– ސައިންސްވެރިންނަށް އަދި ކިރިޔާ ދެނެގަނެވެން ފެށިފައިވާ ކަންތައްތަކެއް
ރޫޙާނީ، ސަގާފީ ނުވަތަ އަމިއްލަ ސަބަބުތަކަށްޓަކައި އިންސާނުން ޓެޓޫ ޖަހަމުން އަންނަތާ އެތައް ހާސް އަހަރެއް ވެއްޖެއެވެ. ނަމަވެސް، ޓެޓޫ ޖެހުމުގެ ތާރީޚާ ބެހޭ ގޮތުން ގިނަ މަޢުލޫމާތުތަކެއް އެނގެން ހުރި ނަމަވެސް، މިކަމުގެ ސަބަބުން އިންސާނާގެ ޞިއްޙަތަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އަދިވެސް އެނގެނީ ވަރަށް މަދު މިންވަރެކެވެ.
ހަމުގެ ތެރެއަށް ޓެޓޫގެ ކުލަ (ޕިގްމަންޓް) ފޮނުވާލުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ހޭލައްވާލައެވެ. މި ކުލަތައް ހަމުގެ ތެރޭގައި ދާއިމީކޮށް ހުރި ނަމަވެސް، އެއީ އަބަދުވެސް އެއް ތަނެއްގައި ހުންނަ އެއްޗެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޓެޓޫ ކުލައިގެ ކުދިކުދި އެތިކޮޅުތައް (ޕާޓިކަލްސް) ހަށިގަނޑުގެ ލިމްފެޓިކް ނިޒާމަށް ވަދެ، ލިމްފް ނޯޑްތަކުގައި ޖަމާވެއެވެ.
ލިމްފް ނޯޑްތަކަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ މައިގަނޑު މަރުކަޒުތަކެވެ. މި ތަންތަނުގައި ހުދުލޭގެ ސެލްތައް ގިނަ އަދަދަކަށް ހުންނައިރު، ހަށިގަނޑުގެ ތެރޭގައި ދައުރުވާ “ލިމްފް ފްލުއިޑް” މި ނޯޑްތަކުން ފުރޭނިގެން ދާއިރު، އޭގައި ހުންނަ ޖަރާސީމާއި، ވައިރަސް، އަދި ބޭރުގެ އެކި މާއްދާތައް ސާފުކޮށްދެއެވެ. ޓެޓޫގެ ކުލައަކީ ވެސް މިފަދަ ބޭރުގެ މާއްދާއެކެވެ.
ހަށިގަނޑުގެ އެހެން ތަންތަނަށް ކުލަ ދަތުރު ނުކުރި ކަމުގައި ވިޔަސް، ޓެޓޫ ޖެހުމާއެކު ދިފާޢީ ނިޒާމު މަސައްކަތް ފަށައެވެ. ހަމުގެ މެދު ފަށަލައަށް ކުލަ ފޮނުވާލުމުން، ހަށިގަނޑުގެ ދިފާޢީ ސެލްތަކުން އެއީ ބޭރުގެ ދުޝްމަނެއްގެ ގޮތުގައި ދެނެގަނެއެވެ. ނަމަވެސް، މި ކުލައިގެ އެތިކޮޅުތައް ބޮޑުކަމުން، ދިފާޢީ ސެލްތަކަށް އެ ތަކެތި ނައްތައެއް ނުލެވެއެވެ. ޓެޓޫ ދާއިމީކޮށް ހުންނަނީ މި ސަބަބަށްޓަކައެވެ. މިއީ މުޅި އުމުރަށް ހަށިގަނޑުގެ ތެރޭގައި ދެމިގެންދާ ހަނގުރާމައެއްގެ ފެށުމެވެ.

ރެޕް ލަވަކިޔުންތެރިޔާ އެމް.ޖީ.ކޭ ގެ ހަށިގަނޑުގެ ބޮޑު ބައެއްގައި ޓެޓޫ ޖަހާފައިވޭ. (ފޮޓޯ: އަލެކްސެންޑަރ ޓަމާގޯ/ސްޓްރިންގަރ/ގެޓީ އިމޭޖަސް)
ޓެޓޫ ކުލަތައް ދާއިމީކޮށް ހުރުމަށް އެހީތެރިވާ އަނެއް ސަބަބަކީ އެ ތަކެތި އުފައްދާފައިވާ ކެމިކަލްތަކެވެ. މެޑިކަލް މައިކްރޯބަޔޮލޮޖިސްޓް މަނާލް މުޙައްމަދު ވިދާޅުވާ ގޮތުގައި، މި ކުލަތަކުގައި ކާރުގައި ޖަހާ ދަވާދާއި، ޕްލާސްޓިކް އަދި ޕްރިންޓަރުގެ ދަވާދު ފަދަ ސިނާޢީ ކަންކަމަށް އުފައްދާފައިވާ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން، ނިކަލް، ކޮބާލްޓް، ކްރޯމިއަމް އަދި ބައެއް ފަހަރު ލެޑް (ތިމަރަ) ފަދަ ނުރައްކާތެރި މައުދަންތައް ވެސް މި ކުލަތަކުން ފެނިފައިވެއެވެ. މި މައުދަންތައް ގިނަ ދުވަހު ހަށިގަނޑުގައި ހުރުމުން ގުނަވަންތަކަށް ގެއްލުންވުމާއި، ނާރުގެ ބަލިތަކާއި، ކެންސަރުގެ ނުރައްކާ އިތުރުވެއެވެ.
