ލޯގަނޑަކުން އަމިއްލަ ހަށިގަނޑަށް ބަލައިލަބަލާށެވެ. ރޫޖެހިފައިވާތަނާއި ހަން ކުރަކިވެފައިވާތަނާއި އޮށާޅަ ފެނޭހެއްޔެވެ؟ ދެން އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ. ހެނދުނު ހޭލާފައި އަހަރެން ފުރަތަމަ ބޯންވީ ކޮން އެއްޗެއް ހެއްޔެވެ؟

ބައެއް މީހުން ބޭނުންވަނީ ހޫނު ސައިތައްޓެއް، ކޮފީއެއް ނުވަތަ ފެންތައްޓެއް ބޯލާށެވެ. ކޮންމެއަކަސް ބުނަން މިއުޅެނީ ކޮންމެ ދުވަހެއްގެ އާދަޔަކަށް ހެދުން ފައިދާހުރި ކަމެއްގެ ވާހަކައެވެ.

ހެނދުނާގޮސް ތާފަނާ ފެންތައްޓަކަށް ލުނބޯހުތް ކިބައެއް ފެލާލާށެވެ. ތާފަނާފެނާ އެއްކުރުމުން ލުނބޯގެ ފައިދާ ދެގުނަ ވާކަން އެނގޭ ހެއްޔެވެ. ކޮންމެދުވަހަކު ހެނދުނު ލުނބޯފެންތައްޓެއް ބޯލައިގެން ތާޒާވެލާށެވެ.

އާނއެކެވެ. ލުނބޯފެނަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ޚާއްސަކޮށް ހަމުގެ ދުޅަހެޔޮކަމަށެވެ. ގަބޫލުކުރަން ދަތިނަމަވެސް އެންމެ ފައިދާބޮޑީ އަދި ޚަރަދުކުޑައީވެސް ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމެވެ.

ދިރާސާތަކުން ސާބިތުވާ ގޮތުގައި ލުނބޯގެ ފައިދާތައް ވަރަށް ގިނައެވެ. ހެނދުނު ހޭލައިގެން ލަސްނުކޮށް ލުނބޯފެން ބުއިމުން މޫނުގައި އޮށާޅައާއި ބިހި ނެގުން ދުރުކޮށްދެއެވެ. މިއީ ޑޮކްޓަރުންނާއި ހަމުގެ ތަޖުތިބާކާރުން ލަފާދޭ ކަމެކެވެ.

ޒީނަތްތެރިވާ ސާމާނު އުފެއްދުމުގައި ލުނބޯ ބޭނުންކުރުމުގެ ސިއްރު އެނގޭހެއްޔެވެ. ލުނބޯގައި މަތީމިންވަރަކަށް އެކުލެވޭ ވިޓަމިންސީ އާއި ގުދުރަތީ އެންޓިސެޕްޓިކްގެ ސަބަބުން ހަމުގެ ކުލައަލިވެ، ހަމަށްޖެހޭ ބަލިތަކުން ދިފާޢު ކޮށްދޭތީއެވެ. ހަށިގަނޑުން ތަނެއް ފިހިއްޖެނެމަ ކުޑަ މާމުއި ކޮޅަކާ ލުނބޯހުތްފޮދެއް އެއްކުރުމަށްފަހު ފިހިފައިވާ ތާނގައި އުނގުޅުމުން ދާދި އަވަހަށް ފަސޭހަވެއެވެ.

ލުނބޮއަކީ ވިޓަމިންސީގެ ރަނގަޅު ވަސީލަތެކެވެ. އެއިން ހަމުގެ ހަލާކުވާ ސެލްތައް ރަނގަޅުކޮށްދީ ދުވަސްވެގެންޖެހޭރޫ ޖެހުމުން ދުރުކޮށްދެއެވެ. ހަމުގެ ދެމޭބާރު ދަމަހައްޓަނީ ކޮލާޖެން ކިޔާ މާއްދާއަކުންނެވެ. އުމުރުން 40 އަހަރުވުމުން ހަމުގެ ދެމޭބާރު ދަށްވާން ފަށައެވެ. މިކަން ދެމެހެއްޓުމަށްޓަކައި ޒުވާން ދުވަސްވަރު ހަމަށް ފަރުވާތެރިވެ، ލުނބޯފެން ބުއިން އާދައަކަށް ހަދާށެވެ. އުމުރުން ދުވަސްވުމުގެ އަލާމަތްތައް ކުޑަކޮށްދޭ، ވިހަނައްތާލަދޭ މާއްދާއެއް ލުނބޯގައި އެކުލެވިގެން ވާތީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.