ސްކޫލަށް އައު ހެޑްމާސްޓަރެއް އަންނަ ޚަބަރު މުޅި ސްކޫލްތެރޭގައި ފެތުރިގެން ހިނގައްޖެއެވެ. ސްޓާފްރޫމްގައި ލެސަންޕްލޭން ހަދަން އިން ޒޭބާގެ ކަންފަތަށް އެ ޚަބަރު އިވޭކަށްވެސް އެހާ ގިނަވަގުތެއް ނުނެގިއެވެ. ސްކޫލާއި އަލަށް ގުޅޭ ހެޑްމާސްޓަރަށް މަރުޙަބާ ކިޔުމަށްޓަކައި ޒޭބާގެ ހިތް ކިތަންމެ ނޭދުނަސް އެހެން ޓީޗަރުންނާއި އެކުގައި ނުގޮސްވާނެ ހަމަ އެއްވެސް ގޮތެއް ޒޭބާ އަކަށް ވެސް ނެތެވެ. ހެޑްމާސްޓަރާއި ސަލާމްނުކޮށް ވާނެ އެހެން ގޮތެއް ވެސް ނެތެވެ. މިކަންކަން ހިތަށް ވަނުމާއެކު ޒޭބާގެ ގަޔަށް ހީރޯޅިއެއް އަރައިގެން ދިޔައެވެ.

”އޭނަ އަކީ ވަރަށް މޮޅު ހެޑޭ އެކޯ މީހުން ކިޔާ.“ ޒޭބާ އާއި އެކުގައި މަސައްކަތްކުރާ ރީޝާ ބުންޏެވެ. ”އަދި އެހާ ހަރުކަށި މީހެކޯވެސް ކިޔާ.“ ރީޝާ އަށް ލިބިފައިވާ މަޢުލޫމާތުތައް އިތުރަށް ޒޭބާ އާއި ހިއްސާކުރިއެވެ. ޒޭބާގެ ހިތަށް އެރިއެވެ. އެބުނާހެން އޭނާ އަކީ ހަރުކަށި މީހަކަށް ވުމުގެ ފުރުޞަތު އެހާ ހަންޏެއް ވެސް ނޫނެވެ. އަދި އަމުދުން މިހާރު އެވެ. ޒޭބާގެ މޫނުގެ ކުލަވަރު ފަނޑުވެގެން ދިޔައީ ރީޝާއަށް އެކަން ފާހަގަނުކުރެވޭހާ ވަރަކަށް ނޫނެވެ. ޒޭބާގެ ރިއެކްޝަން ފެނިފައި ރީޝާގެ ދެލޯ ބޮޑުކޮށްގެން ޒޭބާ އަށް ބަލަން ހުރެވުނީ އެވެ.

އެންމެފަހުން އެވަގުތު ވެސް އައިސް ޖެހިއްޖެ އެވެ. ހުރިހައި ޓީޗަރުން ސްޓާފް މީޓިން ހޯލަށް ވަދެ ނިމިއްޖެ އެވެ. މުވައްޒަފުން އިށީންނުމަށް ޖަހާފައިހުރި ގޮނޑިތަކުގެ ކުރިމަތީގައި ހުރި ޚާއްޞަ ގޮނޑިތަކުން ގޮނޑިއެއް ކައިރީގައި އަލަށް އައި ހެޑްމާސްޓަރު ކޮޅަށް ހުންނެވީ މުވައްޒަފުންނަށް މަރުޙަބާ ކިޔުމަށެވެ. އެއީ އާދައިގެ އިސްކޮޅެއްގެ ވެރިއެކެވެ. އުމުރުން ދުވަސްވެފައި ހުއްޓަސް ސްމާޓް ފިރިހެނެކެވެ. މޫނުގެ ފޭސްކަޓް ހުރީ އެންމެ މިޒަމާނުގެ ޓޮޕް މޮޑެލް އަކާއި އެއްގޮތަށެވެ. ހިމަ ދިގު ނޭފަތެކެވެ. ޚާއްޞަ ޖާދޫއެއް ހުންނަ ދެލޮލުގެ މަތީގައި ވަނީ ކަޅުކުލަ ގަދަ ބުމައެކެވެ. ތުނބުޅި ބަހައްޓާފައި ހުރީ ހެޔޮވަރު ވަރަކަށް ކޮށާފައި ޒަމާނީ ސްޓައިލަކަށެވެ. ކަޅުކުލައިގެ ކޯޓެއް ލައިގެން ހުއްޓަސް ދަށުން ލާފައިވާ ގަމީހުގެ ގިރުވާނު ވަށައިގެން އޮންނަން ޖެހޭ ޓައީ ނެތްއިރު އެންމެ މަތީ ގޮށް ވެސް ހުރީ ނައްޓާލާފައެވެ. ޒަމާނީ ގޮތަކަށް ހުރި ހެއަރ ސްޓައިލް އާއިއެކު ހެޑްމާސްޓަރގެ އެ ޚާއްޞަ ބެލުމުގައި ޖާދޫއެއް ހުއްޓެވެ.

