ބައިސްކޯފުން ރަމަޟާން މަހާ ދިމާކޮށް “އާލަމް”ގެ ނަމުގައި މުޅިން އާ މަދަހަ އަލްބަމެއް ނެރެފިއެވެ. މިއީ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ އަދި މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފް އާއި ގުޅިގެން ބައިސްކޯފުން އުފެއްދި މަދަހަ އަލްބަމެކެވެ.
“އާލަމް” މަދަހަ އަލްބަމުގައި ނުވަ މަދަހަ ހިމެނެ އެވެ. މަދަހަތަކުގެ ޅެން ހަދާފައި ވަނީ އީސާ ޝަރީފްގެ އިތުރުން އާދަމް ނަސީރު އާއި ޒުވާން ޅެންވެރިއެއްކަމަށްވާ އިއްޒަ އަހުމަދު ނިޒާރެވެ. މަދަހަ ތައް ހަދާފައިވަނީ ރީތި ހިންދީ ރާގުތަކަށް، މިއުޒިކާއި ނުލައެވެ.
“އާލަމް” މަދަހަ އަލްބަމުގެ އަޑުގެވެރިންނަކީ މުމްތާޒު، ރާފިޔަތު ރަމީޒާ، އަޝްފާ، ފާތުމަތު ރައޫފް، ސައިނާ އަދި ހާމިދު ނިޝާންގެ އިތުރުން ކުޑަ ކުއްޖެކެވެ.
އީސާ ޝަރީފް ބުނީ މި އަލްބަމަކީ 10 ދުވަސްތެރޭ ނިންމާލި އަލްބަމެއް ކަމަށެވެ. ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ ބުނީ އާލަމް އަލްބަމުގައި ހިމެނޭ މަދަހަތަކުގެ ޅެންތައް ފާހަގަ ކުރެވޭ ކަމަށާއި އެހުންތެރިންނަށް ކަމުދާނެ ޅެންތައް މި އަލްބަމުގައި ހުންނާނެ ކަމަށެވެ.
“އާލަމް” މަދަހަ އަލްބަމަކީ އަޑުއަހައިލަން ހިތްގައިމު، ރަނގަޅު ދަރުސްތަކެއް ލިބޭނެ ރީތި މަދަހަތަކެއް އެކުލެވޭ އަލްބަމެކެވެ.
