އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އަކްޝޭ ކުމާރްގެ “އަތުރަންގީ ރޭ” ގެ ފުރަތަމަ ލަވަ ދައްކާލައިފިއެވެ.
“ޗަކަ ޗަކް” ގެ ނަން ދީފައިވާ މި ލަވައިގައި ހަރަކާތްތެރިވަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ސާރާ ޢަލީ ޚާން އާއި ދަނޫޝް އެވެ. ޝްރެޔާގެ ގޯޝާލްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ މި ލަވައިގައި ސާރާގެ ފަރި ހަރަކާތްތަކެއް ފެނިގެންދާއިރު، ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީފައިވަނީ ފަހުގެ ގިނަ ފިލްމުތަކަށް ނެށުންތައް ތައްޔާރުކޮށްދޭ ވިޖޭ ގަންގޫލީ އެވެ.
އޭ. އާރް ރަޙްމާންގެ މިއުޒިކަށް އިރުޝާދު ކަމިލް ލަވައިގެ ޅެން ހަދައިދީފައިވާއިރު، މި ފިލްމުގެ ލަވަތައް ޑިސްޓްރިބިއުޓް ކުރަނީ ބުޝަން ކުމާރްގެ ޓީ-ސީރީޒުންނެވެ. މިއަދުގެ ވަގުތެއްގައި ލަވަ ރިލީޒްކުރިއިރު މިހާތަނަށް މި ލަވައަށް 4.1 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
ހިމާންޝޫ ޝަރްމާގެ ސްކްރީންޕްލޭ އަކަށް އާނަންދު އެލް. ރާއީ ޑައިރެކްޓްކޮށްފައިވާ މި މިއުޒިކަލް ރޮމޭންޓިކް ޑްރާމާ “އަތުރަންގީ ރޭ” ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޑިސްނީ ޕްލަސް ހޮޓްސްޓާއިންނެވެ.
