މިދިޔަ މާރިޗު މަހު ސްޓްރީމްކުރި ޕާކިސްތާން ވެބް ސީރީޒް “ބާރްވަން ކިލާޅީ” ޕާކިސްތާން ޗެނަލް އެކްސްޕްރެސް ޓީވީއިން ދައްކާގޮތަށް ނިންމައިފިއެވެ.
ދާނިޔަލް ޒަފަރް، ކިންޒާ ހަޝްމީ، ޝާހްވީރް ޖަފްރީ، ފަވާދު ޚާން އަދި ޚާޤާން ޝާހްނަވާޒް އިސް ރޯލުތަކުން ފެނިގެންދާ “ބާރްވަން ކިލާޅީ” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ސަބާ ފައިސަލް، މީރް ޔޫސުފް، ޒައްރާރް ޚާން، ސަރްމަދު ޚޫސަތު އަދި އުސްމާން ޕީރްޒާދާ ފަދަ ތަރިން ހިމެނެއެވެ.
“ބާރްވަން ކިލާޅީ” ގައި ކިޔައިދެނީ ކްރިކެޓް ލީގެއް ކަމަށްވާ ލާހޯރް ސުޕަ ލީގުގައި ކުޅުމަށް އުންމީދުކޮށް އަކްބަރް ނަމަކަށް ކިޔާ ޒުވާނަކު ކުރާ މަސައްކަތެވެ. އަދި އޭނާގެ ބުރަ މަސައްކަތުން ފުރަތަމަ އެގާރައިގައި ކުޅެން ހޮވިފައިވަނިކޮށް އެންމެ ފަހު ވަގުތު އޭނާގެ ބަދަލުގައި ޖަހަންގީރް ފުރަތަމަ އެގާރައިގައި ކުޅުމަށް ހަމަޖެއްސުމުން ކަންތައް ވެގެން ދާގޮތެވެ.
ޝާހިދު ދޯގަރް ލިޔެ، އަދްނާން ސަރްވަރް ޑައިރެކްޓްކޮށްފައިވާ “ބާރްވަން ކިލާޅީ” އަކީ މާހިރާ ޚާން އާއި ނީނާ ކަޝިފް ޕްރޮޑިއުސްކޮށްފައިވާ ޑްރާމާއެކެވެ.
މިހިނގާ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ރޭ އެކްސްޕްރެސް ޓީވީން “ބާރްވަން ކިލާޅީ” ދައްކަން ފަށާއިރު، މި ޑްރާމާގެ އެޕިސޯޑްތައް ދައްކަން ހަމަޖައްސާފައިވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.
