ބޮލީވުޑް ބަތަލާ ރަވީނާ ޓަންޑަންގެ ފުރަތަމަ ވެބް ސީރީޒް “އަރަނިޔަކް” ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ރަވީނާ ޕޮލިސް އޮފިސަރެއްގެ ރޯލުން ފެނިގެންދާ މި ވެބް ސީރީޒްގައި ރަވީނާގެ އިތުރުން ލީޑުން ފެނިގެންދާނީ ޕަރަމްބްރަތާ ޗަޓަރްޖީ އާއި އަޝޫތޯޝް ރާނާއެވެ. މައިގަނޑު އެހެން ރޯލުތައް ކުޅެފައިވަނީ މެގްނާ މާލިކް އާއި ޒާކިރް ޙުސައިން އާއި އިންދްރަނީލް ސެންގުޕްތާއެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި މި ސީރީޒްގައި ދައްކުވައިދޭނީ އަންގަދު މާލިކް (ޕްރަމްބްރަތާ)، ރަވީނާ (ކަސްތޫރީ) ގެ މަޤާމަށް ބަދަލުކުރުމުން އެ ދެމީހުންގެ މެދުގައި އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި، ސިރޯނާގެ ޓައުންއެއްގައި ހިނގާ ގޮތް ނޭނގޭ ކަންތައްތަކެކެވެ. ޒާތީ މައްސަލަތައް އެއްފަރާތް ކޮށްލާފައި އެ ހާދިސާގެ ޙަޤީޤަތް ހޯދުމަށް ކަސްތޫރީ، އަންގަދުއާއި އެއްކޮށް މަސައްކަތް ފެށުމަށްފަހު ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެތައް މަންޒަރެއް ޓްރެއިލާއިން ފެނިގެންދެއެވެ.
ލެޔަށް ފެން ބޮވައިގެންފައިވާ ފުރޭތަ ނިކުންނާނީ ކޮންމެ ހަނދުކޭތަ ހިފާ ރޭތަކުގައި އެކަނި ކަމަށް ބުނެ އަޝޫތޯޝް ދޭ އިންޒާރަކީވެސް ސަސްޕެންސް އިތުރުކޮށްލާ އިންޒާރެކެވެ. ޖަންގަލީ ތެރޭގައި އެ އުޅޭ ފުރޭތައިގެ ޙަޤީޤަތާއި މާ ލަސްނުވަނީސް ރަވީނާގެ ޓީމަށް އޭގެ ޙަޤީޤަތް ހޯދައި އެކަން ހައްލު ކުރެވޭނެތޯ ބަލައިލަން ޖެހޭނީ އަދި ކުޑަ އިންތިޒާރެއް ކޮށްލާށެވެ.
ރޯއީ ކަޕޫރް ފިލްމްސް އާއި ރަމޭޝް ސިއްޕީ އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް ވިނޭ ވެއިކުލް ޑައިރެކްޓްކޮށްފައިވާ މި ވެބް ސީރީޒް ޕްރިމިއާކުރަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ގައި ނެޓްފްލިކްސް އިންނެވެ.
