ލޯފަން ކުދިންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމަށް އަލްޤާރީ އަޙްމަދު ރަޝީދު ތަޢާރަފުކޮށްދެއްވި ތާނަ ބްރެއިލް ބޭނުންކުރާގޮތް ދަސްކޮށްދިނުމަށް ފުރަތަމަ ފަހަރަށް މުދައްރިސުންނަށް އަމާޒުކޮށް ކޯހެއް ހިންގައިފި އެވެ.
ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައި މާރިޗް 18 އިން 28 އަށް ބޭއްވި މި ވޯކްޝޮޕަކީ ތާނަ ބްރައިލް ދަސްކޮށްދިނުމަށް ރާއްޖޭގެ ސްކޫލެއްގައި ބޭއްވުނު ފުރަތަމަ ކޯސް ކަމަށް މަޢުލޫމާތު ލިބެއެވެ.
މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން މިއީ އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް ޖަމްޝީދާ ޢަބްދުﷲ އާއި ސްކޫލުގެ މެނޭޖްމެންޓުން އިސްނަންގަވައިގެން ކުރިއަށްގެންދެވި ކޯހެކެވެ. ކޯހުގެ ބައިވެރިއެއް ފާހަގަކުރެއްވިގޮތުން މި ކޯސް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވުނެވެ.
“ޝަޢުޤުވެރިކަމާއެކު އެންމެހައި ޓީޗަރުންނަށް ލިބިގެން މިދިޔައީ ވަރަށްވެސް ބޮޑު ކާމިޔާބީއެއްކަން ކަށަވަރުވެއްޖެ. މި ކޯހުން ލިބުނު މުއްސަނދި މަޢުލޫމާތުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ލޯފަން ކުދިންނަށް ތަޢުލީމު ޙާޞިލްކޮށްދެވިދާނެ ގޮތުގެ އަލިގަދަ އަލިމަގެއް ވަނީ ފެނިފަ.” ތާނަ ބްރައިލް ކޯހާމެދު ބައިވެރިއެއްގެ ޝުޢޫރު ހުރީ މިހެންނެވެ.
ކޯހުގެ އެންމެހައި ބައިވެރިންގެ ނަމުގައި އަލްޤާރީ އަޙްމަދު ރަޝީދާއި ޚަދީޖާ ޙަސަންމަނިކު ކޮށްދެއްވި ހެޔޮ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ.

ކޯހުގެ ބައެއް ބައިވެރިން – ފޮޓޯ: ދުސޫ މޫސާ
މި ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދިނުމުގައި ރާއްޖެއަށް މަޝްހޫރު ‘ފެން މީރުވި ރީތި ރަށޭ މީ، ރޫހްވަނީ ތިނަދޫގައޭ’ ލަވައިގެ އަޑުގެވެރިޔާ ތިނަދޫ މަރިޔަމްދީ ބައިވެރިވެލެއްވިއެވެ. މަރިޔަމްދީ އަކީ ލޯފަން ކަނބަލެއް ނަމަވެސް ނަމޫނާ ކަނބަލެއްކަން ފާހަގަކޮށްލެވެއެވެ.

މަރިޔަމްދީ ކޯހުގެ ބައިވެރިއަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ – ފޮޓޯ: ދުސޫ މޫސާ
ލޯފަން ކުދީންނަށް ތާނަ އަކުރުން ލިޔެ ކިޔޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި އުފައްދާފައިވާ ތާނަ ބްރެއިލް ބޭނުން ހިފަން ގިނަ ބަޔަކަށް ދަސްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ގޮވާލައްވާފައެވެ.
