ރާއްޖޭގެ އެންމެ މަޤުބޫލު އެއް ޖިމް، ޓީއެފްޖީން އިންތިޒާމުކޮށްގެން ލ. ގަން-ފޮނަދޫ ގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓީއެފްޖީ މެރަތަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފަށްޓަވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެރަތަން ފަށްޓަވައިދެއްވީ ހައްދުންމަތީގެ ބައެއް ރަށްރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ލ. ގަމުގައި ބާއްވާ ޓީ.އެފް.ޖީގެ މެރެތަން ރަސްމީކޮށް ފައްޓަވައިދެއްވައި މެރަތަންގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޓީއެފްޖީން އިންތިޒާމްކުރާ ދުވުމުގައި ފަސް ކިލޯމީޓަރުގެ ދުވުމާއި، 10 ކިލޯމީޓަރު ދުވުމާއި، ހާފް މެރެތަން އަދި މެރެތަން އޮންނާނެއެވެ. މީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯ މީޓަރު ދުވުމުގައެވެ. ދުވެވަޑައިގެންނުމާއި އެތުލެޓިކްސް އަށް ޚާއްޞަ ޝައުޤުވެރިކަމެއް ދެއްވަވާ ރައީސްގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވެސް މި މެރަތަންގައި ބައިވެރިވެލައްވާނެއެވެ.
މިފަހަރުގެ މެރަތަންގައި 500 ދުވެރިންތެރިން ބައިވެރިފައިވާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދުވުންތެރިންވެސް މެރަތަންގައި ބައިވެރިވެއެވެ. މި މެރަތަން ކުރިއަށްދަނީ ހައްދުންމަތީ ގަން، މާންދޫ، ކައްދޫ އަދި ފޮނަދޫ ގުޅުވައިދޭ ލިންކް ރޯޑްގައެވެ.
ލާމު މެރެތަން ފަށްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ ގަމުގައި ހުންނަ ޒޯން ސްޓޭޑިއަމާއި ޔޫތް ސެންޓަރު ބައްލަވައިލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