ހެޑްމާސްޓަރާއި ސަލާމް ކުރުމަށްޓަކައި ޒޭބާއަށް ކުރިއަށްޖެހިލެވުނީ އޭނާގެ ނަޒަރު ހަމަ ސީދާ ހެޑްމާސްޓަރުގެ މޭމައްޗަށް ހުއްޓާލައިގެން ހުރެއެވެ. ހެޑްމާސްޓަރުގެ ފުން ނަޒަރުން ރެކެވޭތޯ މަސައްކަތް ކުރަމުން ސަލާމް ކޮށްލުމަށް އަތްދިއްކޮށްލި އެވެ.

’އަހަރެން ބުނާނީ ކީކޭ؟ އެހެން މީހުންވެސް އެ ބުނިގޮތަށް މަރުޙަބާ އޭތަ؟‘ ޒޭބާގެ ހިތަށް އެރިއެވެ. ނަމަވެސް ޒޭބާ ނިންމީ އެއްވެސް އެއްޗެއް ނުބުނުމަށެވެ.

’އޭނަގެ އެ ބެލުމުން އަހަންނަށް އެދެނީ އަނެއްކާ ކޮން މެސެޖެއްބާ؟‘ ހެޑްމާސްޓަރުގެ ފިރިހެން ވަންތަ އަތްތިލައިގެ ބީހިލުން ދެމުން ހަމައެހާމެ ފިރިހެން ވަންތަ އަޑަކުން ’ތޭންކްސް‘ އޭ ބުނެލި އެވެ. ލަދުރަކި ހިނިތުންވުމެއް ދެމުން ޒޭބާއަށް އަނެއް ފަރާތަށް މޫނު އަނބުރައިލެވުނެވެ. އަވަސް އަވަހަށް އޭނާގެ ގޮނޑިއަށް ގޮސް އިށީންދެ ހަމަޖެލިއެވެ.

ދުވަހުގެ ބުރަ މަސައްކަތުގެ ސަބަބުން ޒޭބާގެ ހިތަށް ވެރިވި ހާސްކަން ފޮހެވިގެން ދިޔަ ނަމަވެސް، ޒޭބާގެ މޫޑް ހުރީ ހަމަޖެހިފައެއް ނޫނެވެ. އެކަން އޭނާގެ ކުލާސް ކުދިންނަށް ވެސް ފާހަގަ ކުރެވުނެވެ.

“މިސް މިއަދު އެހެރީ ވަރަށް ސަކަރާތް މޫޑެއްގަ!“ އަށްވަނަ ގްރޭޑްގެ ބީ ކުލާހުން ކުއްޖަކު އެހެން ކުއްޖެއް ކައިރީގައި ބުންޏެވެ.

ދުވަހުގެ ސެޝަން އެއްކޮށް އޭނާއަށް ހޭދަކޮށްލެވުނީ އެފަދަ ގޮތެއްގައެވެ.

