އުމުރުން 85 އަހަރުގެ އިންޑޮނޭޝިޔާ ފިރިހެނެއް ކަމަށްވާ ޖާގޯ، އަންހެން ކުއްޖެއް ކިޑްނެޕްކުރީ އްޖާގެ އުމުރުން 13 އަހަރުގައެވެ. ކިޑްނެޕް ކުރުމަށްފަހު އެކުއްޖާގެ ‘ބްރެއިންވޮޝް’ (ސިކުނޑި ދޮވެލި) ކޮށްލިއެވެ. ބްރެއިންވޮޝް ކޮށްލީ ޖާގޯ އަކީ ޖިންނި އަވަލާފައިވާ މީހެއްކަމަށް ބުނެއެވެ.

 

ތުހުމަތު ކުރެވޭގޮތުން ޖާގޯ ގެ ގެއަށް ރޭގަނޑުގަނޑީގައި ގެންގޮސް އެކުއްޖާއަށް ޖިންސީ ގޯނާކުރި އެވެ. މިގޮތުގައި ދަހަރަކަށްވުރެން (10 އަހަރަށް ވުރެން) ގިނަ ދުވަސް ހޭދަކުރި އެވެ.

 

ޖާގޯ އާއިމެދު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިން ހިމާޔަތްކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ދައުވާ ކޮށްފައެވެ.

 

ލޯކަލް މީޑިއާއަކުން ބުނާގޮތުން ޖާގޯ އަކީ ސިހުރުފަންޑިތަވެރިކަން ކުރާ މީހެކެވެ.

 

ފުލުހުން ބުނީ 2003 ވަނަ އަހަރު އުމުރުން 13 އަހަރުގެ އަންހެންކުއްޖާ ޖާގޯ ކައިރިއަށް ކުއްޖާގެ އާއިލާއިން ގެންދިޔައީ އެކުއްޖާ އަށް ފަރުވާ ހޯދުމަށެވެ. އަންހެންކުއްޖާ އަށް ފަރުވާ ދިނުމަށް ގެންގުޅުނީ ޖާގޯ މެންގެ ގޭގައެވެ.

އުމުރުން 85 އަހަރުގެ ޖާގޯ އަށް ކުރެވުނު ތުހުމަތު ސާބިތުވެ 15 އަހަރުގެ ޖަލުހުކުމެއް އައިސްފައިވޭ – ފޮޓޯ: ފުލުހުންގެ މީޑިއާ

ނަމަވެސް އެ އަހަރު ފަހުކޮޅު، އަންހެންކުއްޖާ ގެއްލުނެވެ. މީޑިއާ ތަކުން ބުނާގޮތުން ފަންޑިތަވެރިޔާ އެކުއްޖާގެ އާއިލާ ކައިރީގައި ބުނީ އެކުއްޖާ ވަޒީފާއެއް ހޯދުމަށް ޖަކާޓާ އަށް ދިޔައީ ކަމަށެވެ.

 

ކުއްޖާގެ ތިމާގެ މީހުން ކުއްޖާ ހޯދުމަށް އެތައް އަހަރެން ވާންދެން މަސައްކަތް ކުރިއެވެ. އެންމެ ފަހުން އެކުއްޖާ އަކީ ގެއްލިފައިވާ ކުއްޖެއް ކަމަށް ނިންމި އެވެ.

 

ފުލުހުންނަށް ލިބުނު ރިޕޯޓާއި ގުޅިގެން، ‘ގަލޫޕަން’ ގައި އޮންނަ އަވަށަކަށް މި ހަފުތާގެ އާދީއްތަ ދުވަހު ގޮސް ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން އެކުއްޖާ ފެނުނީ ކުޑަކުޑަ ހޮހޮޅައެއްގެ ތެރޭގައި ބަންދުކޮށްފައި އިންދައެވެ.

 

ފުލުހުން އާއްމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުން ޖާގޯ ގެ ގެއާއި ކައިރި ހިސާބެއްގައި ހުރި ހޮހޮޅަ ތެރޭގައި ބައެއް ފަރުނީޗަރު ހުރިތަން ފެނެއެވެ.

 

ތޮލިތޯލްގެ ފުލުހުންގެ ވެރިޔާ އެމް. އިޤްބާލް އަލްޤުދުސީ ބުނީ އަންހެން ކުއްޖާގެ އުމުރުން 13 އަހަރުން ފެށިގެން ޖާގޯ ގެންދިޔައީ ކުއްޖާއާއި ގަދަކަމުން ޖިންސީގުޅުން ހިންގަމުން ނެވެ. އެކަން ކުރުމަށްޓަކައި ޖާގޯ އާއި އަވަލާފައިވާ ޖިންނިކަމަށް ބުނެ ފޮޓޯއެއް ދައްކަމުން ދިޔަކަމަށްވެސް އަލްޤުދުސީ ބުންޏެވެ.

 

އަންހެން ކުއްޖާގެ ސިކުނޑި ދޮވެލާފައި ވަނީ އެކުއްޖާއަށް ފާރަވެރިވާ ޖިންނިއެއް ޖާގޯ ގެ ގަޔަށް ވަދެފައިވާ ކަމަށް ބުނެ ބިރުދައްކައިގެން ކަމަށް ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.

 

އުމުރުން 85 އަހަރުގެ ޖާގޯ އަށް ކުރެވުނު ތުހުމަތުތައް ސާބިތުވެ 15 އަހަރުގެ ޖަލުހުކުމެއް މިހާރު ވަނީ އައިސްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.