ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ތޭރަވަނަ މެޗުން އެމްއޭޑަބްލިޔޫސީ އަދި ސާދަވަނަ މެޗުން އެމްއާރުސީ މޮޅުވެއްޖެއެވެ. މި މުބާރާތުގެ ހަ މެޗު ރޭގައި ކުޅެފައިވާއިރު، ރޭ ކުޅެވުނު ހަ މެޗުގެ ތެރެއިން ދެ މެޗަށް ބަލާލާއިރު:
މެޗު 13
ތޭރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫފް އޭގެ ދެވަނައިގައި އޮތް އެމްއޭޑަބްލިޔޫސީ އާއި ގުރޫޕްގެ ފުލުގައި އޮތް ބިއޯންޑް އާރުސީ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗު އެމްއޭޑަބްލިޔޫސީ ކާމިޔާބު ކުރި ނަމަވެސް، ބިއޯންޑް ވީ ބައްޔެވެ.
ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެމްއޭޑަބްލިޔޫސީ ވަނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ކޮންޓްރޯލް އެ ޓީމުގެ އަތުގައި އޮތްއިރު އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތުތަކެއް ތަނަވަސްކޮށްފައެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް ބިއޯންޑުން މި މެޗުގައި ކުޅުނީ ޑިފެންސަށް ބޮޑު އިސްކަމެއް ދީގެންނެވެ. ކައުންޓަރ އެޓޭކެއްގައި ގިނަ ކުޅުންތެރިންތަކެއް ކުރިޔަށް އަރައި ލަނޑު ޖެހުމަށް މަސައްކަތް ކުރި ބިއޯންޑަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ. 13 ވަނަ މިނިޓްގައި ޢަބްދުﷲ ރިޒާން މުޙައްމަދު ޖަހައިދިން ލަނޑުން އެމްއޭޑަބްލިޔޫސީ ލީޑު ނެގިއިރު މި ހާފު ނިމުނީ މި ނަތީޖާ އާއެކުއެވެ.
ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ބިއޯންޑުން ދެއްކި ނަމަވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ކުރެވޭ ގޮތެއް ނުވިއެވެ. މުޙައްމަދު ރާއިފް ފަޒީލްގެ ލަނޑުން އެމްއޭޑަބްލިޔޫސީ އެ ޓީމުގެ ލީޑު ފުޅާކުރިއިރު، މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ޢަބްދުﷲ ރިޒާން މުޙައްމަދު އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. މި ލަނޑަށްފަހު ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ލިބި ބޭނުން ނުކުރެވިފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް އެމްއޭޑަބްލިޔޫސީ ވަނީ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
3-0 އިން އެމްއޭޑަބްލިޔޫސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމަށް ދެ ލަނޑު ޖަހައިދިން ޢަބްދުﷲ ރިޒާން މުޙައްމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ރިޒާން މުޙައްމަދު / ފޮޓޯ: ކުލަބް މޯލްޑިވްސް އެފްބީ
މެޗު 14
ސާދަވަނަ މެޗުގައި ބައްދަލުކުރީ ގުރޫފް ބީގެ ދެވަނައިގައި އޮތް އެމްއާރުސީ އާއި ތިންވަނައިގައި އޮތް ލޯކަލްޗާރ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން އެމްއާރުސީ ފަސޭހަކަމާއިއެކު މޮޅުވިއިރު، ލޯކަލްޗާ ވީ ބައްޔެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި މި މެޗުން މޮޅެއް ހޯދަން ލޯކަލްޗާރއަށް މަޖުބޫރުވެފައި އޮތްއިރު ގުރޫޕްގެ އެއްވަނަ ހޯދުމަށްޓަކައި އެމްއާރުސީއަށް ވެސް މޮޅެއް އޮތީ މުހިންމު ވެފައެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ލޯކަލްޗާރ އެވެ. ލަނޑެއް ޖެހުމަށްޓަކައި ކުރަމުންދިޔަ މަސައްކަތް 4 ވަނަ މިނިޓްގައި އެ ޓީމުން ކާމިޔާބު ކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ސާނިއު އެވެ. މެޗުގެ ފެށުން ދަށްކޮށް ދިޔަ ނަމަވެސް، އެމްއާރުސީން ވަނީ ކުޅުން ރަނގަޅުކޮށް އަށްވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔޫހް ނަސީރު އެވެ. އެމްއާރުސީން ފަހަތުން އަރައި ލީޑު ނެގި މި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ އަލާން އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އެމްއާރުސީ އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ލޯކަލްޗާރއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް މުޙައްމަދު އިޔާދު ވަނީ އެމްއާރުސީގެ ތިންވަނަ ލަނޑު ޖަހައިފައެވެ. ގާތްގާތުގައި ފުރުސަތުތައް ފަހިކުރި އެމްއާރުސީގެ ހަތަރުވަނަ ލަނޑު ޖެހީ ދެވަނަ ލަނޑު ވެސް ޖަހައިދިން ޢަލީ އަލާން އެވެ. މި މެޗުން މޮޅުވުމުން އެމްއާރުސީއަށް ހަ ޕޮއިންޓް ލިބުނު ނަމަވެސް، ހޯކްސްއަށްވުރެ ފައިދާ ލަނޑު މަދުވުމުން އެ ޓީމަށް ލިބުނީ ގުރޫޕްގެ ދެވަނައެވެ. މި ނަތީޖާއާއެކު މި ގުރޫޕުން ހޯކްސް އާއި އެމްއާރުސީ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
4-1 އިން އެމްއާރުސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު އިޔާދު އެވެ.