ދިލްބަހާރުމަގު ގައި ހުންނަ އޭނާގެ ގެއަށް ގޮސް ވަދެވުމާއެކު، ޒޭބާ އެއްޗެހި ބަދަލުކޮށްލައިގެން ހަވީރު ސައި ބުއިމަށް އޭނާގެ މަންމަ އާއި އެކުގައި އިށީންނި އެވެ.

”ދަރިފުޅު އަނެއްކާ ކަމެއް ގޯސްވީތަ؟“ ޒޭބާގެ ސަރަކާތްވެފައިވާ މޫޑު ފާހަގަކުރެވިގެން މަންމަ އަހައިލި އެވެ.

”ވަސީމް، ޢަލީ ވަސީމް.“ ޒޭބާ ދިނީ ކުރު ޖަވާބެކެވެ. ”މަންމަ ހަނދާން އެބަހުރިތަ އޭނަމަތިން؟ ސްކޫލް ހެޑްމާސްޓަކަށް އޭނަ އައިސްފިއޭ.“

”ނާ ހަމަ ތެދެއް!؟“ ޒޭބާގެ މަންމަ އަށް ލިބުނީ ހައިރާން ކަމެކެވެ.

ޒޭބާ ޖަވާބެއް ނުދީ އިރުކޮޅަކު ހުރުމަށްފަހު އެންމެ ފަހުން ހިމޭނަކުން ނުއިނދެވުނެވެ. ”އެއީކީ ދެން އެހާވަރު ކަމެއްވެސް ނޫނެއްނު މަންމާ – އެއީ އަހަރެން ހަނދާން ނައްތާލާފައިވާ ދުރު މާޒީއެއް!“

ކައި ނިމިގެން ޒޭބާ ގޮސް ޖައްސާލީ ސިޓިންގރޫމްގައެވެ. ކުޑަކޮށް ރެސްޓްކޮށްލުމަށްފަހު ގޭގައި މާރކްކުރަން ގެނައި ޕޭޕަރުތައް ބެލުމަށް ޕްލޭން ކޮށްލަމުންނެވެ. ޢަލީ ވަސީމް މަތިން ޒޭބާ ހަމަ ހަނދާން ނައްތާލީ ހެއްޔެވެ؟ ނޫނެކެވެ. އެއްކޮށް ހަނދާން ނައްތައެއް ނުލެވެއެވެ. އޭނާ މަތިން އެއްކޮށް ހަނދާން ނައްތައިލެވޭނީ ކިހިނެތް ހެއްޔެވެ؟ ޒޭބާއަށް ހިސާބުން ޓިއުޝަން ދިނުމަށް އޭނާ އެންމެ ފުރަތަމަ އައިއިރު ޒޭބާގެ އުމުރަކީ ސާދަ އަހަރެވެ. ސާދަ އަހަރެއްވެސް ނޫނެވެ. އުމުރުން އެންމެ 13 އަހަރެވެ. އޭރު ޢަލީ ވަސީމްގެ އުމުރަކީ ތިރީސްފަސް އަހަރެވެ. ޒޭބާގެ ބައްޕަ އާއި އެއް އުމުރުގެ މީހެކެވެ. އެދުވަހު ޓިއުޝަނަށް ފަހު ޒޭބާގެ މަންމަ ކައިރީގައި ޒޭބާ ބުންޏެވެ. ”އޭނަ ހުންނަނީ ހާދަ ގޮނޑުކޮށޭ ދޯ މަންމާ. އެކަމަކު އޭނަ ވަރަށް މޮޅަށް މެތުސް ސަމްސް ތައް އެކްސްޕްލެއިން ކޮށްދޭ.“

ޒޭބާއަށް މަންމަ ޖަވާބުދިނީ ރަނގަޅު ނަސޭހަތެއް ދެމުންނެވެ. ”އޭނަ ކޮންމެ ގޮތަކަށް ހުރިއްޔާ އަހަރުންނަށް ކީއް؟ މުހިންމީ އޭނަ މޮޅަށް ކިޔަވައިދިނުން ދޯ!“

