ލުއިސް އެންރީކޭ އޭނާގެ ދަރިފުޅަށް ކަށީގެ ކެންސަރު ޖެހުމުގެ ސަބަބުން މީގެ ފަސް މަސް ކުރިން ސްޕެއިންގެ ކޯޗު ކަމުން ދުރުވުމަށް ފަހު، ކޯޗުކަމަށް އެނބުރި އައުމަށް ނިންމައިފިއެވެ.
އެންރީކޭ ޓީމާ ދުރަށް ޖެހިލުމުން، ޓީމަށް އިރުޝާދު ދިނުމަށް ހަވާލުކުރީ އެންރީކޭ ގެ އެސިސްޓެންޓް ރޮބާޓޯ މޮރޭނޯ އާ އެވެ. ވަގުތީ ގޮތުން މިއަހަރުގެ މާރޗް މަހުގައި ކޯޗަކަށް ހަމަޖެއްސި ނަމަވެސް، ޖޫން މަހުގައި މޮރޭނޯ ސްޕެއިންގެ ދާއިމީ ކޯޗެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ރޭ ޔޫރޯ 2020 ކޮލިފައިންގެ ގްރޫޕް އެފް ގައި ރޫމޭނިއާގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ވެސް ހާޒިރުނުވެ، މޮރޭނޯ ދަނޑު ދޫކޮށް ދިޔައީ ރޮމުން ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މޮރޭނޯ ގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 9 މެޗުން 7 މެޗު މޮޅުވެ އަދި 2 މެޗު ވަނީ އެއްވަރުވެފައެވެ. މެޗަށް ފަހު މޮރޭނޯ ޓީމުގެ ކުޅުންތެރިންނަށް ޔޫރޯގައި ރަނގަޅު ކާމިޔާބަކަށް އެދި ސަލާމްކުރުމުން، ކުޅުންތެރިންނަށް ވަރަށް ބޮޑު ޝޮކެއް ލިބިގެން ދިޔަކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން މިކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ރައީސް ލުއިސް ރުބިއަލެސް އަދި ސްޕޯޓިންގް ޑިރެކްޓަރ ޖޯސް ފްރާންސިސްކޯ މިއަދުގެ ވަގުތެއްގައި ނޫސް ކޮންފަރެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
