ބައިސްކޯފުން ދައްކަމުން އަންނަ ކާމިޔާބު ވެބް ސީރީޒް ”ހުވާ“ގެ އެންމެ ފަހު ދެ އެޕިސޯޑް މިރޭ ދައްކާނެ ކަމަށް، މި ވެބް ސިރީޒްގެ އެއް ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބުނެފިއެވެ.
މުނިއަވަސް އަށް މިއަދު ނަހޫ ބުނީ ހުވާގެ ފިނާލޭ މިރޭ 20މިނެޓް ދައްކާނެ ކަމަށެވެ.
”ފިނާލޭ ދެ އެޕިސޯޑް މިރޭ ދައްކާނެ.“ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ވެބްސީރީޒްގެ 83 އެޕިސޯޑް ލިޔެ، އެތަކެއް އެޕިސޯޑެއް ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމު ޕްރޮޑިއުސަރު/ ޑައިރެކްޓަރު ނަހޫ ބުންޏެވެ.
ފަހު އެޕިސޯޑްގެ ކުރިން ”ހުވާ“ ބްރޭކަކަށް ދިއުމަށްފަހު، މިހާރު ވަނީ އެކާހި އެޕިސޯޑް (81 އެޕިސޯޑް) ދައްކާފައެވެ. މިރޭ ދައްކާނީ 82، 83 އެއްކޮށްލައިގެންނެވެ.
”ހުވާ“ ދައްކަން ފެށީ 29 ނޮވެމްބަރު 2018 ގައެވެ. ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ”ހުވާ“ އެންމެ ފުރަތަމަ ސްޓްރީމްކުރި ދުވަހުވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އޭގެ ފަހުން މި ސީރީޒް ވައިގައި ހިފާ، ބައިސްކޯފު ބޭނުންކުރާ މީހުންގެ އަދަދުވެސް އިތުރުވެގެން ދިޔައެވެ.
ރާއްޖޭގެ ނަން ހިނގާ ގިނަ ތަރިންތަކަކާއި ކުރިއަރަމުން އަންނަ ތަރިންތަކެއް ހިމަނައިގެން ބައިސްކޯފުން ޕްރޮޑިއުސްކޮށްފައިވާ ”ހުވާ“ އަކީ ނަހުލާގެ ސްޓައިލްގައި ގެނެސްދެމުން އަންނަ އަސަރުގަދަ ސީރީޒްއެކެވެ. މުޖުތަމަޢުގައި ހިނގަމުން އަންނަ ނޭދެވޭ ކަންތައްތަކެއް ގެނެސްދެމުން އަންނަނީ، އެއިން ބެލުންތެރިންނަށް ޢިބްރަތްތެރި މެސެޖްތަކެއް ލިއްބައިދެމުންނެވެ.
ވެބް ސީރީޒް ”ހުވާ“ ނިމުނަސް ބެލުންތެރިން މާޔޫސްވާން ދޫކޮށްލާކަށް ނަހޫ ބޭނުމެއް ނޫނެވެ. ނަހޫ ބޭނުންވަނީ ބައިސްކޯފުން ކޮންމެ ހަފުތާއަކުވެސް ނަހޫގެ އުފެއްދުމެއް ފެނިފެނި ހުރުމަށެވެ. އެކަމަށްޓަކައި މިހާރުވެސް ނަހޫ އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އާ ވެބް ސީރީޒްއެއް ގެނެސްދިނުމަށް ނަހޫ ހުރީ ތައްޔާރަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