ޓިއުޝަން ދިނުމުގައި ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް ވަސީމްގެ މަޖާކަން ޒޭބާއަށް ކަމުދާން ފެށި އެވެ. ވަސީމްގެ ކިޔަވައިދިނުމުގައި ޒޭބާ ބައިވެރިވަމުން، ދަސްކުރަމުން ދިޔައީ ވަރަށް ގަޔާވެގެންނެވެ. ވަސީމަށް ލިބިފައިވާ ޢިލްމުން ފައިދާ ހޯދަމުންނެވެ. އެކަމަކު އެކަން ހިނގަން ވީ އެހެންވީއިރު ކީއްވެގެން ހެއްޔެ؟ ވަސީމުގެ އުޅުމަކުން މައުސޫމު ޒޭބާއަށް އެއްވެސް ތަފާތު ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެހެން ނަމަވެސް ހިނގަން ނުޖެހޭ ކަމެއް ހިނގަންވީ ކީއްވެގެން ހެއްޔެވެ؟

އެދުވަހަކީ ޒޭބާ އާއި ވަސީމް އެކަނި އެގޭގައި މަޑުކުރަން ޖެހުނު ދުވަހެކެވެ. ބައްޕަ ދިޔައީ ބޮޑުދައިތަގެ ދަނޑަށެވެ. ދެވަނަ ބަފައެއްގެ ދަރަޖަ ދީފައިވާ މީހެއްގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެކަމަށް ޒޭބާއަށް ކުޑަކޮށްވެސް އަންދާޒާއެއް ނުކުރެވެއެވެ. އެކަމަކު ކީއްވެގެން ހެއްޔެ؟ އެކަން ހިނގަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ފަރާތުން ލޯތްބެއް އަދި އެދުންވެރިކަމެއް ނެތި އެކަން ހިނގައި ނިމިއްޖެ އެވެ.

”އަޅެ ކިހިނެތްތަ މިވީ؟“ ވާނެ އެއްޗެއް ވެ ނިމުނުފަހުން ގަތްފައިވާ  ބިރާއެކު ޒޭބާ އަށް އަހައިލެވުނީ އެންމެ ސުވާލެކެވެ.

”އެހާވަރަށް ބިރުގަނެ ދެރަ ނުވެބަލަ. މިކަން އެހެން މީހަކަށް ނާންގާ ބާއްވާ. ޒޭބާއަށް އަށާރަ އަހަރު ވުމުން އަހަރެން އަންނާނަން ޒޭބާ އާ ކައިވެނިކުރަން.“ ވަސީމް ޖަވާބު ދިނީ ވަރަށް ހަމަޖެހިލައިގެން އިނދެއެވެ.

އެދުވަހު ވަސީމް ވީ ހޮޅި ވަޢުދެއް ނޫނެވެ. ޒޭބާގެ އުމުރުން އަށާރަ އަހަރު ފުރުނު ދުވަހު ޒޭބާގެ ކައިވެންޏަށް އެދެން އެގެއަށް ދިޔައެވެ. ނަމަވެސް އޭރު ޒޭބާ އޭލެވެލް އިމްތިހާނުން ރާއްޖެއިން ޓޮޕްޓެންގެ ފަޚްރުވެރި އެއްވަނަ ޙާޞިލްކުރުމުން ވަނީ ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ދެއްވާ ސްކޮލަރޝިޕް ލިބިފައެވެ. އެދުވަހު ޒޭބާއަށް ހުރެވުނު ނާޒުކު ހާލަތު އޭނާއަށް ކިތަންމެހާވެސް ރަނގަޅަށް އެނގުނެވެ. ޒޭބާގެ ހިތުގައި ވަސީމާއި މެދު އެއްވެސް ލޯތްބެއް އަދި އިހްތިރާމެއް ވެސް ނެތްކަން ވަރަށް ބޮޑަށް ސާފުވިއެވެ. ވަސީމަކީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހެދުމަށް ހިތުގެ ހިމަކަނަކުންވެސް އުއްމީދު ނުކުރެވޭ މީހެއްކަން އެނގުނެވެ. އެކަމަކު ދެން ހަދާނީ ކިހިނެތް ބާއޭ ޒޭބާގެ ހިތަށް އެރިއެވެ. މީގެ ދެއަހަރު ކުރިން އޭނާގެ ބައްޕަވެސް ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. އޭރުން ފެށިގެން އެގޭގައި ފިރިހެނެއްގެ ދައުރުވެސް އަދާކުރަމުން އެ އަންނަނީ އޭނާގެ މަންމަ އެވެ. މިއަދު އެ މަންމަ އާމެދު ފިކުރުކުރަން ހުރީ ހަމައެކަނި ޒޭބާ އެވެ.

