ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ޢަބްދުއްސަމީޢު (އަކަސަކަ ސަމީޢު) އަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވަމުން އަންނަ “މޯލްޑިވްސް ޓޫރިޒަމް ގޯލްޑަން ޔަރ ޓޯކަން އޮފް އެޕްރިސިއޭޝަން” ކޮއިން އަރުވައިފި އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ލަވަކިޔުމުގެ ރޮނގުން ސަރުކާރުން ދެއްވާ އާއްމު ޚިދުމަތުގެ އިނާމު 2007 ވަނަ އަހަރު ލިބިފައިވާ ޢަބްދުއްސަމީޢު ލަވަޔާއި މިޔުޒިކުގެ ދާއިރާއަށް ނުކުތީ، އުމުރުން 15 އަހަރުގައި “ޕްލޫޓޯ” ބޭންޑުގެ ނަމުގައި ބޭންޑެއް ހަދައިގެންނެވެ.
މަދްރަސީ ދައުރު ނިންމުމަށްފަހު “އެމޭޒަން ޖޭޑް” ބޭންޑްގައި ފަސް އަހަރު ވަންދެން ހަރަކާތްތެރިވިއެވެ. އޭގެ ފަހުން “ފްރީޒް” ބޭންޑުގައިވެސް ދެއަހަރެއްހާ ދުވަހު ބޭންޑް ލީޑަރެއްގެ ގޮތުން މަސައްކަތް ކުރިއެވެ.
“އަކަސަކަ”ގެ ނަމުގައި އަމިއްލަ ބޭންޑެއް އުފައްދައިގެން މަސައްކަތް ކުރަން ފެށި ހިސާބުން ސަމީޢުގެ މަޝްހޫރުކަން އިތުރުވެ، ޑިމާންޑް ބޮޑު ލަވަކިޔުންތެރިއަކަށް ވެގެންދިޔައެވެ.
ސަމީޢު އެންމެ ވަރުގަދައަށް ވިދަން ފެށި ދުވަސްވަރު މަސައްކަތްކުރީ އަމިއްލަ އުފެއްދުންތައް ޢާންމުންނާ ހަމައަށް ގެނެސްދިނުމަށެވެ. މިގޮތުން ތަފާތު އެތައް އަމިއްލަ ރާގުތަކެއްގެ ރީތި ލަވަތަކެއް ގެނެސްދިނެވެ. އޭގެ އިތުރުން މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި “އަކަސަކަ” ބޭންޑުން ވަރުގަދަ ޝޯތަކެއް ހުށައެޅި އެވެ.
2007 ވަނަ އަހަރު އާއްމު ޚިދުމަތުގެ އިނާމު ލިބުނު އިރު 300 އަށްވުރެ ގިނަ ލަވަ ސަމީޢު ކިޔާފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ނެރުނު “ދޮންދޫނި” އަލްބަމަށް ވަރަށްބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

2017ވަނަ އަހަރު ޕީއެސްއެމުން ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ބައިވެރިންގެ ހުނަރު ނެރުމުގެ މަސައްކަތުގައި ކޯޗެއްގެ ގޮތުގައި ވެސް ސަމީޢު ހަރަކާތްތެރިވި އެވެ. އުމުރުން އެންމެ ބާރަ އަހަރުގައި މިއުޒިކް ތެރެއަށް ނުކުތް ސަމީޢުއަކީ މިއަދުވެސް ހަމަ މިފަންނުގައި މަސައްކަތްކުރަމުން އަންނަ ފަންނާނެކެވެ.
