ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެވަނަ މެޗުން ވެސް ކަސްޓަމްސް މޮޅުވިއިރު، އެމްޓީސީސީއަށް ފަސޭހަ މޮޅެއް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 13 ވަނަ މެޗުން ކަސްޓަމްސް ރެކްރިއޭޝަނަށް ކުލަބް އުނދަގުލުން މޮޅުވި ނަމަވެސް 14 ވަނަ މެޗުން އެމްޓީސީސީ ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލައިލާއިރު:

މެޗު 13

ގުރޫޕް ބީގައި ހިމެނޭ ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި ޓީމު ފެނަކަ މި މެޗަށް ނުކުތްއިރު، ކަސްޓަމްސް ރެކްރިއޭޝަން ކުލަބް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ލަދުވެތި ބައްޔަކުން ބަލިވެފައެވެ. ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް ފެނަކަ ވެސް ވަނީ އެ މެޗުން ބަލިވެފައެވެ.

ގުރޫޕްގެ ފުލުގައި އޮތް މި ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ހަމަހަމަ ކުޅުމެއް ފެނުނު ވާދަވެރި މެޗެއްގެ ގޮތުގައެވެ. މެޗުގެ ފުރަތަމަ ލަނޑު މުޙައްމަދު ވަހީދު ފެނަކައަށް ޖަހައިދިންއިރު، އެ ލަނޑަށް މާގިނައިރެއް ނުވެ ޢަބްދުއްސަމީއު ކަސްޓަމްސްއަށް އެއްވަރުކޮށްދިނެވެ. މުޙައްމަދު ވަހީދު އަތުން ބައިކޮޅަށް ވަތް ލަނޑުން ކަސްޓަމްސްއަށް ލީޑު ލިބުނުއިރު، ޔައީޝް ޖަމީލް އެ ލީޑު ފުޅާކޮށްދިނެވެ.

މުޙައްމަދު އަރީޝްގެ ލަނޑުން ފެނަކަ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ޙުސައިން އައިހަމް އަނެއްކާ ވެސް ކަސްޓަމްސްގެ ލީޑު ފުޅާކުރިއެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ފެނަކައިގެ ތިންވަނަ ލަނޑު ޖެހީ ޙުސައިން ރިފާއުއެވެ.

4-3 އިން މޮޅުވެ ކަސްޓަމްސް ގުރޫޕްގެ ތިންވަނައަށް ޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޔައީޝް ޖަމީލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔައީޝް ޖަމީލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 14

ސާދަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ އެމްޓީސީސީ އާއި ޓީމް އެފްއެސްއެމްއެވެ. މިއީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. އެމްޓީސީސީ ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވި ނަމަވެސް، ޓީމު އެފްއެސްއެމް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ ފަސޭހަ ކަމާއިއެކުއެވެ.

ވާދަވެރި ވާނެކަމަށް ބެލެވުނު މި މެޗު އެމްޓީސީސީ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުންނެވެ. ޢަލީ މާއިޝް އާއި އަޔާޒް އަޙްމަދު އަދި ޝާމިން މުޙައްމަދު، ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު އެމްޓީސީސީއަށް ޖަހައިދިންއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުޙައްމަދު އިސާމް ހަތަރު ލަނޑު ޖަހައިދިނެވެ. އަދި އެފްއެސްއެމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް އެއް ލަނޑު ވަނެވެ. އެފްއެސްއެމްގެ ލަނޑު ޖަހައިދިނީ ހުޒައިފާ އިބްނު ހުސައިންއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެމްޓީސީސީ ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އިސާމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މިރޭ (30 ޖޫން) ގައެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަކީ:

20:15 – އާރުއާރުސީ އާއި ކުލަބް ފެން
20:15 – އެމްޕީއެލް އާއި ކުލަބް ޓީޓީއެސް
22:30 – ސްޓެލްކޯ އާއި ޕޮލިސް ކުލަބް
22:30 – ކުލަބް އެޗްޑީސީ އާއި ކުލަބް އިމިގްރޭޝަން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top