ނިންމުމެއް ނިންމަން ކިތައްމެ އުނދަގުލަސް އެއްމެފަހުން ޒޭބާގެ މަންމަ އަށް ބުންޏެވެ.

”މަންމަގެ އަމިއްލަ މިނިވަންކަން މަންމައަށް މުހިންމުވާނެ މިންވަރު އަހަންނަށް އެނގޭ. އެހެންވީމަ މިކަމުގައި މަންމަ ބޭނުން ގޮތެއް ނިންމުމަށް ދޫކޮށްލައިފިން.“

ޒޭބާއަށް ހުރެވުނު ނާޒުކު ހާލަތު އޭނާއަށް ރަނގަޅަށް ވަޒަން ކުރެވުނެވެ. ކައިވެންޏަށް އެއްބަސްވުން ނުވަތަ އެ ދޮރު އެއްކޮށް ބަންދުންކޮށްލުން ނޫން އެހެން ގޮތެއް ނެތެވެ. އޭގެ ތެރެއިން އެސްވެސް ގޮތަކީ އޭނާ ހިތުން ރުހުމުން ނިންމޭނެ ގޮތެއް ނޫނެވެ. ނަމެއްގައި އޭނާ އަކީ މުއްސަނދި ބައްޕައެއްގެ ހުރި ރީތި އަންހެން ކުއްޖެކެވެ. ނަމަވެސް މިއަދު އޭނާ އެވަނީ ނެއްޓެން އުނދަގޫ ދަންތުރައެއްގައި ބެދިފައެވެ. އެ ދަންތުރައިގައި އޭނާ ބެދިފައިވާ ވާއިރު ވަސީމް އެހުރީ ދަހިވެތިކަމާއެކު އޭނާގެ ޖަވާބަކަށް އެދިއެދި އެވެ. އެދުވަހު ވަސީމްގެ ކުޅަދާނަ އުކުޅު ބޭނުންކޮށްގެން ހިނގައިދިޔަ ކަންތަކާމެދު ޒޭބާ ނަފުރަތު ކުރެއެވެ. ހަމަ އެގޮތަށް ޚުދު ޒޭބާގެ ނަފުސުގެ ބަލިކަށިކަމަށްޓަކައި އަމިއްލަ ނަފުސުދެކެ ވެސް ރުޅިއާދެވެއެވެ. އޭނާގެ މައުސޫމިއްޔަތުގެ ނާޖާއިޒު ފައިދާ ވަސީމް ނެގުން އެއީ އެހެން ކަމެކެވެ. ނަމަވެސް މިއަދު ވަސީމު އޭނާގެ ކައިވެންޏަށް އެދި ސަލާން ޖެހުމަށް ނާށިގަނޑު ދިއްކޮށްގެން އެހެން ހުރުމަކީ ވަކިން ކުޑަކަމެއް ހެއްޔެވެ؟ ވަސީމް އެގެއަށް އައިސް ވަންގޮތަށް ބޭކާރު ވާހަކަތަކެއް ނުދައްކާ ސީދާ ޕޮއިންޓަށް ދިޔައެވެ.

”އަހަރެން އޭރު ބުނިގޮތަށް މިހުރީ އައިސް، އަހަރެންގެ ވަޢުދުގައި އަހަރެން ސާބިތުވެހުރީ އަހަރެން ޒޭބާ ދެކެ ލޯބިވާތީ.“ ވަރަށް ސާބިތުވެހުރެ ވަސީމް ބުންޏެވެ.

