ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު “ނަފްރަތުވުމުން” އޮލިމްޕަހުގައި ރޭ ޕްރިމިއާ ކޮށްފިއެވެ. މި ފިލްމު ޕްރިމިއާކުރީ ފިލްމީތަރި އަދި ޕްރޮޑިއުސަރ އަފްރާޙް ކުއްލިގޮތަކަށް ނިޔާވުމުގެ ހިތާމައިގައި ސުކޫތެއް ގެނައުމަށްފަހުއެވެ.
ފިލްމު ޕްރިމިއާކުރީ ކުޑަ ހަފްލާއަކާއެކު އެވެ. މީގެ އިތުރުން އަފްރާހްގެ ފިލްމީ މަސައްކަތާގުޅޭ ކުރު ޑޮކިއުމެންޓަރީއެއްވެސް ގެނެސްދިނެވެ.
ކާމިޔާބު ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ “ނަފްރަތުވުމުން” ގެ މުހިންމު ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) އަހުމަދު އީސާ، އަދި ޔޫސުފް ޝަފީއު އެވެ.
“ނަފްރަތުވުމުން”ގައި ފެނިގެންދާ މައިގަނޑު ހަތަރު ތަރިންގެ ހުނަރަށް ވެސް ގިނަބަޔެއްގެ ތައުރީފު ލިބިފައިވެއެވެ. ހާއްސަކޮށް އައްޒަ ދައްކުވައިދިން ހިތާމަވެރި މަންޒަރުތަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.
“ނަފުރަތުވުމުން” ފުރަތަމަ ޝޯ ބެލި ހުރިހާ ބެލުންތެރިންހެން ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރި އެވެ.
https://www.facebook.com/339378213523463/videos/763580517362203/
މިއީ ޔޫއްޕެގެ މޮޅު ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެއްކަން ފާހަގަކޮށްލެވުނެވެ. ހަމަ އެހެންމެ ފިލްމުގެ ޑައިރެކްޝަން އާއި ތަރިންގެ އެކްޓިންއާމެދު ޔޫއްޕ،ެ މީޑިއާތަކަށް އާއްމުކުރި ވާހަކަތަކުގެ ތެދުކަން މި ފިލްމު ބަލައިލުމުން އަނެއްކާވެސް ސާބިތުވެއްޖެއެވެ. އެހެންކަމުން މިފަހަރުގެ ސްކްރީންޕްލޭ އަށްވެސް ދެވެން އޮތީ ސަތޭކައެވެ. ނޭވާ ހިފަހައްޓާލަންޖެހުނު އެތަށް ވަގުތެއް އައި މި ފިލްމުގައި މުޅި ހާދިސާ ގެނެސްދީފައިވާ ގޮތް ވަރަށްވެސް ފުރިހަމައެވެ.
“ނަފުރަތުވުމުން” ޑައިލޮގްތައް އަތުރާލައި ހުށައަޅައިދީފައި ވަނީވެސް ވަރަށް މޮޅަށްކަން ފާހަގަކޮށްލެވެއެވެ. ވަކިން ޚާއްސަކޮށް ފިލްމު ފެށިގެންދިޔަގޮތާއި، ނިމުން ވަނީ ވަރަށް ރަނގަޅަށް ގުޅުވާލާފައެވެ. ވާހަކައިގެ މިވެނި ތަންކޮޅެއް ގޯހޭ، އެވެނި ތަންކޮޅެއް މިހެންނޭ ބުނެލާނެ ޖާގައެއް މިފަހަރުވެސް ދީފައެއް ނުވެއެވެ. ހަމަ އެހެންމެ ފިލްމުގެ ތަރިން ހުށައަޅައިދީފައިވާ އެކިއެކި އިޙްސާސްތަކުގެ މަންޒަރުތައް ގެނެސްދީފައިވަނީ ހިތުގައި ޖެހި ރޮއްވާލާހައި މޮޅަށެވެ.
އެންމެ ފަހުން އޮލިންޕަހުގައި ދެއްކި ޔޫއްޕެގެ މެގަހިޓް ހޮރޯ ކޮމެޑީ “40 ޕްލަސް”އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޔޫއްޕެ ބުނަނީ އެ ފިލްމަށް ކުރި އިތުބާރާއެކު މި ފިލްމުވެސް ބަލައިލުމަށް އެދޭކަމަށެވެ.
މިއީ ހަމަގައިމުވެސް ޔޫއްޕެގެ ލޯބީގެ ފިލްމަކަށް ގިނަ ބެލުންތެރިންތަކެއް ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން ގެނެސްދިން ފިލްމަކަށް ވާނެ ވަރުގެ މޮޅު ފިލްމެކެވެ. ލޯބީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން، ނިކަން ލޯބިން ތިބެ ބަލައިލަން މިއީ ހަމަ ވަރަށް ލޯބި ލޯބި ފިލްމަކަށް ވާނެއެވެ.
“ނަފްރަތުވުމުން”ގެ ޓިކެޓް މިހާރުވެސް އޮލިންޕަހުގެ ޓިކެޓް ކައުންޓަރުތަކުން ވިއްކަމުންދާއިރު، 7384040 އަށް ގުޅުމުން ޓިކެޓް ބުކްކުރެވޭނެކަމަށް “ނަފްރަތުވުމުން”ގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
އަތޮޅު ތަކުގައި ތިބި ޔޫއްޕެއާއި މި ފިލްމުގެ ކާސްޓުންގެ ފޭނުންނާއި ޚާއްޞަކޮށް ޔޫއްޕެގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ކުޑަކުޑަ އިންތިޒާރެއް ކޮށްލައިގެން ތިބޭށެވެ.
އަތޮޅުތެރެއަށް “ނަފްރަތުވުމުން”ގެ އަސަރުގަދަ އަސަރުތައް ފެތުރެން ފަށާނެއެވެ. “ނަފްރަތުވުމުން”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރ މުނިއަވަސް އިން އަދާހަމަތައް (އަޕްޑޭޓްސް) ކިޔަމުން ގެންދާށެވެ.
