އެހެން އެޕްލިކޭޝަނަކަށް ނުވަތަ ވެބްސައިޓަކަށް ޓްރާންސްފަރ ކުރަން ބޭނުންވެފައި ހުރި އެތައް ބައިވަރު ފޮޓޯތަކާއި، ވީޑިއޯތައް ފޭސްބުކް ގައި އެބަހުރިހެއްޔެވެ؟ ހާސްނުވާށެވެ. މިހާރު އެކަން ކުރެވޭނެގޮތް ފޭސްބުކުން ހަދައިފިއެވެ.
މިއަދު ފޭސްބުކުން ތަޢާރަފުކުރި “ޓޫލް” ބޭނުންކޮށްގެން ކިތަންމެ ބައިވަރު ފޮޓޯ އާއި ވީޑިއޯ ހުރިނަމަވެސް “ގޫގުލް ފޮޓޯސް” ފަދަ އެޕްލިކޭޝަންތަކަށް ޓްރާންސްފަރ ކުރެވޭނެއެވެ.
މި “ޓޫލް” އަކީ އެޕަލް، ފޭސްބުކް، ގޫގުލް، ޓްވިޓާ އަދި މައިކްރޯސޮފްޓް ފަދަ ކުންފުނިތައް ގުޅިގެން، މީސްމީޑިއާގެ އެއް އެޕްލިކޭޝަންގައި ހުންނަ ޑާޓާ އަނެއް އެޕްލިކޭޝަންގައި ވެސް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ “އޯޕަން ސޯސް ޑާޓާ ޓްރާންސްފަރ ޕްރޮޖެކްޓް” ގެ ބައެކެވެ. މުސްތަގުބަލުގައި އެހެން މީސްމީޑިއާ ކުންފުނިތަކުން މި ޕްރޮޖެކްޓާ ގުޅޭނެ ކަމަށް ފޭސްބުކުން ބުނެފައިވެއެވެ.
“އަހަރެމެން ގަބޫލުކުރާގޮތުގައި، މީސްމީޑިއާގެ އެއް އެޕްލިކޭޝަން ގައި ޑާޓާ ހިއްސާކޮށްފިނަމަ، އެ ޑާޓާ މީސްމީޑިއާގެ އެހެން އެޕްލިކޭޝަންތަކަށް ފޮނުވެން ޖެހޭނެ.” ފޭސްބުކުގެ ޕްރައިވެސީ ޑިރެކްޓަރު ސްޓީވް ސެޓާފީލްޑް ބުނެފައިވެއެވެ.
ފޭސްބުކުގެ “ސެޓިންގްސް” ތެރޭގައި އަލަށް ތައާރަފްކުރި މި ޓޫލް ބޭނުންކުރެވެން ހުންނާނެކަމަށާއި، މިވަގުތަށް މި ޓޫލް ބޭނުންކުރެވޭނީ ހަމައެކަނި އަޔަލެންޑް ގައި ނަމަވެސް، 2020 ވަނަ އަހަރު މުޅި ދުނިޔެއަށް މި ޚިދުމަތް ހުޅުވާލާނެ ކަމަށްވެސް ފޭސްބުކުން ބުނެފައިވެއެވެ.
