ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން އުފައްދާ ސިންގަޅަ ފިލްމު “ކައުޝީ“ގެ ރަސްމީ ޕޯސްޓަރު މިއަދު ނެރެފިއެވެ.
މުނިއަވަސް މިއަދު ސީޒަން ބުނީ ފިލްމުގެ ޑަބިންގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ސްޕެޝަލް އިފެކްޓްސްގެ މަސައްކަތްތައް ކަމަށެވެ.
“ދެން ހަމަ ލޮކްޑައުން ނިމޭހާ އަވަހަކަށް ލަންކާގަ ދެތިން ހަތަރު ޕާޓީއެއް އެބަ އޮތް ޑިސްޓްރިބިއުޝަން ހަދަން ފިލްމުގެ ޓީމާއެއްކޮށް މީޓްކުރަން ރެޑީގަ. އެހެންވީމަ އެއަށް ރެޑީވާން މިހާރު ކުރާ މަސައްކަތަކީ.” ސީޒަން ބުނީ ލޮކްޑައުން ނިމި ލަންކާ އަށް ދަތުރުކުރުމަށް ހުޅުވައިލެވުނުހާ އަވަހަކަށް ލަންކާއަށް ގޮސް ފިލްމުގެ ޑީލްގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.
“ކައުޝީ“އަކީ ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ސިންގަޅަ ބިރުވެރި ފިލްމެވެ. ފިލްމު ޑައިރެކްޓްކުރީ ޢަލީ ސީޒަން އެވެ. ފިލްމުގެ މަންޒަރުތައް ނެގީ ޝިވާޒް (މާސްކޭ) އެވެ. ފިލްމު އެޑިޓް ކޮށްފައި ވަނީ ވެސް އަލީ ސީޒަން އެވެ.
“ކައުޝީ“ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.
މިއީ ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ އިބްރާހީމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.
މުނިއަވަސް އަށް ސީޒަން ބުނީ ފިލްމުގެ ދިވެހި ވާޝަންއެއް ނެރޭނެ ކަމަށާއި ތާރީޚެއް ހާމަކުރެވޭނީ ލަންކާގައި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފައިނަލް ވުމަށްފަހުގައި ކަމަށެވެ.
