ނިއުރޯޓެކްނޮލޮޖީ ކުންފުނި، ނިއުރަލިންކް އިން ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސް ޓެކްނޮލޮޖީގައި އާ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. އެގޮތުން، ހަށިގަނޑުގެ ބައެއް ގުނަވަންތަކުން ވާގިނެތިފައިވާ މީހުން، ހަމައެކަނި ސިކުނޑީގެ އިޝާރާތްތައް ބޭނުންކޮށްގެން ކަރަންޓު ފުރޮޅުލީ ގޮނޑި ކާމިޔާބުކަމާއެކު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ކުންފުނިން ވަނީ އާންމުކޮށްފައެވެ.
މި ކުރިއެރުމަކީ އެ ކުންފުނިން މިހާރު ކުރިއަށްގެންދާ “ޕްރައިމް” ކްލިނިކަލް ޓްރަޔަލްގެ ބައެކެވެ. މި ތަހުލީލުގައި ބޭނުންކުރަނީ “N1” ނަމަކަށް ކިޔާ ސިކުނޑީގައި އިންްޕްލާންޓްކުރާ އާލާތެކެވެ. މި އާލާތުގައި ހިމެނޭ 1،000 އަށްވުރެ ގިނަ ތުނި އިލެކްޓްރޯޑްތައް ސިކުނޑީގެ މޮޓޯ ކޯޓެކްސް (ހަރަކާތްތައް ކޮންޓްރޯލްކުރާ ބައި) ގައި ހަރުކޮށް، ސިކުނޑިން ފޮނުވާ ސިގްނަލްތައް ދެނެގަނެ، ވަޔަރލެސްކޮށް ޑިޖިޓަލް ކޮމާންޑްތަކަކަށް ބަދަލުކޮށްދެއެވެ.
މި ތަހުލީލުގައި ބައިވެރިވި މީހުން ގޮނޑި ދުއްވަނީ ސްކްރީނަކުން ފެންނަ ކާސަރެއް ހަމައެކަނި ފިކުރު ބޭނުންކޮށްގެން ހަރަކާތްތެރިކުރުވައިގެންނެވެ. މީގެ އެހީގައި ގޮނޑި އަނބުރާލުމާއި، ދުވެލި ބަދަލުކުރުމާއި، އެކި މިސްރާބުތަކަށް ދަތުރުކުރުން ފަސޭހަކަމާއެކު ކުރެވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާސަރު ދޫކޮށްލުމާއެކު ގޮނޑީގެ ދުވެލި މަޑުވެ، އޭގެ އަސްލު މަގާމަށް ރުޖޫއަވެއެވެ. ބައިވެރިއަކު ފާހަގަކުރި ގޮތުގައި، ތަމްރީނުތަކާއެކު މި ގޮތަށް ގޮނޑި ދުއްވުން ވަނީ ވަރަށް އާދައިގެ ކަމަކަށް ވެފައެވެ.
އީލޮން މަސްކާއި އިންޖިނިއަރުންގެ ޓީމަކުން 2016 ވަނަ އަހަރު އުފެއްދި ނިއުރަލިންކްގެ މައިގަނޑު މަޤުސަދަކީ، މިފަދަ ޓެކްނޮލޮޖީ މެދުވެރިކޮށް ވާގިނެތިފައިވާ މީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތާއި މިނިވަންކަން ހޯދައިދިނުމެވެ.
ކަން މިހެން އޮތް ނަމަވެސް، މިއީ އަދިވެސް ތަހުލީލީ މަރުހަލާގައި އޮތް ޓެކްނޮލޮޖީއެކެވެ. N1 އިންޕްލާންޓަކީ އާންމު ސިއްޙީ ބޭނުންތަކަށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން އަދި ދީފައިވާ އާލާތެއް ނޫނެވެ. މި ޓެކްނޮލޮޖީގެ ރައްކާތެރިކަމާއި ފައިދާ ދިގު މުއްދަތަކަށް ކަށަވަރުކުރުމަށްޓަކައި އިތުރު ދިރާސާތައް ކުރަންޖެހެއެވެ.
