމެރާގެ ލެންސަށް އެރިއެވެ. ނަމަވެސް އެއްވެސް މީހަކަށް ނޭނގޭ ކަމަކީ ސުހައިލްވެސް އެ ރަށުގައި ހުރި ކަމެވެ. ސިއްރުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ކައިސް ހުށަހެޅީ އެރަށުގައި ހުރި އެންމެ އުސް އިމާރާތުގެ އެންމެ މައްޗަށް، ޓެރަހަށް އެރުމަށެވެ. “ސިޔާ، ހިނގާ އެންމެ މައްޗަށް. އެތަނުން ފެންނަ މަންޒަރު ވަރަށް ރީތިވާނެ،” ކައިސް ބުންޏެވެ.

ޓެރަހަށް އެރިއިރު ވައިގަދައެވެ. ކަނޑުގެ ރާޅުތަކުގެ އަޑު މުޅި ސަރަހައްދުގައި ގުގުމާލާފައިވެއެވެ. ކައިސް ޓެރަހުގެ ކައިރީގައި ހުރެ، ދުރުން ފެންނަ އަލިތަކަށް އިޝާރާތް ކުރިއެވެ.

“ބަލާލަބަލަ،” ކައިސް ބުންޏެވެ. “އަހަރެމެންގެ އާ ދިރިއުޅުން ފެށުމަށްފަހު ވީކެއް ވަންދެން ހަނީމޫނަށް އައިސް މިތަނުގަ އުޅޭނެ ގޮތް ހިތަށް އަރުވާލަބަލަ.” އެހެން ބުނެފައި ރެއިލިން އާ ކައިރިއަށް ކައިސް ޖެހިލިއެވެ. ސިޔާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިނދުކޮޅަކަށް ސިޔާގެ ހިތުގައި ޖެހިލުންވުމެއް އުފެދުނެވެ.

ނަމަވެސް—

ކައިސް ރެއިލިންގ ކައިރީގައި ހުރެ ދުރު ބަލަން ހުއްޓާ، ކުއްލިއަކަށް އަނދިރިގަނޑުގެ ތެރެއިން މީހަކު ނުކުތެވެ. އެއީ ސުހައިލްއެވެ.

ފިޔަވަޅުތަކެއްގެ އަޑު އިވުމުން ކައިސް ފަސްއެނބުރި ބަލައިލިއެވެ. ކައިސް ސިހުނެވެ. “އެ.. އެ.. އެއީ ކަ…ކަކަ.. ކާކު؟” އޭނާ ސިޔާއަށް ބަލާލިއެވެ. ސިޔާގެ މޫނުމަތިން ފެނުނު ހާސްކަމާއި އިސްދަށަށް ޖެހި ގޮތުން ކައިސްއަށް ހުރިހާ އެއްޗެއް ވިސްނުކަހަލައެވެ.

“ސިޔާ! އެއީ ކަ..ކަކަ..ކާކު؟ސަ..ސަ…ސަ.ސަޕްރައިޒެއް ރޫ…ރާވައިގެންދޯ ތި އުޅެނީ؟ ބަލާބަލަ ހުންނަ މަ..މަ.. މަކަރުކަން!” ވާނުވާ ނޭނގި ހުރި ކައިސްއަށް ހީވީ މިއީ ސިޔާގެ ރޭވުމަކުން އޭނާއަށް ބޮޑު ސަޕްރައިޒެއް ދޭން އުޅެނީ ކަމަށެވެ.

“އާނ… ވަރަށް ބޮޑު ސަޕްރައިޒެއް. މީޓް މައި ޓްރޫ ލަވް، ސުހައިލް!!!” ކެހިވެރި ހިނިތުންވުމަކާ އެކު ސިޔާ ބުންޏެވެ.

“ބެ…ބެ.. ބޭބް ތި.. ތި… ތިއުޅެނީ އަހަރެން ތަ… ތަ… ތަޅުވަންދޯ؟އޯއެމްޖީ…. އަ..އަ.. އަހަރެން މިއޮއްގެން ތެ…ތެ.. ތެޅެނީ! އަހަރެން ވަރަށް ބި… ބި… ބިރުގަނެއްޖެ!” ކައިސް ހުރީ މަޖާވެފައެވެ. ވާނުވާ އަދިވެސް އޭނައަށް ރޭކާއެއް ނުލައެވެ.

“އޭއް މިހިރަ ގަމާރު ކައިސް. އަހަރެން މި ބުނީ މިހިރަ ސުހައިލް އަކީ އަހަރެންގެ ހަޤީޤީ ލޯބިވެރިޔާއޭ. އަހަރެން ކަލެއާއެކު އުޅޭކަށް ބޭނުމެއް ނޫނޭ. ކަލެއާ އިންނާކަށްވެސް ބޭނުމެއް ނޫނޭ. ގެޓްވެއްޖެތަ؟، މިސްޓަރ ގަމާރު މަޖުނޫން!” ސިޔާގެ އަޑުގައި މިފަހަރު ހުރީ ރުޅިވެރިކަމެވެ. ނަފުރަތެވެ. ފޫހިކަމެވެ.

“ތި… ތި… ތިއީތަ ސި…ސި.. ސިޔާގެ ފެންވަރަކީ؟ ކިކިކި… ކީއްވެ އަހަންނަށް އޮޅުވާލީ؟” ކައިސްގެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ހިތާމައާއި ރުޅިވެރިކަމެވެ.