”އަހަންނަށް އެނގޭ ޒޭބާ އަކީ ކިޔަވާހިތްވާ ކުއްޖެއްކަން. އެހެންވީމަ މަށާ ކައިވެނިކުރިޔަސް ’ކޮލެޖް އޮފް ސައިންސް‘ އިން މަތީ ތަޢުލީމު ޙާސިލް ކުރުމަށް އެޅޭ އެއްވެސް ހުރަހަކަށް އަހަރެން ނުވާނަން.“ އިތުރަށް ވަސީމް ބުންޏެވެ.

ވަސީމްގެ ވާހަކަތައް ކިތަންމެ ރަނގަޅަށް ހުރިޔަސް އެވާހަކަތައް އިވުމުން ޒޭބާއަށް ރުޅި އާދެވުނީ މިއިން ދުވަހަކު ރުޅި ނާދެވޭ ވަރަށެވެ. ގަދަބާރު ދެއްކުމާއި މަޖުބޫރީ ހާލަތާއި އޭނާ ކުރިމަތިލިއެވެ. ވަސީމްގެ ކައިވެންޏަށް ފުރަގަސް ދިނުން ވީ ޒޭބާއަށް ވަރަށް ކުޑަކުޑަ ކަމަކަށެވެ. އެކަމަށް އިންކާރު ކުރެވުމުން އަމިއްލަ ނަފުސުގެ މިނިވަންކަން އިހްސާސް ކުރެވުނެވެ. އަމިއްލަ ނަފުސުގެ ހަރުދަނާ ކަމާމެދު ފަޚްރުވެރި ވެވުނެވެ.

ޒޭބާގެ ކައިވެންޏަށް އެހާ ދިގު އިންތިޒާރެއް ކޮށް އެކަމަށް ވަސީމު އެދުނީ ޒޭބާގެ މިލްކިއްޔާތުގައިވާ ފައިސާ އާއި މުދާވެރިކަމުގެ ބޭނުމުގައި ކަމަށް ޒޭބާ ދެކުނެވެ. އެހެންކަމުން އެ ކައިވެންޏަށް ޒޭބާގެ މަންމަ ކައިރީގައި ނޫނެކޭ ބުނީ ވަރަށް ސާފުކޮށް، ސީދާކޮށެވެ. އޭގެ ޖަވާބުގައި މަންމަ ދިން ޖަވާބުން ޒޭބާއަށް ހިތްހަމަޖެހުން ލިބުނެވެ.

”މަންމަ ވަރަށް އުފާކޮށްފިން ވަސީމުގެ އެ އެދުމަށް ވިސްނައިލުމެއް ނެތި އެއްބަސް ނުވީތީ.“ ދަރިފުޅުގެ ނިންމުމަށް މަންމަ އެއްބާރުލުން ދިނީ އުފަލުން ހުރެއެވެ.

ވަސީމަށް ނޫނެކޭ ބުނުމަށްފަހު ޒޭބާ އެތަނުން ނިކުންނަން ހިނގައިގަތް ވަގުތު ޒޭބާގެ ކުރިމައްޗަށް ވަސީމް އަރައި މަގު ބެއްދި އެވެ. ”ކީއްވެ ޒޭބާ މިކަމާ ނޫނެކޭ ބުނީ؟ ތިގޮތަށް ތިކަން ނިންމީމަ އޭގެ ނަތީޖާ ނިކުންނާނެ ގޮތަކާމެދު ކުޑަކޮށް ވެސް ވިސްނައިލިންތަ؟“ ވަސީމުގެ އަޑުގައި ހުރީ ހަރުކަށި ކަމާއި ރިހުމުގެ އަސަރެވެ.

”ވަސީމް އާ ކައިވެނި ކުރުމަށްވުރެން މަށަށް ހެޔޮ ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް.“ ވަރަށް ސާބިތުކަމާއެކު ޒޭބާ ބުންޏެވެ.

