ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯދައިފި
ފޮޓޯ: އެފްއޭއެމް

ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ ސްޕޯރޓްސް ކުލަބް ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅެވުނު ތިންވަނަ ޑިވިޝަންގެ ފައިނަލް މެޗުގައި ބައްދަލުކުރީ އެޓޯލް އެފްސީ އާއި ޓީއެފްޓީ ސްޕޯރޓްސް ކުލަބެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާލާއިރު، ޓީއެފްޓީއަކީ ގުރޫޕް އީގެ އެއްވަނަ ޓީމެވެ. ކުއާޓާރ ފައިނަލްގައި އެ ޓީމާއި ބައްދަލުކުރި ހިންނަވަރު ރެކްރިއޭޝަން ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ބަލިކުރިއެވެ. ސެމީ ފައިނަލްގައި ބްލޫ ސްޕޯރޓްސް ކުލަބްގެ މައްޗަށް ވެސް ކާމިޔާބު ހޯދިއެވެ. އެޓޯލް އެފްސީއަކީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. ކުއާޓާރ ފައިނަލްގައި ފަސޭހަކަމާއިއެކު އެމްޖީ ސްޕޯރޓްސްގެ މައްޗަށް ކާމިޔާބު ހޯދިއެވެ. އަދި ސެމީ ފައިނަލްގައި ޖީބީއާ ބައްދަލުކޮށް އެ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއެވެ.

ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ބައެއް ކުޅުންތެރިންނާއި، ފުޓްސަލްގައި މިހާރު ވެސް ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ދެ ޓީމުގައި ހިމެނޭއިރު، ރާއްޖޭން ބޭރުގެ ކުޅުންތެރިން ވެސް ދެ ޓީމަށް ކުޅުނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޓީއެފްޓީންނެވެ. ލަނޑު ޖަހަން ޓީއެފްޓީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، މަޑުމަޑުން ކުޅުން ރަނގަޅުކުރި އެޓޯލް އެފްސީއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ވަނީ ނުކުރެވިއެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ސުހައިލް (ބަންބުޗް) / ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފުގެ ކުރީކޮޅު ޓީއެފްޓީން މެޗުގެ ކޮންޓްރޯލް ހޯދައި މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 54 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮގުޑުބޫ އިސްމާއިލާ އަބުމޭރޭއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޓީއެފްޓީގެ ކުޅުންތެރިއަކު އެޓޯލް އެފްސީގެ ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އެޓޯލް އެފްސީއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުން ނުކުރެވިފަ އެވެ.

ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި، އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޓީއެފްޓީގެ ދެވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅުނު އަޙްމަދު ސުހައިލް (ބަންބުޗް) އެވެ.

2-0 އިން މެޗު ކާމިޔާބުކޮށް، ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމާއިއެކު ޓީއެފްޓީއަށް ވަނީ ދެވަނަ ޑިވިޝަނުން ޖާގަ ލިބިފައެވެ.

މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ހިންނަވަރު ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީއެފްޓީގެ އަޙްމަދު ސުހައިލް (ބަންބުޗް) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top