ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިން ކަޅިޖަހާނުލައި ބަލަމުންދާ، ގުދުރަތީ ރީތިކަން ލިބިފައިވާ ރަށްތަކާއި، ފަރުތަކާއި، ސަހަރާ އަދި ފަރުބަދަތައް ހިމެނޭހެން ސައޫދީ އަރަބިއްޔާ އިން އަންނަނީ “ރެޑް ސީ”ގެ ނަމުގައި ލަގްޒަރީ މަންޒިލެއް ތަރައްގީކުރަމުންނެވެ.
އާންމުކޮށް ކަނޑުގެ ރީތި މަންޒިލެއްގެ ޚިޔާލު ހިތަށް އައުމާއެކު ސިފަވަނީ ދިވެހިރާއްޖެއެވެ. އެއީ ނޫވިލުތަކާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، މޫދު މަތީގައި ހަދާފައިވާ ވިލާތަކެވެ. ސައޫދީ އަރަބިއްޔާގެ އަމާޒަކީ އެ ތަޞައްވުރުގެ ބޭނުން ހިފައިގެން، އެއަށްވުރެ މާ ފުރިހަމަ އަދި ތަފާތު މަންޒިލެއް ދުނިޔެއަށް ދެއްކުމެވެ.
ސައޫދީގެ ހުޅަނގު އައްސޭރީގައި ބިނާވަމުންދާ “ދަ ރެޑް ސީ” އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އާ މިންގަނޑަކަށް ވުމަށް އަމާޒު ހިފާފައިވާ، ބިޔަ އަދި މަތީ ފަންތީގެ މަޝްރޫއެކެވެ. ޖުމްލަ 28،000 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ފެތުރިފައިވާ މި މަންޒިލުގައި 90 އަށްވުރެ ގިނަ ގުދުރަތީ ރަށްތައް ހިމެނެއެވެ. ނަމަވެސް، ތިމާވެށީގެ ނިޒާމު ރައްކާތެރިކޮށް، މަންޒިލުގެ ޚާއްޞަކަން ދެމެހެއްޓުމަށްޓަކައި ތަރައްގީކުރަން ނިންމާފައިވަނީ އެންމެ 22 ރަށެވެ.
“އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް ދެނީ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް،” ރެޑް ސީ ގްލޯބަލްގެ ހެޑް އޮފް ޑިވެލޮޕްމަންޓް ސްޓީފަން ޗީޒްބްރޯ ވިދާޅުވިއެވެ.

‘ނުޖުމާ’ މަޝްރޫޢުގެ ދަށުން އުންމަހާތު ރަށުގައި ތަރައްޤީކޮށްފައިވާ ފަތުރުވެރިކަމުގެ ވިލާތައް. / ރެޑް ސީ ގްލޯބަލް
ދިވެހިރާއްޖެއަށްވުރެ ފުޅާ ދާއިރާއެއްގައި
ރާއްޖެއާ މި މަޝްރޫއު އަޅާކިޔުންތައް އަމާޒުވި ނަމަވެސް، ޗީޒްބްރޯ ގަބޫލުކުރައްވާ ގޮތުގައި ސައޫދީގެ މި މަޝްރޫއަކީ އެހެން ތަނަކުން ފެންނަން ނެތް ފަދަ ތަފާތުތަކެއް އެކުލެވޭ މަޝްރޫއެކެވެ.
“ރަށްތަކުގެ ސާފު ފެނާއި ހުދު ދޮންވެލި ގޮނޑުދޮށްތަކުން ރާއްޖޭގެ ހަނދާންތައް އާކޮށްދޭނެ ކަމީ ތެދެއް. ނަމަވެސް އެއްގޮތްކަން ނިމެނީ އެ ހިސާބުން، މިތަނުގެ މަންޒިލްތައް މާ ބޮޑަށް ވެސް ތަފާތު. ރަށްތަކުގެ އިތުރުން ފަރުބަދަތަކާއި، އަލިފާން ފަރުބަދަތަކާއި، ސަހަރާތަކާއި، އެތައް ކިލޯމީޓަރެއްގެ ފަރުތައް އެބަހުރި. ފަތުރުވެރިއަކަށް ހެނދުނު ފަރުތަކަށް ޑައިވްކޮށްލާފައި، ހަވީރު ސަހަރާއަށް ދަތުރުކޮށް ނުވަތަ ފަރުބަދައެއްގެ މަތީގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވިދާނެ. ދުނިޔޭގެ މަދު ތަނެއްގައި ނޫނީ މިހާ ކުޑަ ސަރަހައްދެއްގެ ތެރޭގައި މިހާ ތަފާތު ތަޖުރިބާތަކެއް ނުލިބޭނެ.” ޗީޒްބްރޯ ވިދާޅުވިއެވެ.
ކަނޑާއި، ފަރުބަދަ އަދި ސަހަރާގެ މި ގުޅުމަކީ އިންޑިއާ ކަނޑާއި ކެރީބިއަންގެ ލަގްޒަރީ މަންޒިލްތަކާ ސައޫދީ އަރަބިއްޔާ ވަކިކޮށްދޭނެ އެންމެ ބޮޑު ސިފަކަމަށް އެ ގައުމުން އުއްމީދު ކުރެއެވެ.

