އިންޑޮނޭޝިއާގައި ވިޔަފާރިކުރާ ތަނަކަށް ވަދެ ވައްކަން ކުރަން އުޅުނު ދެ މީހަކު، އެތަނުން ފިލަން އުޅެނިކޮށް އެ ސަރަހައްދުގެ އާންމުން ވަނީ އަތުލައިގަނެފައެވެ.
އެ މީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުގެ ބަދަލުގައި، އާންމުން ވަނީ އެ ދެ މީހުންގެ މުޅި ހަށިގަނޑުގައި ފޮށިގަނޑު ބަންދުކުރާ ޓޭޕް އޮޅާލައި، ބޯމަތީގައި “އެންޓަނާއެއް” ހުންނަ ފަދަ ގޮތަކަށް ޓޭޕްކޮޅެއް ބަހައްޓައިފައެވެ.
މި މަންޒަރު ފެންނަ ވީޑިއޯ @ޑޭޝްކެމްއިންޑޮނޭޝިއާ އިން މީސްމީޑިއާގައި ހިއްސާކުރުމާ އެކު، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިފައެވެ.
ބައެއް މީހުންނަށް މިއީ މަޖާ ކަމަކަށް ވީ ނަމަވެސް، ގާނޫނީ އިމުގެ ބޭރުން އާންމުން ނުކުމެ މިފަދަ ގޮތަކަށް އަމިއްލައަށް އަދަބު ދިނުމުގެ އުސޫލުތަކާއި އަޚުލާގީ މިންގަނޑުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
