ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް މިޞްރުން ވޯލްޑް ކަޕްގެ ހުވަފެންތައް އިތުރަށް ދިރުވައިފި

ހުކުރު ދުވަހު އެމެރިކާގެ ޑަލަސްގައި ކުޅުނު ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި މެޗުގައި، އިތުރު ވަގުތު ކުޅެގެން 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން އޮސްޓްރޭލިއާ ބަލިކޮށް، މިޞްރުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މިއާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި “ފޭރޯސް” (މިޞްރު ޓީމު) ދައްކަމުންދާ އާދަޔާޚިލާފު ކުޅުން ވަނީ އިތުރަށް ކުރިއަށް ގޮސްފައެވެ.

މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި މިޞްރުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިޞްރުން ވޯލްޑް ކަޕްގައި ވާދަކުރި ހަތަރުވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

މެޗު ނިމުމާއެކު ކޯޗު ހުސާމް ހަސަންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވިއިރު، ކުޅުންތެރިން ދަނޑުމަތީގައި ބޮޑު އުފާފާޅުކުރުމެއް ކުރިއަށް ގެންދިޔައެވެ. އަދި ދަނޑުގައި ތިބި އެތައް ހާސް މިޞްރު ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުއާޓާ ފައިނަލުގެ ޖާގައަކަށް މިޞްރު ދެން ވާދަކުރަން ޖެހޭނީ އާޖެންޓީނާ އާއި ކޭޕް ވާޑޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މެޗުގެ 120 މިނެޓު ކުޅެ ނިމުނުއިރުވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި، މިޞްރުގެ މަހްމޫދު ސާބިރު، ރާމީ ރަބިއާ، މުޙައްމަދު ޞަލާޙް އަދި ހުސާމް އަބްދުލްމަޖީދު ވަނީ އެ ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

އޮސްޓްރޭލިއާއަށް ނާކާމިޔާބުވީ ދެ ޕެނަލްޓީއެވެ. ހެރީ ސައުޓާ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެ މަތިން ދިޔައިރު، ޒުވާން ޑިފެންޑަރު ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އިމާމް އަޝޫރު ވަނީ މިޞްރަށް ކުރިހޯދައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކަރީމް ޙާފިޒް ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެންނެވެ.

އޮސްޓްރޭލިއާއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން 10 މިނެޓު ތެރޭގައެވެ. މިއީ އޭޑަން އޯނީލް ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުމެއް، އެލެސަންޑްރޯ ސިރްކާޓީގެ ފިއްތުންތަކާއެކު މިޞްރުގެ މުޙައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ ފަހުކޮޅު މިޞްރުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިފައެވެ. ޚާއްޞަކޮށް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ކުޅުނު ހައިސަމް ހަސަން ކުޅެން އެރުމާއެކު، ކަނާތް ފަޅިން މިޞްރުގެ ހަމަލާތައް ވަރުގަދަވިއެވެ. އޮސްޓްރޭލިއާގެ ކީޕަރު ޕެޓްރިކް ބީޗް ވަނީ ރާމީ ރަބިއާ އާއި މަރުވާން އަތިއްޔާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ހަމައެއާއެކު، މިޞްރުގެ ކީޕަރު މުސްތަފާ ޝުބޭރުވެސް ވަނީ މުހިންމު ސޭވްތަކެއްކޮށް ޓީމު މެޗުގައި ހިފަހައްޓައިދީފައެވެ.

ޕެނަލްޓީއަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރޭލިއާއިން ވަނީ ކީޕަރު ބީޗްގެ ބަދަލުގައި ތަޖުރިބާކާރު ކީޕަރު މެތިއު ރަޔަން ކުޅެން އަރުވާފައެވެ. ނަމަވެސް، މި ބަދަލާއެކުވެސް މިޞްރުގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުވުމުން އެ އުކުޅު ކާމިޔާބެއް ނުވިއެވެ.

މުޙައްމަދު ޞަލާޙް އޭނާގެ “ޕެނެންކާ” ޕެނަލްޓީ ވަރަށް ހަމަޖެހިލާފައި ގޯލުގެ މެދަށް ފޮނުވާލިއިރު، އަބްދުލްމަޖީދު ފޮނުވާލި ފަހު ޕެނަލްޓީއާއެކު މިޞްރުން ތާރީޚީ މޮޅެއް ކަށަވަރުކުރިއެވެ. މިއާއެކު މިޞްރުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ބޮޑު އުފާވެރިކަމެއް ފެތުރިގެން ދިޔައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top