ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ…” އަށް ބިނާކޮށް ހަދާ ވެބް ސީރީޒް ”އެހެނަސް“ މި ޖުލައިމަހު 16ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.
މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން 16ވަނަ ދުވަހު ހަވީރު އޮލިމްޕަހުގައި މީޑިއާތަކަށްވެސް ދަޢުވަތުދީގެން ބާއްވާ ޚާއްޞަ ޕްރިމިއާ އިވެންޓްގައި މި ސީރީޒްގެ ފަސް އެޕިސޯޑް ދައްކާނެއެވެ. އެގޮތުން ކޮންމެ އެޕިސޯޑެއްގައި ވިއްސަކަށް މިނެޓް ހުންނާނެކަމަށް މަޢުލޫމާތު ލިބެއެވެ.
“އެހެނަސް” ބައިސްކޯފަށް ރިލީޒްކުރާނީ 16ވަނަ ދުވަހުގެރޭ 2100ގައެވެ. މި ސީރީޒްގައިި މުޖުތަމަޢުގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށްވާ ގަނާކުރުމާމެދު އާއްމުން ހޭލުންތެރިކުރުމަށް ބާރުއަޅާފައި ވާނެކަމަށް ފިލްމުގެ ޓީމުން ބުނެެެއެވެ.
’އައި ކިޔު ޕްރޮޑަކްޝަންސް‘ އިން ’އާރް ޓޫ ޒެޑް‘ އާއި ’އާރް ސްކޮޔާޑް‘ އާއި ގުޅިގެން އުފައްދާ ވެބްސީރީޒް ”އެހެނަސް“ ގެ ޑައިރެކްޓަރަކީ ކުޅަދާނަ އެކްޓަރ/ޑައިރެކްޓަރ ރަވީ ފާރޫގް އެވެ. ޕްރޮޑަކްޝަން މެނޭޖަރަކީ ރަވީގެ އަންހެނުން. ހުނަރުވެރި ބަތަލާ ރިޝްމީ ރަމީޒެވެ.
https://www.facebook.com/EhenasSERIES/videos/583851828786210/?v=583851828786210
“އެހެނަސް” އިން ދައްކުވައިދޭނީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާހަކައެކެވެ.
މި ސީރީޒުން ފެނިގެންދާ ގިނަ ފަންނާނުންނަކީ ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ނަމަވެސް ’ޓިކް ޓޮކް’ގައި އެންމެ ކުރީ ސަފުގައި އުޅޭ ފަންނާނުން ތަކެކެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އޭނާގެ ފިރިމީހާ މުހައްމަދު މަނިކު ގެ އިތުރުން މުޙައްމަދު ޔުނާން ފިޔަވައި ”އެހެނަސް“ ގެ ކާސްޓްގެ 99 ޕަސަންޓަކީ އަލަށް ތައާރަފުވާ އެކްޓަރުންނެވެ.
މީގެ އެންމެ މުހިއްމު ކެރެކްޓާ އިން ފެންނާނީ މީގެ ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވާ މުހައްމަދު ވިޝާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި ފިލްމު ”ބޮސް“ އިން ތައާރަފުވި އެކްޓަރު މުހައްމަދު ޔުނާން، ޝަރާ އާދަމް، އާމިނަތު ޝަމާނާ، އަހުމަދު ޝާރިފް، އާމިނަތު ސިލްނާ، މިއަދު ނޫހުގެ ނޫސްވެރިޔާ މަރިޔަމް ވަހީދާ (ޔަމް)، އަދި އަލީ އުސާމް ހިމެނެ އެވެ.
https://www.facebook.com/EhenasSERIES/videos/357311764974953/?v=357311764974953
