އިންޑިއާގެ ކަލްކަތާ ކައިރީގައި އޮންނަ ވެސްޓް ބެންގާލުން ނުރައްކާތެރި “ނިޕާ ވައިރަސް” ޖެހިފައިވާ ފަސް މީހަކު ފެނުމާ ގުޅިގެން، އެ ޤައުމުގެ ސިއްޙީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބަލި ފެނިފައިވަނީ އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ސިއްޙީ މުވައްޒަފުންގެ މެދުގައެވެ. މިއާއެކު، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުއްލި ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ.
“ޕްރެސް ޓްރަސްޓް އޮފް އިންޑިއާ” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބަލި ޖެހުނު މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ. އޭގެ ތެރެއިން އެކަކަށް ނޭވާލާ ނިޒާމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ހާލު ވަރަށް ސީރިއަސްވެ މިހާރު އޮތީ ކޯމާއެއްގައެވެ.
ކަމާބެހޭ އިދާރާތަކުން ދަނީ މި ބަލި ފެތުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ބަލިޖެހުމުގެ ނުރައްކާ އޮތް 20 މީހަކު އެކަހެރިކޮށް، ގާތްގަނޑަކަށް 180 މީހެއްގެ ޓެސްޓުތައް ވަނީ ހަދާފައެވެ. އަދި އެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު ބެލުމުގެ މަސައްކަތް (ސަވައިލަންސް) ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
މައިގަނޑު ގޮތެއްގައި ވާލުގެ ޒަރީއާއިން ފެތުރޭ ނިޕާ ވައިރަހަކީ އިންސާނުންގެ މެދުގައި ވެސް ފެތުރޭ، މަރުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ބައްޔެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިންޒާރު ދޭ ގޮތުގައި، މި ބަލި ޖެހޭ މީހުންގެ ތެރެއިން 75 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު އޮވެއެވެ. މި ބައްޔަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ވަކި ޚާއްސަ ފަރުވާއެއް ހޯދިފައި ނުވާއިރު، ބަލި އަވަހަށް ދެނެގަތުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމަކީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ މުހިންމު ކަންތައްތަކެވެ.
ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރަމުންދާއިރު، ރައްކާތެރިކަމުގެ ގޮތުން ސަމާލުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
