ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، އިތުރު 35 މީހުން ރަނގަޅުވެ، ޝިފާ ލިބުނު މީހުންގެ އަދަދު 488 އަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު 35 މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށާއި، ޖުމުލަ އަދަދު 488 އަރާފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް މިހާތަަނަށް 1829 މީހަކު ފައްސިވެފައި ވާއިރު، އެބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 6 މީހަކު ނިޔާވެފައެވެ. އަދި، ކަރަންޓީނުގައި 1403 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1245 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