ބޫޓާނުގެ ’ކޮލެޖް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ‘ އިން މަތީ ތަޢުލީމު ޙާޞިލުކުރުމަށްފަހު ޒޭބާ ރަށަށް އައިސް ކަމެއް ނުކޮށް ހުސްކޮށް ނުހުރުމަށް ރަށު ސްކޫލްގެ ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާއަށް ދާންފެށި އެވެ. ކިޔެވުމަށް ހޭދަކުރި އަހަރުތަކާއި ސްކޫލް ވަޒީފާގައި ހޭދަކުރެވުނު އެއް އަހަރު ތެރޭގައި ޒޭބާ އާއި ރައްޓެހިވުމަށް އެތައް ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. ކައިވެނި ކުރުމަށް ވެސް ހުށައަޅާފައެވެ. ނަމަވެސް އެ ހުރިހައި ފުރުޞަތު ތަކަކަށްވެސް އޭނާ އަންނަނީ ސާފުކޮށް ނޫނެކޭ ބުނަމުންނެވެ.

”ދަރިފުޅަށް ކަމުދާ ހަމަ އެއްވެސް މީހެއް މިރަށުގަ ނެތީތަ؟“ ކައިވެންޏެއް ނުކޮށް އެހެން ހުންނާތީ އަބަދުވެސް ޒޭބާގެ މަންމަ ތަކުރާރުކުރާ ސުވާލު މިއަދުވެސް ތަކުރާރު ކޮށްލިއެވެ.

”އަހަންނަށްދޯ އެނގޭނީ އަހަންނަށް ރަނގަޅު މީހެއް. މަންމަ ދެން އެކަމާ ނުވިސްނަބަލަ ތިވަރަށް.“ ޒޭބާ ވެސް ކޮންމެ ފަހަރަކު ދޭ ޖަވާބު ދިނެވެ.

”މަންމަ ވިސްނާނެ ދޯ. ދަރިފުޅުގެ އުމުރުން ދުވަހަކަށް ފަހު ދުވަހެއް ހޭދަވަމުން ދާއިރު ތި ހުންނަނީ މީހަކާ އިންނަން ހިތަށްވެސް ނާރުވާ ވިއްޔަ. އެހެންވީމަ މަންމަ އަށް ވިސްނޭނެދޯ.“

ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް، މަސްތައް އަހަރުތަކަށްވެ، އަހަރަކަށްފަހު އަހަރެއް ފާއިތުވަމުން ދެއެވެ. އެހެން ނަމަވެސް ޒޭބާގެ ވިސްނުމަކަށް ބަދަލެއް ނާދެއެވެ. ލޯތްބާއި ދުރުގައި ދުވަސްތައް ގުނަމުން ދިޔައީ ގަންނަ ބިރަކުންނެވެ. ލޯބިވާން ބިރުގަންނަނީ އެވެ. ކައިވެންޏެއް ކުރަން ބިރުގަންނަނީ އެވެ. އުއްމީދު ކުރަމުން ދުވަސްތައް ގުނަމުން ދަނީ ކައިވެންޏެއް ނުކުރިޔަސް ދިރިއުޅުން ބާއްޖަވެރިކޮށް ކަޑައްތުކޮށްލެވޭނެ ކަމަށް ހީކޮށްގެންނެވެ. އުފާވެރި ނޫނަސް، ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމުގެ އުއްމީދުގައެވެ. އަމިއްލަ ނަފުސަށް ތާއަބަދު، ކޮންމެ ދުވަހަކު ވިސްނައިދެމުން ދަނީ އިޝްޤީ ލޯތްބާއި މައިވަންތަކަމާއި ނުލައިވެސް އުފާވެރި ޙަޔާތެއް ލިބިދާނެ ކަމަށެވެ. ވަސީމް އާއި ނުއިނުމަށް މީގެ އަހަރުތަކެއް ކުރިން ނިންމި ނިންމުމާމެދު އޭނާ ކުޑަކޮށްވެސް ދެރައެއް ނުވެއެވެ. ނަސީބުގައި ލައްވަވާފައިވަނީ ކާކުކަމެއް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ ނަމަވެސް މިއަދު އޭނާ ފެންނަ ހިސާބަށް ވަސީމް އައުމުން ހުރީ ހިތްހަމަ ނުޖެހިފައެވެ. ކޮންމެ ދުވަހަކުވެސް ވަސީމް އާއި ފެނިދެނިވެ ވާހަކަ ދައްކަން ޖެހުނު ފަހަރެއްގައި ވާހަކަވެސް ދައްކަން ޖެހޭނެތީ އެވެ. އޭރުގެ މާޒީ އެނބުރި އިއާދަވާކަށް ޒޭބާ ކުޑަކޮށްވެސް ނޭދެއެވެ.

