ރާއްޖޭގެ ފުޓްބޯޅަ އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ފުޓްބޯޅައިގެ ހަރަކާތްތަކުން ރާއްޖެ “ސަސްޕެންޑް” ކުރަން ޖެހިދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅަ އާ ބެހޭ މައި އިދާރާ ފީފާ އިން ބުނެފިއެވެ.
ފީފާ އިން މިފަދަ އިންޒާރެއް ދީފައި މިވަނީ އެފްއޭއެމް އާއި ބެހޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާ އޭގެ އާ މެދު ބަހުސް ކުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން އެފްއޭއެމް އިން ފޮނުއްވި މެއިލް އަކަށް ޖަވާބު ދެއްވަމުން ފީފާ އިން ބުނެފައި ވަނީ، އެ ފެޑެރޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް އެއްވެސް ނުފޫޒެއް ނެތި، މިނިވަން ކަމާއެކު، އެފްއޭއެމް ހިންގުމުގެ ފުރުސަތު އޮޮންނަންވާނެ ކަމަށާއި، އެކަމަށް ހުރަސް އެޅުމަށް ތިން ވަނަ ފަރާތަކުން އެފްއޭއެމް އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ، ފުޓުބޯޅައިގެ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ދެ ދުވަސް ފަހުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ އެސޯސިއޭޝަނުގެ ޤަވާއިދާއި އެއްގޮތަށް އެއްވެސް ނުފޫޒެއް ނެތި، މިނިވަން ކަމާއި އެކު އިންތިޚާބު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ފީފާ އިން ބުނެފައިވެއެވެ. އަދި، މި ކޮންގްރެސް އަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ، އެކަން ވީހާވެސް އަވަހަކަށް ފީފާ އަށް އެންގުމަށް ވެސް އެ ފެޑެރޭޝަނުން ބުނެފައިވެއެވެ.
