ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ކަޕް ވިނާސް ކަޕް، 18 އަހަރުގެ މެދުކެނޑުމަކަށްފަހު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މާދަމާ ހަވީރު ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ.
1995 ވަނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ބާއްވަމުން އައި މި މުބާރާތް އެންމެ ފަހުން ބޭއްވީ 2008 ވަނަ އަހަރެވެ. ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މި މުބާރާތް ފަށާއިރު، މި ފަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޭތުވެދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމުތަކުގެ މެދުގައެވެ.
އެގޮތުން މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން ލީގުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކްލަބެވެ. ބުރަށް މި މުބާރާތުން ފުރުސަތު ލިބުނީ، ލީގުގެ ދެވަނަ އަދި ތިންވަނަ ހޯދި އޮޑި އާއި ނިއުއަށް އެހެން މުބާރާތްތަކުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ފުރުސަތު ލިބިފައިވާތީ، ލީގުގެ ނަތީޖާއަށް ބަލައި ދެން އެންމެ ކުރީގައި އޮތް ޓީމުގެ ގޮތުގައެވެ.
މި މުބާރާތް ކުރިއަށްދާނީ ބައިވެރިވާ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މި މަހުގެ 18 ވާ ބުދަ ދުވަހުގެ ރޭގައެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި 5-3 އިން ނިއު ރޭޑިއަންޓް ބަލިކޮށް ޝީލްޑް ކާމިޔާބުކުރީ މާޒިޔާއެވެ. ސީޒަނުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ދިވެހި ލީގު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ލީގު ފެށުން ލަސްކޮށްފައިވަނީ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ މެޗުތަކަށާއި، އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