‘އަމާލާ’ މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރެވޭ ނަމޯސް މެރީނާ. / ރެޑް ސީ ގްލޯބަލް
ތިމާވެށި އާރާސްތުކުރާ ފަތުރުވެރިކަން
މި މަޝްރޫއުގައި ހަމައެކަނި ލަގްޒަރީއަށް އިސްކަންދިނުމުގެ ބަދަލުގައި، “ރީޖެނެރޭޓިވް ޓޫރިޒަމް” ނުވަތަ ތިމާވެށި އާރާސްތުކުރާ ފަތުރުވެރިކަމަށް ބޮޑު އަހައްމިއްޔަތެއް ދެއެވެ. ޗީޒްބްރޯ ވިދާޅުވި ގޮތުގައި މިހާރު ތިމާވެށި ހިމާޔަތްކުރުމަކުން އެކަނި ނުފުދެއެވެ؛ އަސްލު ގޮންޖެހުމަކީ ތިމާވެށީގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރުމެވެ.
މި މުޅި މަޝްރޫއު ހިންގަނީ އިއާދަކުރަނިވި ހަކަތައިންނެވެ. ފެން ރީސައިކަލްކޮށް ބޭނުންކުރުމާއި، ކުނި މެނޭޖްކުރުމުގައި ޒަމާނީ ނިޒާމުތައް ބޭނުންކުރުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް ތަނބެވެ. މިއީ މިހާރުގެ މަތީ ފަންތީގެ ފަތުރުވެރިން އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައް ވެސް މެއެވެ.
ގައުމަށް ހުޅުވައިދޭ ދޮރާށްޓެއް
މިވަގުތު މި މަންޒިލުގައި 11 ހޮޓާ ހިންގަމުން އަންނައިރު، ކުރިއަށް އޮތް މަސްތަކުގައި އިތުރު ރިސޯޓުތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. ވަކިން ޚާއްޞަކޮށް “ޝޫރާ އައިލެންޑް” ވެގެންދާނީ މި މަޝްރޫއުގެ ހިތަށެވެ. އެތަނުގައި ބައިނަލްއަގުވާމީ ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި، މެރީނާއެއްގެ އިތުރުން ގޯލްފް ކޯހެއް ވެސް ހުންނާނެއެވެ.
ނަމަވެސް، ރެޑް ސީ ގްލޯބަލްގެ އަމާޒަކީ ފަތުރުވެރިން ހަމައެކަނި ރިސޯޓުތަކުގައި ބޭތިއްބުމެއް ނޫނެވެ. މިއީ ސައޫދީ އަރަބިއްޔާގެ އެހެން ސަރަހައްދުތައް ކަމަށްވާ އަލްއުލާ އާއި ޖިއްދާ ފަދަ ތަންތަން ބަލާލުމަށް ހުޅުވައިދޭ މަގަކަށް ހެދުމެވެ.

ލަހެގް ރަށުގައިވާ ‘ރިންގް’ ފަރުމާގެ އިރުއޮއްސޭ ވަގުތުގެ ހިތްގައިމު މަންޒަރު. / ރެޑް ސީ ގްލޯބަލް
އަހަރުގެ ހުރިހާ ދުވަހަކު ހުޅުވިފައިވާ މަންޒިލެއް
ސައޫދީއަށް ޒިޔާރަތްކުރެވެނީ ހަމައެކަނި ފިނި މޫސުމުގައި ކަމަށް އޮންނަ ވިސްނުން ބަދަލުކުރުމަކީ އެއް ގޮންޖެހުމެވެ. އަމާޒަކީ އަހަރުގެ 12 މަސްދުވަހު ހިދުމަތް ދިނުމެވެ. 2026 ވަނަ އަހަރު ފެށުނީއްސުރެ ރެޑް ސީ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ 78،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައެވެ.
2030 ވަނަ އަހަރާ ހަމައަށް ދާއިރު، 50 ހޮޓަލަކުން 8,000 ކޮޓަރި އާއި 1,000 އަށްވުރެ ގިނަ ރެސިޑެންސްތަކާއެކު، އަހަރަކު އެއް މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މި މަޝްރޫއު އަމާޒު ހިފާފައިވެއެވެ.
މި މަޝްރޫއު ކާމިޔާބުވެއްޖެނަމަ، މިއީ ހަމައެކަނި އާ މަންޒިލެއް ހުޅުވުން އެކަންޏެއް ނޫނެވެ. މިއީ މަތީ ފަންތީގެ ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުން އެކުގައި ކުރިއަށް ގެންދެވިދާނެކަން ދުނިޔެއަށް ސާބިތުކޮށްދޭނެ ނަމޫނާއަކަށް ވާނެއެވެ.