“ފިލްމުތަކުން ޝާހްރުކް ޚާން ‘ކިކިކި ކިރަން’ ކިޔާއިރު ކިތަންމެ ލޯތްބަސް ކަލޭގެ ތި ހިރަ ވާހަކަދެއްކުމަކުން އަހަރެންގެ ބޯ ފަޅައިގެންދާވަރުވޭ. އަނެއްކާ މަގޭ ފްރެންޑްސް އެހާ މަލާމާތްކުރޭ. ދެން ތިހިރަ ތަލަބޯ! އަހަރެން އުޅެންވީ ތަލަބޮލަކާ އެކީގަތަ މުޅި އުމުރު ދުވަހު. ނެވަރ. އައި ކާންޓް ޓޮލެރޭޓް އޯލް ދަ ބުލީސް އައި ގެޓް ފްރޮމް މައި ޕިއަރސް!” ސިޔާގެ އަނގައިން ބޭރުވި ލަފުޒުތައް ކައިސް އަށް ހީވީ ތޫނު ޚަންޒަރުތަކެއް އައިސް އޭނާގެ މޭ ފޫއަޅުވާލައި، ހިތަށް ހެރުނުހެންނެވެ.

އިސާހިތަކުން ބަހުގެ ހަމަލާތައް ބަދަލުކުރެވެން ފެށުނެވެ. މަސްލަހަތު ގޯސްވިއެވެ. ކުއްލިއަކަށް ސުހައިލް ކައިސްއާ ދިމާއަށް ބާރަށް ޖެހިގަތެވެ. ކައިސް ފަހަތަށް ޖެހުނެވެ. ސިޔާ ހަޅޭއްލަވައިގަތެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. 15 ބުރީގެ މަތިން ކައިސް ވެއްޓުނީ އަނދިރިކަމުގެ ތެރެއަށެވެ. މުޅިތަނަށް ހަމަހިމޭންކަން ވެރިވިއެވެ.

*****

ނިމުން – 28 ޖޫން 2026

ކޯޓުގެ ހުކުމް އިއްވުނު ދުވަހު މުޅި މާހައުލު އޮތީ ހިމޭންވެފައެވެ. ސިޔާއާއި ސުހައިލަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. ބަޝީރު އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ މުއްސަނދިކަމާއި ނުފޫޒަކަށް އޭނާގެ ހަމައެކަނި ދަރިފުޅު އަނބުރާ ހޯދައެއް ނުދެވުނެވެ. ޝާހިލް އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައީ، އޭނާގެ އަތުން ސިޔާއަށް ތައާރަފުކޮށްދެވުނު މީހަކީ އާއިލާ ބަނގުރޫޓުކޮށްލި ގާތިލަށް ވީތީއެވެ.

ސިޔާ ޖަލުގެ ތޭރިތަކުގެ ފަހަތަށް ދިޔައިރު، އޭނާގެ ހިތުގައި އޮތީ ހުސްކަމެކެވެ. އޭނާ ހޯދަން އުޅުނު “މިނިވަންކަމާއި ލޯބި” ބަދަލުވީ ދާއިމީ ކަނު އަނދިރިގަނޑަކަށެވެ. އެސްއައިޓީ މޯލްޑިވްސްގެ މި ތަހުގީގު ނިމިގެން ދިޔައީ، ބޭރުފުށުން ފެންނަ ކޮންމެ ފުރިހަމަކަމެއްގެ ފަހަތުގައި ކޮންމެވެސް ނުރައްކާތެރި ސިއްރެއް ފޮރުވިފައި އޮވެދާނެކަން މުޅި މުޖުތަމައަށް ހަނދާންކޮށްދެމުންނެވެ.

މާލޭގެ ވަށައިގެންވާ ރާޅުތައް ކުރިއެކޭވެސް އެއްފަދައިން ބޭރު ތޮށީގައި ޖެހި ބިންދަމުން ދެއެވެ. ދުނިޔެ ހިނގަމުން ދެއެވެ. ނަމަވެސް “ޕްރީ-ވެޑިން ފޮޓޯ ޝޫޓް”ގެ ހިތްދަތި ހަނދާންތައް، އެ އާއިލާގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ބައެއް ފަހަރު އަހަރެމެން ކުރާ ކުޑަކުޑަ އިޚުތިޔާރަކުން، މުޅި ދިރިއުޅުން އަނބުރާ ނުލިބޭނެ ފަދަ ފުން އަނދަވަޅަކަށް ވައްޓާލައެވެ.

— ނިމުނީ —

ނޯޓް
ނޯޓް: މިއީ މިމަހު 18 ވަނަ ދުވަހު އިންޑިއާގައި ހިނގައިދިޔަ "ލޯބިވެރިޔާ ފަރުބަދަމަތިން ވައްޓާލައި މަރާލި ހާދިސާ" އަށް ބިނާކޮށް، ރާއްޖޭގެ މާހައުލަށް ފައްތައިގެން، މުނިއަވަސްގައި އަޅުގަނޑު ލިޔަމުން އަންނަ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމް މޯލްޑިވްސް (އެސްއައިޓީ މޯލްޑިވްސް)ގެ އޮނިގަނޑަށް ފައްތައިގެން ލިޔެފައިވާ ވާހަކައެކެވެ.
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top