ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔުވެންޓަސް އެއްވަރުވުމުގެ ފައިދާ ނަގައި، އިންޓަ އެއްވަނަ އަށް

އިޓާލިއަން ލީގުގައި މިރޭ، ޔުވެންޓަސް އާއި ސަސުއޯލޯ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުގެ ފައިދާ ނަގައި، ސްޕާލް ގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެން އިންޓަ މިލާން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޔުވެންޓަސް އާއި ސަސުއޯލޯ ބައްދަލުކުރި މެޗުގެ 20 ވަނަ މިނެޓުގައި ރޮޑްރިގޯ ބެންޓަކޫރު ތަނަވަސްކޮށްދިން ފުރުސަތަކުން ލިއޮނާޑޯ ބޮނޫޗީ ވަނީ ގޯލެއްޖަހާ ޔުވެންޓަސް އަށް މެޗުގެ ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ފްރާންސިސްކޯ ކަޕޫޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސަސުއޯލޯ ގެ ފޯވާޑް ޖެރެމީ ބޮގާ ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޔުވެންޓަސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަނަމަވެސް ފުރަތަަމަ ހާފުގައި އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތެއް ވަނީ ނުވެފައެވެ.

ދެވަނަ ހާފު ފެށުނުތަނާ މެޗުގެ 47 ވަނަ މިނެޓުގައި ޔުވެންޓަސްގެ ކީޕަރު ބުފޮން އަށް ހެނދުނު ގޯހެއްގެ ފައިދާ ނަގައި، ކަޕޫޓޯ ވަނީ ގޯލެއް ޖަހާ ސަސުއޯލޯ އަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މި ގޯލާއެކު ޔުވެންޓަސް އިން ޓީމަށް ބަދަލުތަކެއް ގެނެސް ކުޅުން ވަރުގަދަކޮށްފައިވެއެވެ. މެޗުގެ 68 ވަނަ މިނެޓްގައި ޑިބާލާ އަށް ސަސުއޯލޯ ގެ ޕެނަލްޓީ އޭރިއާ އެތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުން އެއްވަރުވުމުން ޔުވެންޓަސް ވަނީ 36 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ.

އިންޓަ މިލާން އަދި ސްޕާލް ބައްދަލުކުރި މެޗުގެ 16 ވަނަ މިނެޓުގައި ލަޓާރޯ މާޓިނޭޒް ވަނީ ގޯލެއްޖަހާ އިންޓަ އަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް 41 ވަނަ މިނެޓުގައި އެންޓޯނިއޯ ކަންޑްރޭވާ ތަނަވަސްކޮށްދިން ފުރުސަތަކުން ލަޓާރޯ މާޓިނޭޒް ވަނީ އިތުރު ގޯލެއް ޖަހާ އިންޓަގެ ލީޑު ފުޅާކޮށްދީފައެވެ. ސްޕާލް އިން ކާމިޔާބުކުރި ގޯލު މެޗުގެ 50 ވަނަ މިނެޓުގައި ޖަހައިދިނީ މަޓިއާ ވަލޮޓީ އެވެ. މި މެޗުން ހޯދި މޮޅާއެކީ، 37 ޕޮއިންޓާއެކު އިންޓަ މިލާން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top