1994 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީ މޯލްޑިވްސް އިން ގެނެސްދެމުންދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މި އަހަރު އަނެއްކާވެސް އެ ސްޓޭޝަނުން ގެނެސްދީފައި ވާއިރު، އެ މުބާރާތުގެ ނަތީޖާ ފާޅުކުރުން 21 ޖޫން ގައި އޮންނާނެ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.
ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ފޯރި މިއަހަރު ކުޑަވެފައި ވިޔަސް، ތިން މުއައްސަސާ އަކުން ވަނީ ޑްރާމާ ހުށައަޅާފަ އެވެ. މި އަހަރު ޑްރާމާ މުބާރާތުގައި ބައިވެރިވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން އެވެ.
ކަސްޓަމްސް އިން ހުށައަޅާފައިވަނީ ޒުވާން އަންހެން ފުލުހެއް، އޭނާގެ ޓީމާއި އެކުގައި މީހެއްގެ މަރުގެ ތަހްގީގެއް ކޮށް، އެމީހާ މަރުވިގޮތް ހޯދައިދޭ ޑްރާމާއެކެވެ. ޑްރާމާގެ ނަމަކީ “މަރު” އެވެ. ޑްރާމާ ޑައިރެކްޓް ކޮށްފައިވަނީ ކަސްޓަމްސް ޑްރާމާތަކުން އުފެދިގެން އައި މަޤްބޫލު ‘ޕިންޑޭ’ ކެރެކްޓަރ އިން މަޝްހޫރުކަން ހޯދާފައިވާ ކޮމެޑީ އެކްޓަރ ޢަލީ ޢަބްދުﷲ އެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގެނެސްދީފައިވަނީ “ނަމަ” ޑްރާމާ އެވެ. އާއިލާވަކިވުމުން ދަރިއަކަށް ކޮށްފާނެ ނޭދެވޭ އަސަރެއްގެ ސަބަބުން ކުރިމަތިވާ ހިތާމަވެރި ހާދިސާއެއް ދައްކުވައިދޭއިރު، މި ޑްރާމާގައި ވެސް ފުލުހުންގެ ތަހްގީގުގެ މަސައްކަތް ދައްކުވައިދީފައި ވެއެވެ. އެގޮތުން ފުލުހުންގެ ކްރައިމް ޑިޕާޓްމެންޓާއި ފޮރެންސިކް ޑިޕާޓްމެންޓްގެ އޮފިސަރުން އެމީހުންގެ ޔުނިފޯމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާތަން މި ޑްރާމާގައި ދައްކުވައިދެއެވެ. މަޝްހޫރު އެކްޓަރ އަހްމަދު ސައީދު ޑައިރެކްޓްކޮށްފައިވާ މި ޑްރާމާގެ ހުރިހައި މަންޒަރެއްގައިވެސް ހަރަކާތްތެރިވެފައިވަނީ 100 ޕަސެންޓް ވެމްކޯ މުވައްޒަފުން ކަމަށް ސައީދު ބުނެއެވެ.
https://www.facebook.com/namaWAMCO/videos/2222460434686463/
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ގެނެސްދީފައިވަނީ މުޖުތަމަޢު ތެރޭގައި އިންތިހާއަށް މޫލައިފައިވާ މަކަރާއި އޮޅުވައިލުން އަދި ކޮރަޕްޝަނުން ޚަރާބުވެފައިވާ މާހައުލެއްގެ ޝިިކާރައަކަށް ވެފައިވާ ޒުވާނެއްގެ ހަޔާތް ބަރުބާދުވެގެން ދިޔަ ގޮތެވެ. މައިން ބަފައިންގެ ކިބައިގައި އަށަގެންފައިވާ ނޭދެވޭ ކަންކަން ދަރިން ނަކަލުކުރާކަން “ނަކަލު”ގެ ނަމުގައި ގެނެސްދީފައިވާ މި ޑްރާމާއިން ދައްކުވައިދެއެވެ. ޑްރާމާ ޑައިރެކްޓް ކޮށްފައިވަނީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ހުނަރުވެރި އެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
https://www.facebook.com/nakalumacl19/videos/345654782766375/
ޓީވީ ޑްރާމާ މުބާރާތަކީ ޢާއްމުންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ގެނެސްދޭ ޓީވީގެ ތާރީޚާވެސް ގުޅިފައިވާ މުބާރާތެކެވެ.
