ރައީސް ޔާމީންގެ ސަރުކާރުން ރޫޅާލައި ރައްކާކޮށްފައިވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށްފަހު ބަހައްޓަނީ ކުރިން ދިރާގު ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ނިންމަވައިފިއެވެ. ސަލްޓަން ޕާކްގައި ހުރި އުސްގެކޮޅު ޖެހިގެން އޮތް ހުސްބިމުގައި ކުރިން ދިރާގު ހިންގި ތަނުގައި މިސްކިތް ބެހެއްޓުމަށް ނިންމާފައިވާކަން އެ މިނިސްޓްރީން އިއުލާންކޮށްފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.

 

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ނެރުނު ނޫސްބަޔާނުގައި ބުނީ ރަސްރަނި ބަގީޗާ (ސަލްޓަން ޕާކު) ގައިހުރި ކަޅުވަކަރު މިސްކިތް ވަނީ 2016ވަނަ އަހަރު ރޫޅާލާފައި ކަމަށެވެ. މި މިސްކިތް އަލުން ރާވާ ބެހެއްޓުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަންވެފައިވާ ވައުދެއް ކަމަށާއި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ ޗާންދަނީމަގު، މެދުޒިޔާރަތްމަގު ގުޅޭކަންމަތި (ކުރިން ދިރާގު އޮފީސްހުރި) ބިމުގައި ކަމަށް ވެސް ބަޔާނުގައި ބުނެއެވެ. މިގޮތަށް ނިންވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

 

މިސްކިތް އަލުން ރޭވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީން މިހާރު މިވަނީ ފަށާފައެވެ. މިގޮތުން
މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މިހާރު ގެންދަނީ މަރާމާތު ކުރަމުންނެވެ. މީގެ އިތުރުން މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ކުރެހުންތައް ތައްޔާރު ކުރުމާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

 

ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ ކުރިން ލަކުޑިއާއި ހިރިގަލުގެ ބައިތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކަޅުވަކަރު މިސްކިތުގެ ލަކުޑީގެ ބައިތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާ ފޮޓޯތަކެއް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު، ދުންޔާ މަޢުމޫން ކުރައްވާފައި ވެއެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތަކީ އެތައް ބައެއްގެ ޝައުގުވެރިކަން އުފެދިފައިވާ ކަމަކަށްވުމާއެކު މި ކަމުގައި ހިލޭސާބަހަށް މަސައްކަތް ކުރަންބޭނުން ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވައިލެވިފައެވެ. މި މަސައްކަތުގައި ބައިވެރިވުމަށް ބޭނުންވާފަރާތްތަކުން ނަމާއި އީމެއިލް އެޑްރެސް 7947266 އަށް މެސެޖް ކުރެއްވުމަށް ހެރިޓޭޖް މިނިސްޓްރީން އެދެއެވެ.

 

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށްދާ މިންވަރަކުން ރައްޔިތުންނާ މައުލޫމާތު ހިއްސާކުރަމުންގެންދާނެ ކަމަށްވެސް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.