ބަލްފޯރ ޑެކްލަރޭޝަން
“ބްރިޓިޝް ފޮރިން ސެކްރެޓަރީ”ގެ މަގާމުގައި އޭރު ހުރި “އާތާރ ބަލްފޯރ” އަކީ 20 ވަނަ ގަރުނުގެ ކުރީކޮޅު ޔަހޫދީން އިނގިރޭސި ވިލާތަށް ހިޖުރަކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް ފާޑުކިޔައި އަދި އެކަމާއި ދެކޮޅަށް އަޑުއުފުލި މީހެކެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް އިސްކުރުމުން “އާތާރ” ޔަހޫދީންނަށް އެއްބާރުލުންދީ ފަލަސްތީނުގެ ބިން ހޯދައިދިނުމަށް އެތަކެއް މަސައްކަތް ތަކެއް ކުރިއެވެ. މިފަދައިން ކަންތައް ކުރީ ޔަހޫދީން އިނގިރޭސި ވިލާތުގައި ވަޒަންވެރި ނުކުރުމަަށް ކަމުގައި ވެސް ވެދާނެއެވެ. ކުރިން ދެންނެވުނު ފަދައިން “އާތާރ ބަލްފޯރ” އަކީވެސް ފަލަސްތީނާއި އަދި ފަލަސްތީނުގެ ރައްޔިތުންނާއި ބެހޭ ގޮތުން މާބޮޑު މަޢުލޫމާތެއް އެނގިފައިނުވާ މީހެކެވެ. ޔަހޫދީންގެ މަސައްކަތުން ފަލަސްތީނަކީ ބޮޑުބައި ފަޅު އަދި ރަށްފުށު ދިރިއުޅުމެއް އޮއްނަ މަދު ދަނޑުވެރިންތަކެއް އުޅެމުންދާ ބައެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ކުރިއެވެ. ނަމަވެސް ހަގީގަތުގައި، ފަލަސްތީނަކީ އެތަކެއް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދިޔަ ޤައުމެކެވެ. އެތަކެެއް ދާއިރާތަކަކުން އަދި ފަންނީ މަސައްކަތްތަކެއް ކުރަމުން އައި ބައެކެވެ. މިފަދަ ބޮޑު އޮޅުވާލުމެއް ދުނިޔެ ދެކިފައި ވޭހެއްޔެވެ؟
17 ޖުލައި 1917 ވަނަ އަހަރު ލަންޑަނުގެ ހޮޓަލެއްގެ ނޯޓު ކަރުދާހެއްގައި ޒަޔަނިސްޓުންގެ ބޭނުންތައް ލިޔުނެވެ. އެއީ ފަލަސްތީނު ޔަހޫދީ ދައުލަތަކަށް ހެދުމެވެ. މި ލިޔުން ލިޔުނީ އިނގިރޭސި ނޫސް މަޖައްލާއެއް ކަމަށްވާ ގާރޑިއަން ގެ ނޫސްވެރިޔާ “ހެރީ ސެކަރ” ނަމަކަށް ކިޔުނު ޒުވާން ނޫސްވެރިއެކެވެ. މި ލިޔުން ވެގެން ދިއައީ މެދު އިރުމަތީގެ އަދި ދުނިޔޭގެ ތާރީޚު ބަދަލު ކޮށްލަނިވި ލިޔުމަކަށެވެ.

މި ލިޔުމުގައި ޔަހޫދީން އަލުން ފަލަސްތީނުގައި ވަޒަންވެރި ކުރުމަށް ލިޔެވިފައިވެއެވެ. މި ލިޔުމުގައި އެތަކެއް ފަހަރު “އަލުން ވަޒަންވެރި ކުރުމަށް” ލިޔެފައިވަނީ ފަލަސްތީނުގެ ބިމަކީ އެތަކެއް ޒަމާނުއްސުރެ ޔަހޫދީން އުޅެ، ޔަހޫދީންގެ ހައްޤެއް ކަމަށް ދޭހަކޮށްދިނުމަށެވެ. މި ލިޔުމުގައި ފަލަސްތީނުގެ ވަޒަންވެރިންގެ އެއްވެސް މަޢުލޫމާތެއް ގެނެސްދީފައި ނުވެއެވެ. މިއީ ހަޤީޤަތާއި ޚިލާފު މަޢުލޫމާތު ތަކެއް ކަމަށް ވިޔަސް މިލިޔުމުގެ ސަބަބުން ޒަޔަނިސްޓުންގެ އެދުން އެބައި މީހުންނަށް ފުރިހަމަކުރެވުނެވެ. މި ލިޔުން ވެގެންދިއައީ “ބަލްފޯރ ޑެކްލެރޭޝަން” ގެ އަސްލުކަމުގައެވެ.
1917 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި އިނގިރޭސި ފޮރިން ސެކްރެޓަރީ އާތާރ ބަލްފޯރ ސޮއިކޮށް ޒަޔަނިސްޓު ވެރިއެއް ކަމަށްވާ ލޯޑް ރޮތުސްޗައިލްޑަށް ފޮނުވި ސިޓީގައި ޔަހޫދީންނަށް ހަމްދަރުދީ ވާކަމާއި އަދި ފަލަސްތީނުގައި ޔަހޫދީން ގެދޮރު އަޅައި އެބިމުގައި ވަޒަންވެރި ވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް އިނގިރޭސި ސަަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދިނެވެ. “ނޮން ޖިއު ކޮމިއުނިޓީ” ނުވަތަ ޔަހޫދީން ނޫން އެހެން މީހުންގެ ދީނީ މިނިވަންކަމާއި އަމާންކަމަށް ބުރޫ ނާރާނެގޮތެއްގައި އެކަން ކުރުމަށް އެންގިއެވެ. “ނޮން ޖިއު ކޮމިއުނިޓީ” މި ފަދައިން ލިޔުމުން ދޭހަކޮށްދެނީ އާބާދީއިން މަދު ބައެއްގެ ގޮތުގައެވެ. ނަމަވެސް %90 އަރަބިންގެ އާބާދީ އަކަށް ނިސްބަތްކޮށް ކުދި އާބާދީތަކަށް ނިސްބަތް ކުރާ އިބާރާތެއް ބޭނުންކޮށްފައި ވަނީވެސް ޔަހޫދީންގެ ނުބައި ރޭވުމުންނެވެ. މި ސިޓީއަކީ “ބަލްފޯރ ޑެކްލެރޭޝަން” އެވެ. ފަލަސްތީނުގެ އަމަން އަމާންކަން ނެތި ދިއުމުގެ ފެށުމެވެ.

