ސްކްރީން ރައިޓަރ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މުޙައްމަދު ނިޔާާޒް (ޓެޑްރީ) ޑައިރެކްޓްކުރާ ދެވަނަ ފީޗާ ފިލްމު “ލަސްވިޔަސް”ގެ ކާސްޓް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ބުނެފިއެވެ.
މިމަހު 22 ވަނަ ދުވަހު ޓެޑްރީ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ‘ލަސްވިޔަސްގެ ކާސްޓިން ކުރިއަށްދާ ކަމަށެވެ.
#lasviyas casting in progress 🎭 🎥 pic.twitter.com/gSkNEIAluU
— ⚫️⚪️TEDRY🎈❓ (@tedry) July 22, 2020
ކޮވިޑް-19ގެ ކަންތައް ގަނޑު ރާއްޖެއަށް ލައިގަތް ހިސާބުގައި މުނިއަވަސް އަށް ޓެޑްރީ ބުނީ ކޮވިޑް-19ގެ ކަންތައް ފެށުނީ ފިލްމުގެ ޝޫޓިންއަށް ފުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
ފަސް ލަވަ ހިމެނޭ “ލަސްވިޔަސް” އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.
“ލަސްވިޔަސް”ގެ ޓީޒާއެއް 2017 ވަނަ އަހަރު ޓެޑްރީގެ ޔޫޓިއުބް ޗެނަލުން ވަނީ އާއްމުކޮށްފައެވެ. ޓީޒާގައި ފެނިގެންދަނީ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހިމް އެވެ. ޓީޒާ ފެށޭއިރު އިވެނީ “ކައިވެނީގެ އަމާޒުކަމުގާ…” ލަވައެވެ.
މިހާރު ބައިސްކޯފުން ވެސް ބަލައިލެވެން ހުރި “ސަޅިބައިސާ” ސީރީޒް އަކީ މުޙައްމަދު ނިޔާޒް (ޓެޑްރީ) ގެ ޑައިރެކްޝަން ތަކުން ބެލުންތެރިނަށް ތަފާތެއް ދައްކުވައިދިން ސީރީޒް އެކެވެ. އެއަށްފަހު ޓެޑްރީ ގެ ޑައިރެކްޝަނަކަށް ފެނުނީ ދިވެހި ސިނަމާއަށް ބޭނުންވެފައިވާ ތަފާތު ދައްކުވައިދިން ފިލްމު “ދެރިޔާ” އެވެ. އެ ފިލްމު ރިލީޒްކުރީ 1994 ގައެވެ. އޭގެ ފަހުން ޓެޑްރީ ޑައިރެކްޓް ކޮށްފައިވާ ފީޗާ ފިލްމެއް އަދި މިވަނީ ފެންނަވަރު ނުވެފައެވެ. ނަމަވެސް ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމަށް “ބިތުފަންގި”ގެ ނަމުގައި އުފެއްދި ކާމިޔާބު ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ޓެޑްރީކަން ފާހަގަކޮށްލަން ޖެހެެއެވެ.