ޚާއްޞަކޮށް ރަތް، ރީނދޫ އަދި އޮރެންޖް ކުލައިގެ ދަވާދުތަކުގެ ސަބަބުން އެލާޖިކްވުމާއި، ހަންގަނޑު ދުޅަވުން ފަދަ މައްސަލަތައް ކުރިމަތިވުން ގިނައެވެ. “އެޒޯ ޕިގްމަންޓްސް” ކިޔާ މާއްދާއެއް ހިމެނޭ މި ކުލަތައް، އިރުގެ އަލި ނުވަތަ ލޭޒާގެ އެހީގައި ޓެޓޫ ފޮހެން މަސައްކަތް ކުރުމުގެ ތެރޭގައި ބަދަލުވެ، ކެންސަރަށް މަގުފަހިވާ “އެރޯމެޓިކް އެމައިންސް” އަށް ބަދަލުވެދާނެކަމުގެ ބިރު އޮވެއެވެ.
ކަޅު ކުލައިގެ ޓެޓޫތަކުގައި “ޕޮލީސައިކްލިކް އެރޯމެޓިކް ހައިޑްރޯކާބަންސް” ހިމެނޭއިރު، މިއީ އާންމުކޮށް ދުމާއި، އުޅަނދުފަހަރުގެ ދުމުން ފެންނަ، ކެންސަރަށް މަގުފަހިވާ މާއްދާއެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ޓެޓޫ ޖަހާފައިވާ މީހުންނަށް ހަމުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ “މެލަނޯމާ” ޖެހުމުގެ ފުރުޞަތު 29 އިންސައްތަ އިތުރެވެ.
މީގެ އިތުރުން، ޓެޓޫ ޖެހުމުގެ ތެރޭގައި ހަންގަނޑު ފޫއަޅުވާލަން ޖެހޭތީ، އެކި ކަހަލަ އިންފެކްޝަންތަކަށް މަގުފަހިވެއެވެ. އޭގެ ތެރޭގައި ހެޕަޓައިޓިސް ބީ އަދި ސީ ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެޓޫ ޖަހާ ތަންތަނަކީ މާބޮޑު ގަވާއިދެއްގެ ދަށުން ހިންގާ ތަންތަނެއް ނޫނެވެ. ޓެޓޫއަކީ ހަމައެކަނި ހަންގަނޑުމަތީގައި ޖަހާ ކުރެހުމެއް ނޫނެވެ؛ އެއީ މުޅި އުމުރަށް ހަށިގަނޑުގެ އެތެރޭގެ ކެމިކަލް ނިޒާމަށް ދޫކޮށްލެވޭ މާއްދާތަކެކެވެ.
އިސްލާމީ ނަޒަރަކުން ޓެޓޫ ޖެހުން
ޓެޓޫ ޖެހުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ. ކީރިތި ރަސޫލާ ﷺ ގެ ސައްޙަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، ހަށިގަނޑުގައި ޓެޓޫ ޖަހާ މީހާއާއި ޓެޓޫ ޖަހައިދޭ މީހާއަށް މާތްﷲގެ ލަޢުނަތް ހުއްޓެވެ. މިކަން ހަރާމްކުރެއްވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ﷲ ހައްދަވާފައިވާ އިންސާނާގެ އަސްލު ސިފަ ބަދަލުކުރުމާއި، ހަށިގަނޑަށް ވޭންދެނިވި ގެއްލުންތަކެއް ލިބުމުގެ އިތުރުން، އެއީ ނަޖިސް ހަރުލާ ކަމަކަށް ވާތީއެވެ. މުސްލިމުންގެ މައްޗަށް އޮތީ ﷲ ދެއްވި ސިފައަށް ރުހި، އެކަލާނގެ އެންގެވި އިންތަކުގެ ތެރޭގައި ހަށިގަނޑު ބެލެހެއްޓުމެވެ. އެހެންކަމުން، ދީނީ އަދި ސިއްޙީ ގޮތުން ބެލިކަމުގައިވިޔަސް ޓެޓޫ ޖެހުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
