އިންޑިޔާގެ ރައިޕޫރުގައި މިމަހު އޮންނަ ނޭޝަނަލް ޑާންސް ޓްރައިބަލް ފެސްޓިވަލް އަށް، މަޝްހޫރު ބޮޑުބެރު ގްރޫޕް “ބިދަބިން” ފުރުމަށް ތައްޔާރުވެއްޖެއެވެ.
މިމަހު 27 ން 29 އަށް އޮންނަ މި ފެސްޓިވަލް އަށް ބިދަބިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހު 25 ގައި ކަމަށް ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) މުނިއަވަސް އަށް ބުންޏެވެ.
“ސަގާފީ އައިޓަމްތަކެއް ބިދަބިން އިން ދައްކައިލާނީ ބޮޑުބެރާވެސް އެކުގަ.” އާއްކޮ ބުންޏެވެ.
ބިދަބިން އިން މި ފެސްޓިވަލް އަށް ދަނީ އަމިއްލައަށް ބައިވެރިވެގެން ކަމަށްވެސް އާއްކޮ މަޢުލޫމާތު ދެއެވެ.
މިއީ ވަރަށް ގިނަ ގައުމުތަކުންނާއި އިންޑިޔާގެ ވަރަށް ގިނަ ސަރަހައްދުތަކުން ބައިވެރިވާ ބޮޑު ފެސްޓިވަލް އެކެވެ.
މި ފެސްޓިވަލް އިން އެއްވަނައަށްދާ ފަރާތަކަށް 20 ލައްކަ އިންޑިޔަން ރުޕީސް، ދެވަނައަށްދާ ފަރާތަކަށް 12 ލައްކަ އަދި ތިންވަނައަށްދާ ފަރާތަކަށް 8 ލައްކަ އިންޑިޔަން ރުޕީސް ދިނުމަށް ހަމަޖެހިފައިވެއެވެ.
