ބޮލީވުޑް ބަތަލު އަބީޝެކް ބައްޗަން ނުކިޔަވާ ހުރި ސިޔާސީ މީހެއްގެ ރޯލުން ފެނިގެންދާ “ދާސްވީ” ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމައިފިއެވެ.
އަބީޝެކް އާއެކު ލީޑުން ފެނިގެންދާ ޔާމީ ގޯތަމް އައިޕީއެސް އޮފިސަރެއްގެ ރޯލު ކުޅޭއިރު ދެން އެންމެ މުހިންމު ރޯލަކުން ފެނިގެންދާނީ ނިމްރަތު ކައުރް އެވެ. މިއީ އަބީޝެކްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާ ފެނިގެންދާނެ އެންމެ ތަފާތު އެއް ރޯލަށް ވާނެކަމަށް ޚަބަރުތައް ބުނެއެވެ.
އިޖުތިމާޢީ މައްސަލަތަކެއް މަޖާ ގޮތަކަށް ގެނެސްދޭ މި ފިލްމަކީ ރާމް ބަޖްޕާއީގެ ވާހަކައަކަށް ރިތޭޝް ޝާހް ސްކްރީންޕްލޭ ތައްޔާރުކޮށްދީފައިވާ ފިލްމެކެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ “ޝުއްދު ދޭސީ ރޮމޭންސް”، “އޭބީސީޑީ 2” އަދި “ޗަންދީގަޅް ކަރޭ އާޝިޤީ” ފަދަ ފިލްމުތަކަށް ހިތްގައިމު ލަވަތަކެއްގެ މިއުޒިކް ތައްޔާރުކޮށްދިން ސަޗިން-ޖިގަރް އެވެ.
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ޖިއޯ ސިނެމާއާއި ގުޅިގެން އުފައްދާފައިވާ ސޯޝަލް ކޮމެޑީއެކެވެ. ފިލްމު ޑައިރެކްޓްކުރަނީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ ތުޝާރް ޖަލޯޓާ އެވެ.
“ދާސްވީ” ޕްރިމިއާކުރަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ނެޓްފްލިކްސް އަދި ޖިއޯ ސިނެމާ ސްޓްރީމިންގ އެޕްގައެވެ.
