މީގެ ފަނަރަ އަހަރު ކުރިން ޓީވީއެމް އިން ގެނެސްދިން މަޤުބޫލު ޑްރާމާ ސިލްސިލާ “ވައިރޯޅިއަށްވެސް ސިއްރުން” ބައިސްކޯފުން ދައްކަން ނިންމައިފިއެވެ.
ބައިސްކޯފުގެ ފޭސްބުކް ޕޭޖުގައި މި ޑްރާމާ ސިލްސިލާގެ އިސްތިހާރެއް އަދާހަމަ ކުރަމުން ބުނެފައިވަނީ މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރެއިން ފެށިގެން ބައިސްކޯފުން މި ސިލްސިލާ ސްޓްރީމްކުރަން ފަށާނެ ކަމަށެވެ.
https://www.facebook.com/baiskoafu/videos/599859830905932/?t=13&v=599859830905932
ދިވެހި ފިލްމީ ދާއިރާގެ “މަންމަ”ގެ ލަޤަބު ދީފައިވާ ޢާރިފާ އިބްރާހީމް ޑައިރެކްޓްކުރި 52 އެޕިސޯޑްގެ މި ޑްރާމާ ސިލްސިލާއަކީ އޭރު ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވި މަޝްހޫރު ވަރަށް ގިނަ ތަރިން ހިމެނުނު ޑްރާމާ ސިލްސިލާއެކެވެ. ކުރީގެ ބަތަލާ ނިޢުމާ މުޙައްމަދާއި އަޙްމަދު އާސިމް އަދި ލުފްޝާން ޝަކީބް (ލޫއްޕެ) މައިގަނޑު ރޯލުތައް ކުޅުނު މި ސިލްސިލާގެ އިތުރު ތަރިންގެ ތެރޭގައި ޚަދީޖާ އިބްރާހީމް ދީދީ (ކުޑަ ޚައްޖަ)، އަޙްމަދު އަޒްމީލް (އަޒޭ)، އާމިނަތު ރަޝީދާ (ޔާރާ އައިންތު)، ޢަލީ ޝަމީލް، މަރިޔަމް ޝަކީލާ، އާމިނަތު ޝަރީފް އަދި ވަލީދާ (ކުޑަ) ފަދަ ތަރިން ހިމެނެއެވެ.
ލޯތްބާއި އޯގާތެރިކަމާއި އެކުވެރިކަމާއި ޢާއިލީ ގުޅުން، ދެކޮޅުވެރިކަމާއި ނަފުރަތަށް ބަދަލުވެގެން ދާގޮތް ދައްކުވައިދިން މި ރީތި ޑްރާމާ ސިލްސިލާގެ ވާހަކަ ލިޔެފައިވަނީ ޝަރީފާ ފަޚްރީއެވެ.