ސްކޫލްގައި ޒޭބާ އާއި ވަސީމް އެކަނިވެރިވި ފުރަތަމަ ފަހަރެވެ. ވަސީމްގެ ކެބިން ތެރޭގައެވެ. ވަސީމް ގެ ސާދާ ވާހަކަދެއްކުމުގެ ސްޓައިލްގައި ބުނަން ބޭނުންވާ އެތި ބުނެލިއެވެ.

”ކިހިނެއްތަ؟“

”އަހަރެން ރަނގަޅު.“ ޒޭބާ ޖަވާބުދިނީ ފިނިވެފައި ހުރެއެވެ.

ކުޑަކޮށް ފަސްޖެހެމުން ނުކެރިހުރެ ވަސީމްގެ ހިތުގައި ހައިޖާނު އުފައްދަމުންދިޔަ ބޮޑުސުވާލު ބޭރުކޮށްލީ ވާނެއެއްޗެއް ވުމަށް ﷲ އާއި ވަކީލުކުރަމުންނެވެ.

”އަދިވެސް….. މީ އަދިވެސް ….. އަހަރެން އަހަން މިއުޅެނީ އަދިވެސް ޒޭބާ މެރީ ނުކުރަންތަ؟“

”ބުނެފިންދޯ އަހަރެންގެ ހާލު ރަނގަޅޭ.“ ވަސީމުގެ ސުވާލަށް ޒޭބާ ދިން ޖަވާބު ވަސީމަށް ވިސްނޭނެ ކަމަށް އުއްމީދުގައި ބުންޏެވެ.

”ހާލު ރަނގަޅުކުރަން ބޭނުމިއްޔާ އަދި އިތުރަށްވެސް ހާލު ރަނގަޅު ކުރެވިދާނެ.“ ވަސީމް ބުންޏެވެ.

”ނޭނގުނު ތިބުނި އެއްޗެއް!“ ހިތުގެ އެންމެ ފުނުން ހިނިތުންވަމުން ޒޭބާ ބޭނުންވީ ލޯބީގެ ބަގީޗާގައި މީހުން ވާހަކަދައްކާ ގޮތަށް ވާހަކަ ދައްކާށެވެ.

”ހަމަ ނޭނގުނުތަ؟ މިބުނީ އަހަރެން އަދިވެސް މިހުންނަނީ ހަމަ އެދުވަހުވެސް ޒޭބާ އާއި މެރީކުރަން ބޭނުންވިވަރަށް އެކަމަށް އެދުންވެރި ވެފައޭ. އަހަންނާ މެރީކުރަން އަދިވެސް އެއްބަސް ނުވެވޭނެހޭ. ވިލް ޔޫ މެރީ މީ ހޭ؟ މިވަރުން ދެން ގެޓްވަންޏާ ގެޓްވާންވީ!“ ޒޭބާގެ ވާހަކައިގެ ރާގު އެނގިގެން ޒޭބާއަށް އެދޭ މިންވަރު ވަސީމު ހާމަކޮށްލި އެވެ.

”ޔެސް ސަރ. ޔެސް ހެޑްމާސްޓަރ.“ ހެމުންހެމުން ޒޭބާ މިހެންބުނީ އެމީހުންނަށް ތިބެވުނީ ވަސީމުގެ ކެބިންގައި ކަންވެސް ހަނދާންނެތި ވަސީމުގެ މޭތެރެއަށް ވަދެ ބޮނޑިވެލަމުންނެވެ.

 

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.