“ގަލީ ބޯއީ” އިން ބޮލީވުޑަށް ތަޢާރަފުވި ޒުވާން ބަތަލު ސިދާންތު ޗަތުރްވެޑީ މިހާރު ކުޅެމުން އަންނަ “ޔުދްރާ”ގެ ޕޯޗުގަލް ޝޫޓިންގ ނިންމާލައިފިއެވެ.
ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ލީޑުގައި ސިދާންތުގެ އިތުރުން ހަރަކާތްތެރިވަނީ އާންމުކޮށް މަލަޔާލަމް އާއި ތަމަޅަ ފިލްމުތައް ކުޅޭ މަލަވިކާ މޮހަނަންއާއި ރާގަވް ޖުޔަލްއެވެ.
އަންނަ އަހަރުގެ މެދުތެރޭ ރިލީޒްކުރަން ނިންމާފައިވާ، އަދި ތާރީޚު އިޢުލާނު ނުކުރާ މި ރޮމޭންޓިކް އެކްޝަން ތުރިލާއަކީ ރަވީ އުދައިވަރް ޑައިރެކްޓްކުރާ ފިލްމެކެވެ.
“ޔުދްރާ”ގެ އިތުރުން ސިދާންތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިފައި އޮތް “ބަންޓީ އޯރް ބަބްލީ 2” އާއި ދީޕިކާ ޕަޑުކޯނާއެކު ކުޅުނު ޝަކުން ބަޓްރާގެ ނަން ހާމަނުކުރާ ފިލްމަކާއި ކެޓްރީނާ ކައިފްއާއި އިޝާންއާއެކު ކުޅޭ “ފޯން ބޫތު”ގެ އިތުރުން އަނަންޔާ ޕާންޑޭއާއި އަދަރްޝް ގޯރަވްއާއެކު ކުޅޭ “ކޯ ގަޔޭ ހަމް ކަހާނ” ހިމެނެއެވެ.
